ދެ ވަނަ ބުރުގެ މެޗުގައި ރޭ ސައުދީ އަރަބިއާ ބަލިކޮށް ދެކުނު ކޮރެއާ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ގަތަރުގައި ކުރިއަށްދާ މުބާރާތުގައި ވަރުގަދަ ދެ ޓީމުގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީ ޖަހައިގެން ދެކުނު ކޮރެއާ މޮޅުވީ 2-4 އިންނެވެ.
މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ސައުދީ އިން ލީޑު ނެގި އެވެ. އެ ޓީމުން ގާތްގަނޑަކަށް މޮޅު ކަށަވަރުކޮށްފައި ވަނިކޮށް ދެކުނު ކޮރެއާ އިން އެއްވަރުކުރީ އިތުރު ވަގުތުގެ ނުވަ ވަނަ މިނެޓުގަ އެވެ. އެ އިތުބާރާ އެކު ނުކުމެ ޕެނަލްޓީގައި ދެކުނު ކޮރެއާ ކުރި ހޯދީ އެވެ.
މެޗުގައި ދެކުނު ކޮރެއާ ވަނީ ހަތަރު ޕެނަލްޓީ ވެސް ވައްދާލާފަ އެވެ. ސައުދީ ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ބޭކާރުވި އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގެ ފަހު މެޗުތައް އޮންނާނީ މިއަދު އެވެ. މިއަދުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ބަހްރޭން އާއި މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ޖަޕާން އެވެ. ގަދަ 16 ގެ ފަހު މެޗުގައި ކުޅޭނީ އީރާން އާއި ސީރިޔާ އެވެ.
އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ތަޖިކިސްތާން ކުޅޭނީ ޖޯޑަންއާ އެވެ. ތަޖިކިސްތާނުން ދެ ވަނަ ބުރުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް ކަޓުވާލިއިރު ޖޯޑަން އިން ވަނީ އިރާގް ބަލިކޮށްފަ އެވެ.
ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި ދެކުނު ކޮރެއާ ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. މުބާރާތް ބާއްވާ ގަތަރު ކުއާޓާ ފައިނަލުގައި ވާދަކުރާނީ އުޒްބެކިސްތާނާ އެވެ.
ކުއާޓާ ފައިނަލް މެޗުތައް އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ކުޅޭއިރު ސެމީ ފައިނަލް އޮންނާނީ ފެބްރުއަރީ 6 އަދި 7 ވަނަ ދުވަހު އެވެ.
އޭޝިއަން ކަޕްގެ ފައިނަލް މެޗު އޮންނާނީ ފެބްރުއަރީ 10 ވަނަ ދުވަހު އެވެ.