ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އެއްހަމަކުރުމަށް އެކުލަވައިލާފައިވާ ދައުލަތުގެ މުވައްޒަފުންގެ ޕޭ ފްރޭމްވޯކަށް މުވައްޒަފަކު ބަދަލުކުރުމަށްފަހު 33 މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވާނަމަ އޭނާއަށް ދޭންޖެހޭ އިނާޔަތްތައް އިޚުތިޔާރުކުރެވޭ ގޮތަށް ޕޭ ފްރޭމްވޯކު ބަދަލުކޮށްފިއެވެ.
ދައުލަތުގެ ޕޭ ފްރޭމްވޯކަށް އަމަލުކުރާނެ މިންގަނޑު އެކުލަވައިލާ ސަރުކާރުގެ ގެޒެޓުގައި އެންމެ ފުރަތަމަ ޝާއިއުކުރީ 2022 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހުގައެވެ. އެ އޮނިގަނޑުގައިވަނީ ދައުލަތުގެ ވަޒީފާއިން މީހަކު ވަކިވެގެންދާއިރު އެމީހަކަށް ދެވޭނެ އިނާޔަތް ކަނޑައެޅުމުގައި ބަލާނެ މިންގަނޑެއް ހިމަނާފައެވެ.
އެ މިންގަނޑުގައި ބަޔާންކުރާ ގޮތުން ވަޒީފާއިން ވަކިވާ މުވައްޒަފަށް އިނާޔަތުގެ ގޮތުގައި ދެވޭނީ ގަނޑުކޮށް އެއްފަހަރާ ދޭ ފައިސާއެވެ. އެގޮތަށް ދޭން ފައިސާގެ މިންވަރު ކަނޑައެޅުމުގައި އޭނާގެ އަސާސީ މުސާރައާއި ޚިދުމަތުގައި ހޭދަކުރި މުއްދަތާއި އެމީހެއްގެ އުމުރަށް ދޭ ބުރަދަނަށް ރިއާޔަތްކުރަންޖެހޭނެއެވެ.
ނަމަވެސް އެ މިންގަނޑުން އިސްތިސްނާވާ ހާލަތެއްގެ ގޮތުގައި ބަޔާންކުރާ ހާލަތަކީ މުވައްޒަފަކު ޕޭ ފްރޭމްވޯކަށް ބަދަލުވިތާ 6 މަސްދުވަސް ދުވަހުގެ މުހުލަތެއްގެ ތެރޭގައި ވަޒީފާއިން ވަކިވާ ހާލަތެވެ. އެ ހާލަތުގައި އެ މުވައްޒަފަަކަށް ވަޒީފާއިން ވަކިވުމުން ދޭ އިނާޔަތް އިޚުތިޔާރުކުރެވޭނެއެވެ. އެގޮތުން އެ މުވައްޒަފަކު މަސައްކަތްކުރި އިދާރާއިން ޕޭ ފްރޭމްވޯކަށް ބަދަލުވުމުގެ ކުރިން އިނާޔަތް ދެމުންދިޔަ އުސޫލުން އިނާޔަތް ހޯދުމަށް އެދުމުގެ އިޚުތިޔާރު ނުވަތަ ޕޭ ފްރޭމްވޯކުގެ މިންގަނޑުން އިނާޔަތް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.
އެ މިންގަނޑުން އިސްތިސްނާވާ ހާލަތުގެ މުހުލަތު އަލަށް ގެނައި އިސްލާހުންވަނީ އިތުރުކޮށްފައެވެ. ކުރިން ޕޭ ފްރޭމްވޯކަށް ބަދަލުވާތާ 6 މަސްވުމަށްފަހު ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް އިނާޔަތް އިޚުތިޔާރުނުކުރެވުނު ނަމަވެސް މިހާރު ޕޭ ފްރޭމްވޯކަށް ބަދަލުވާތާ 33 މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އިނާޔަތް އިޚުތިޔާރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.
ޕޭ ފްރޭމްވޯކަށް ބަދަލުކުރުމުގެ ކުރިން އަމަލުކުރި އުސޫލުން އޭނާއަށް އިނާޔަތްދިނުން އިޚުތިޔާރުކުރާ ހާލަތުގައި އިނާޔަތުގެ ގޮތުގައި ލިބޭ މިންވަރު ކަނޑައެޅުމުގައި އަސާސީ މުސާރައިގެ ގޮތުގައި ބަލާނީ ޕޭ ފްރޭމްވޯކަށް ބަދަލުކުރުމުގެ ކުރިން އޭނާއަށް ލިބުނު އަސާސީ މުސާރަކަމަށްވެސް އެ މާއްދާގައި ކަނޑައަޅާފައި އޮވެއެވެ. ނަމަވެސް ޚިދުމަތުގެ މުއްދަތު ގުނުމުގައި ޕޭ ފްރޭމްވޯކަށް ބަދަލުވި ފަހުން ހޭދަވި މުއްދަތުވެސް ގުނަންވާނެއެވެ.