އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމު އަލީ ސައީދު އަލުން އެމަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޔަންކުރެއްވުމާ ގުޅިގެން އެ ވުޒާރާގެ މުވައްޒަފުން މިއަދު އޭނާއަށް މަރުހަބާ ދަންނަވައިފިއެވެ.
ޝަހީމު މަޤާމުން ވަކިވެގެންދިޔައީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 31 މެންބަރުންގެ ވޯޓުން އޭނާއަށް ރުހުންނުދިނުމަށް ފާސްކުރުމުންނެވެ. ޑރ.ޝަހީމަށް ރުހުންދޭން ފެންނަކަމަށް 30 މެންބަރަކު އިއްޔެ ވޯޓުދެއްވިއެވެ.
ޑރ.ޝަހީމުގެ އިތުރަށް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރާއި ބަންޑާރަނައިބު އަޙްމަދު އުޝާމަށް ރުހުންނުދޭން އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރިއެވެ.
ރައީސްވަނީ އެ ތިން ބޭފުޅުން އަލުން މަޤާމަށް އައްޔަންކުރައްވައިފައެވެ. އިއްޔެ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުއޫދުވަނީ އެ ތިން ބޭފުޅުންނަށް މަޤާމުގެ ހުވާލައިދެއްވާފައެވެ.
އަލުން މަޤާމާ ހަވާލުވެވަޑައިގެން ޑރ.ޝަހީމު މިއަދު އިސްލާމިކް މިނިސްޓްރީއަށް ވަޑައިގަތުމުން އެ މިނިސްޓްރީގެ މުވައްޒަފުންވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މަރުހަބާ ދެންނެވުމަށް ބޭއްވި ހަފުލާގައި އެ މިނިސްޓްރީގެ ސިޔާސީ ވެރިންނާއި ސިވިލް ސާވިސް މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.
އެ ހަފުލާގައި ވާހަކަދައްކަވަމުން ޑރ.ޝަހީމު ވިދާޅުވީ އިސްލާމިކް މިނިސްޓްރީ ހިންގަވަން ހުންނަވާ ބޭފުޅާއާ ރައްޔިތުންގެ މަޖިލީހާ ދެމެދުގައި ނުތަނަވަސްކަމެއް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ދިމިގްރާތީ ނިޒާމްގެ އެންމެ މަތީ އެއް މުއައްސަސާ. އެ މުއައްސަސާ އާއި އިސްލާމިކް މިނިސްޓްރީގެ ކަންކަން ހިނގަން ހުންނަ ފަރާތަކާ މެދު ނުތަނަވަސްކަމެއް އޮވެގެން ނުވާނެ. އެހެންވީމަ އެފަދަ ކަންތައްތަކީ ކޮބައިތޯ ބަލައި އެ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރާނަން،" ޝަހީމު ވިދާޅުވިއެވެ.
އަދި އިސްލާމިކް މިނިސްޓްރީން ހިންގަން ނިންމާފައިވާ މަސައްކަތުގެ ތެރެއިން ބޮޑު ބައެއްގެ މަސައްކަތް އަދިވެސް ފެށިފައިނުވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގައި އޭނާއާމެދު ހުރި ނުތަނަވަސްކަމަށް ހައްލު ހޯއްދަވާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަބްދުލްއަޒީސް އިސްމާއީލު ވިދާޅުވީ އިއްޔެއަކީ އެ މިނިސްޓްރީގެ މުވައްޒަފުންނަށް ހިތާމައިގެ ދުވަހެއް ކަމަށެވެ. އަދި އޭނާ ސިފަކުރެއްވި ގޮތުގައި އިއްޔެއަކީ އެ މިނިސްޓްރީއަށް ކުރިމަތިވި ކާރިސާގެ ދުވަހެއް ކަމަށެވެ.
"އިއްޔެއަކީ މިނިސްޓްރީގައި އަޅުގަނޑުމެންގެ ހަޔާތުގައި ކުރިމަތިވި ބޮޑު ކާރިސާއެއްގެ ދުވަހެކޭ އަޅުގަނޑު ދަންނަވާނީ. އެހެން ނަމަވެސް ހަމަ އެޔާ އެކީގައި އުފާ ހާސިލުވެގެން ވެސް ދިޔަ ދުވަހެއް،" އަޒީޒު ވިދާޅުވިއެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި އިސްލާމިކް މިނިސްޓަރުގެ މަޤާމަށް ޑރ.ޝަހީމު އަލުން އައްޔަންކުރެއްވުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވުމަކީ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނަށް ލިބުނު ވަރށް ބޮޑު އުފަލެކެވެ.
ޑރ.ޝަހީމަކީ ކުރިންވެސް އިސްލާމިކް އެފެއާޒް މިނިސްޓަރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އެ ވުޒާރާއާ ހަވާލުވެވަޑައިގެންނެވި ވަަޒީރުންގެ ތެރެއިން އެންމެ ހިންގުންތެރި ވަޒީރުކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.