ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އެމްޑީޕީން ގެނެސްފައިވާ އިސްލާހުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު މާނަކޮށްފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށްކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު މާނަކުރުމަށް މަޖިލީހުގެ ޤަވާއިދަށް އިތުރުކުރި މާއްދާތަކަކީ ޤާނޫނު އަސާސީއާ ޚިލާފު މާއްދާތަކެއްކަމަށްވާތީ އެ މާއްދާތައް ބާތިލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 28 ޖަނަވަރީގައި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމަށް ނަގާ އިތުބާރުނެތްކަމުގެ މައްސަލައެއް ފާސްކޮށް އެ ދެ ބޭފުޅުން މަޤާމުން ވަކިކުރެވޭނީ މުޅި މަޖިލީހުގެ އަޣުލަބިއްޔަތުން އެގޮތަށް ފާސްކޮށްގެންނެވެ. ކުރިން މުޅި މަޖިލީހުގެ އަޣުލަބިއްޔަތު ގުނުމުގައި މުޅިން މަޖިލިސްކަމަށް ބަލަނީ މަޖިލީހުގެ ހުރިހާ ގޮނޑިއެއްގެ އަދަދަށެވެ.
މިފަދައިން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނިކޮށް މުޅި މަޖިލީހުގެ މާނަކުރުން ބަދަލުކުރުމަށް އެމްޑީޕީން ހުށަހަޅައި މަޖިލީހުގެ ޤަވާއިދުވަނީ އިސްލާހުކޮށްފައެވެ. މިހާރު މުޅި މަޖިލީހުގެ އަޣުލަބިއްޔަތު މާނަކުރަނީ މިހާރު މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ ބާކީ ހުރި ގޮނޑިތައް އެކަނި ގުނައިގެންނެވެ. އެ އިސްލާހާއެކު މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދުގެ ގޮތުގައި ބަލާ އަދަދު 87 އިން 80 އަށް ތިރިވާނެއެވެ. އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރުންގެ ވޯޓުން އެކަނި ރައީސް އަޒުލުކުރެވޭނެއެވެ.
މި އިސްލާހާއެކު މިވަގުތު މަޖިލީހުގައި އޮތް އެމްޑީޕީގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ މަޤާމުން އަޒުލުކުރެވިދާނެއެވެ. އަދި އެމްޑީޕީން އަންނަނީ ރައީސް މަޤާމުން އަޒުލުކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެމަނިކުފާނު އަޒުލުކުރަން އިތުބާރުނެތްކަމުގެ ވޯޓު ނަގަން ހުށަހެޅުމަށް ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއި ހަމަކޮށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ބުނެފައިވެއެވެ.
އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެއްވެސް ސަބަބަކާހުރެ ގޮނޑިއެއް ހުސްވެފައިވާނަމަ އެ ގޮނޑި ހިމަނައިގެން މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު ގުނުމަކީ ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގައި މަޖިލީހުގެ ޖުމްލަ އަދަދު ބަޔާންކޮށްފައިވާ ގޮތާ ޚިލާފު މާނަކުރުމެއް ކަމަށެވެ.
އަދި މިފަދައިން މާނަކުރުމަކީ ޤާނޫނު އަސާސީގެ 86 ވަނަ މާއްދާއާއި 87 ވަނަ މާއްދާއާއި 88 ވަނަ މާއްދާއާއި ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ އެހެނިހެން މާއްދާތަކާ ތައާރަޟުވާ މާނަކުރުމެއްކަމުގައިވެސް އޭޖީ އޭޖީ އޮފީހުން ބަޔާންކުރިއެެވެ.
އަދި މިފަދައިން ޤާނޫނު އަސާސީގައި ބަޔާންކުރާ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު މާނަކުރުމަކީ ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ހ)އިން ލިބެދޭ ޤަވާއިދު ހެދުމުގެ ބާރުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ އިތުރުކުރި މާއްދާތައް ބާތިލުކުރުމަށް ސުޕްރީމް ކޯޓުގައި އޭޖީ އޮފީހުން އެދިފައިވެއެވެ.