މިހިނގާ 2024 ވަނައަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ގެނެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޔޫތު "ހެކަތަން" އިފްތިތާހު ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ޓާގެޓަކީ 2 މިލިއަން ފަތުރުވެރިން މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނައުން ކަމަށެވެ. އަދި ޗައިނާ އަދި އިންޑިއާގެ މާކެޓު އެއްވަރެއްގައި ހިފެހެއްޓިއްޖެނަމަ މިއަހަރު ނިމުމުގެ ކުރިން 2.3 މިލިއަނަށް ޓޫރިސްޓް އަރައިވަލް އަރާނެކަމުގެ އުއްމީދު ވަރަށް ބޮޑަށް އެބައޮތްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މޯލްޑިވްސް މާކެޓިންގ ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެކު ޓޫރިޒަމް މިނިސްޓްރީން މިކަމުގައި މުހިއްމު މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ކުރާނެ އެއް މަސައްކަތަކީ މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ ބާޒާރުތަކުން ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމަކީ އިސްކަންދީގެން ކުރާނެ ކަމެއްކަމަށް ފައިސަލް ވަނީ ކުރިންވެސް ވިދާޅުވެފައެވެ.
ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށްދިއުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކޮދީ، ފުރުސަތުތަށް ތަނަސްވަސް ކޮށްދިނުމުގެ ހާއްސަ ޕްލޭން އިފްތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިންސްޓަރ ފައިސަލް ވަނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ވިޔަފާރިތަކަށް ޒުވާނުން އަހުލުވެރިކޮށް އެ ރޮނގުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ އަދި މިހާރަށްވުރެވެސް ބޮޑަށް ދިވެހިރާއްޖެ އިޝްތިހާރުކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވޭ ކަމުގައި ވިދާޅުވެފައެވެ.