Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިރާން

ސޯމާލިއާގެ ކަނޑުފޭރޭ މީހުން ހައިޖެކް ކުރި ދެ އުޅަނދެއް އިންޑިއާ އާއި ސީޝެލްސްގެ ސިފައިން ސަލާމަތްކޮށްފި

ސޯމާލިއާގެ ކަނޑުފޭރޭ މީހުން ހައިޖެކް ކުރި ދެ އުޅަނދެއް އިންޑިއާ އާއި ސީޝެލްސްގެ ސިފައިން ސަލާމަތްކޮށްފިއެވެ. ސީޝެލްގެ ކަނޑުގެ ސިފައިންގެ އެހީތެރިކަމާއެކު ސަލާމަތްވެފައިވަނީ ސްރީލަންކާގެ މަސްބޯޓެކެވެ. އަދި އިންޑިއާ ސިފައިންގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފައިވަނީ އީރާނުގެ މަސް ބޯޓެކެވެ.
ސީޝެލްސްގެ ރައީސް ވަވެލް ރަމްކަލަވަންގެ އޮފީހުން ބުނީ ސްރީލަންކާގެ މަސްބޯޓެއް ސީޝެލްސް ސިފައިން ސަލާމަތްކުރީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
ސީޝެލްސްގެ ބަޔާނުގައި ބުނެފައި ވަނީ "ހަތިޔާރު އެޅި ސޯމާލިއާގެ ކަނޑުފޭރޭ މީހުން" އެ އުޅަނދުތަކަށް ދިން ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ މެދު އިތުރު ކަންބޮޑުވުންތަކެއް އުފެދޭ ކަމަށެވެ.
"ސީޝެލްސްގެ ސްޕެޝަލް މިލިޓަރީ ފޯސްއިން ބޯޓަށް އެރީ ވަރަށް ހިތްވަރާ އެކު ބޯޓުގެ ފުރިހަމަ ކޮންޓްރޯލް ނަގައި ސްރީލަންކާގެ އަޚުން ސަލާމަތް ކުރުމަށް،" ރައީސް ގެ ބަޔާނުގައި ވެއެވެ.
ލަންކާއިން ވެސް މިކަން ކަށަވަރު ކޮށްދީފައިވާއިރު، އެގައުމުން ބުނީ އެ ބޯޓް ސަލާމަތްކުރުމާއި، ބެހޭގޮތުން ސޯމާލިއާގެ ކަމާބެހޭ ފަރާތްތަކާ ޑިޕްލޮމެޓުން ވާހަކަ ދައްކަމުން ދިޔަކަމަށެވެ.
ލަންކާގެ ބޯޓަކަށް ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ނުރައްކަލާ ކުރިމަތިވެފައިވާއިރު، ހޫޘީންގެ ހަމަލާތަކުން ރަތް ކަނޑުގައި ދަތުރުކުރާ ވިޔަފާރީގެ އުޅަނދުތައް ހިމާޔަތް ކުރުމަށް އެމެރިކާ އިން އިސްނަގައިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ބައިވެރިވާނެ ކަމަށް ލަންކާއިން ބުނިތާ މިއީ ދެވަނަ ހަފުތާއެވެ.
ސްރީލަންކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނު ކެޕްޓަން ގަޔާން ވިކްރަމަސޫރިޔާ ވިދާޅުވީ ސްރީލަންކާގެ ބޯޓު ހައިޖެކްކޮށްފައިވަނީ ސޯމާލިއާގެ އިރުން ގާތްގަނޑަކަށް 840 ނޯޓިކަލް މޭލު (1555 ކިލޯމީޓަރު) ދުރުގައި އޮންނަ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ކަމަށާއި އެއީ ސްރީލަންކާއާ 1،100 ނޯޓިކަލް މޭލު (2،040 ކިލޯމީޓަރު) ދުރުގައި އަދި ސީޝެލްސްގެ އުތުރުން ކަމަށެވެ.
ސްރީލަންކާގެ ފިޝަރީޒް ޑިޕާޓްމަންޓްގެ އިސް އޮފިޝަލެއް ކަމަށްވާ ސުސަންތާ ކަހަވައްޓާ ވިދާޅުވީ 23 މީޓަރު (75 ފޫޓު) ގެ ބޯޓެއްގައި ހަތިޔާރު އެޅި ދެތިން މީހަކު އައިސް، ލަންކާގެ ބޯޓަށް އަރައި، ކައިރީގައި ހުރި އެހެން މަސްބޯޓުތަކަށް އިންޒާރު ދިނުމުގެ ގޮތުން ބަޑީގެ ހަމަލާތަކެއް ދީ، އެމަސްބޯޓާއި މަސްވެރިން ރަހީނުކޮށްގެން ގެންގޮސްފައިވާ ކަމަށެވެ.
ކަހަވައްޓާ އިތުރަށް ވިދާޅުވީ ވަގަށް ނެގި ކަމުގެ ހުރިހާ ތަފްސީލެއް އެހެން ބޯޓްތަކުގައި ތިބި މަސްވެރިން ދީފައިވާ ކަމަށާއި ހަމަލާދިން މީހުންނަކީ ސޯމާލިއާ މީހުން ކަމަށެވެ.
ސޯމާލިއާގެ އައްސޭރިފަށުން ހައިޖެކްކުރި އީރާނުގެ މަސްބޯޓެއް މިނިވަންކުރިކަން އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.
އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ ތަރުޖަމާނު ކޮމާންޑަރު ވިވެކް މަދްވާލް ވިދާޅުވީ މަސްބޯޓަށް އަރާފައި ވަނީ ކަނޑުފޭރޭ މީހުން ކަމަށާއި ފަޅުވެރިން ވަނީ ރަހީނު ކޮށްފައި ކަމަށެވެ.
އަދި އިންޑިއާގެ ކަނޑުގެ އަސްކަރީ އުޅަނދަކުން "ބޯޓާއެކު 17 ފަޅުވެރިން ވެސް ކާމިޔާބުކަމާއެކު މިނިވަން ކޮށްދިން" ކަމަށް އޭނާ ވިދާޅުވިއެވެ.
ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް އިތުރުވުމުން ދޭހަވަނީ ޣައްޒާ ހަނގުރާމައިގެ އަސަރު މުޅި ސަރަހައްދަށް ފެތުރެމުން އަންނަ ކަމެވެ.
މި ލިއުމާއި ގުޅޭ