ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަޤާމުން ވަކިކުރުމަށް އެމްޑީޕީން ކުރަން ފަށާފައިވާ މަސައްކަތް ކާމިޔާބުވިޔަނުދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ 22 ވަޒީރުންގެ ތެރެއިން 3 ބޭފުޅަކަށް ރުހުންނުދިނުމަށް މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމުމާ ގުޅިގެން މިއަދު މަޖިލީހުގެ އިދާރާގައި ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ޕާލިމަންޓަރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަލީމު ވިދާޅުވީ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ސަލީމު ވިދާޅުވީ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއި ހަމަކުރުމަށްފަހު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ކުރިއަށްގެންދަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެކަމަކަށް ފުރުސަތެއް ނުދޭނަން. އެކަން އަޅުގަނޑުމެން ހުއްޓުވާނަން،" ސަލީމު ވިދާޅުވިއެވެ.
މަހިބަދޫ ދައިރާގެ މެންބަރު އަޙްމަދު ޠާރިޤު ފާހަގަކުރެއްވީ ނިމުނު ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ރާއްޖޭގެ ކަންކަން އެމްޑީޕީން ބޭނުންވާ ގޮތަށް ނުގެންދެވޭނެކަން ސާފުކޮށް ފެނިގެންދިޔަ ކަމަށެވެ. އަދި ރައީސް އަޒުލުކުރުމުގެ މަސައްކަތްވެސް ބޭނުންވާ ގޮތަކަށް އެމްޑީޕީއަށް ނުގެންދެވޭނެ ކަމަށެވެ.
އޭގެ އިތުރަށް އޭނާ ވިދާޅުވީ އެމްޑީޕީގެ ވިޕާ ޚިލާފަށް މިއަދުވެސް ބައެއް ވަޒީރުންނަށް ރުހުންދޭން އެ ޕާޓީގެ ބައެއް މެންބަރުން ވޯޓު ދެއްވި ކަމަށެވެ. އަދި އެކަމުން އެނގެނީ އެމްޑީޕީގެ ލީޑާޝިޕުން ބޭނުންވާ މިންވަރަށް މިހާރު މެންބަރުންގެ ވޯޓު ހަމަނުކުރެވޭކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް ޠާރިޤު ވިދާޅުވީ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއިނުކުރައްވާނެ އަދި ވޯޓުނުދެއްވާނެ މެންބަރުން އެމްޑީޕީގައި އަދި ދަ ޑިމޮކްރެޓްސް ޕާޓީގައިވެސް ތިއްބަވާނެ ކަމަށެވެ.