ސަރުކާރު ކެބިނެޓުގައި ހިމެނޭ ވަޒީރުންގެ ތެރެއިން އިދިކޮޅު އެމްޑީޕީން މިއަދު ރުހުން ނުދޭން ނިންމީ މަގާމަށް އެންމެ ގާބިލު ތިން ބޭފުޅުންނަށް ކަމަށާއި ރުހުން ދޭން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމީ ވަކި މީހަކު ބުނެގެން ކަމަށް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ތިން ވަޒީރަކަށް ރުހުން ނުދިން އެއްވެސް ސަބަބެއް އިދިކޮޅު މެންބަރުންނަށް ނުދެއްކެވޭ ކަމަށެވެ.
ސަލީމް ވިދާޅުވީ އެކަމާއި ގުޅިގެން ތަކުރާރުކޮށް އިދިކޮޅާއި ވާހަކަ ދެއްކެވިކަމަށާއި އެތައް މަޝްވަރާއެއް ކުރެއްވި އިރުވެސް އިދިކޮޅަށް ސަބަބެއް ދެއްކިފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ އެކަމާއި ގުޅިގެން އިދިކޮޅު މެންބަރުން ވިދާޅުވެފައިވަނީ ރުހުން ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި ވަކި ފަރާތެއްގެ އެންގުމަށް އެބޭފުޅުން އެފަދައިން ވޯޓު ދެއްވީކަމަށެވެ.
އެކަން ފާހަގަކުރައްވާ ސަލީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވަނި މީހަކު ބުނާ ގޮތަށް އަމަލު ކުރަންޖެހޭ ބައެއް ނޫންކަމަށާއި އެއީ ގައުމާއި މުޅި ގައުމުގެ މަސްލަހަތަށްޓަކައި މަސައްކަތް ކުރަން ޖެހޭ ބޭފުޅުންތަކެއްކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ވަކި މީހެއްގެ ފޯނު ކޯލަކާ އެކު ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަން ކޮށްގެން ވާނެ ގޮތެއް ނޫނެވެ.
ސަލީމް އިތުރަށް ވިދާޅުވީ މިއަދު ރުހުން ނުލިބުނު އެއްވެސް ބޭފުޅަކީ އެބޭފުޅުންގެ އެއްވެސް ނާގާބިލު ކަމެއް ހުރެގެން ނުވަތަ އެއްވެސް މައްސަލައެއް އޮވެގެން ވަކިކުރި ބޭފުޅުންތަކެއް ނޫންކަމަށާއި އެއީ ބައެއް މީހުން ހިތްހަމަޖެއްސުމަށާއި ވަކި ބޭފުޅަކު ބުނާ ގޮތަށް ކަން ކުރުމަށް ކުރި ކަމެއްކަމަށެވެ.