ސަރުކާރުގެ ވަޒީރުންނަށް ރުހުންދިނުމަށް ދައުރުގެ މެދުން ބާއްވާ މަޖިލިސް ޖަލްސާއަށް ހުރަސްއަޅާނަމަ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ކެޕްޓަން ރިޓަޔާޑް އަލީ އިހުސާނާއި ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނަށް ރުހުންނުދިނުމަށް ނިންމައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަޤާމުން އަޒުލުކުރުމަށް އިދިކޮޅު އެމްޑީޕީން ނިންމއިފިއެވެ.
ޣައްސާނާއި އިހުސާނަށް ރުހުން ނުދޭން ނިންމުމާއެކު ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ބޭނުންވާ ސޮއިހަމަކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން ބުނެފައިވާއިރު، އެ މަސައްކަތްކުރަނީ އެމްޑީޕީއާއި އެ ޕާާޓީން ވަކިވެވަޑައިގެންނެވި މެންބަރުން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީ އެކުވެގެންނެވެ.
އެ ދެ ޕާޓީންވަނީ ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުންނަށް ރުހުންނުދިނުމަށް ނިންމާފައެވެ. އަދި އެ ބޭފުޅުންނަށް ރުހުންނުދޭން ނިންމި ސަބަބުތަކެއް މިހާތަނަށް އެ ދެ ޕާޓީންވެސް ހާމަކޮށްފައިނުވާއިރު، އިއްޔެ ވަޒީރުންނަށް ރުހުންދިނުމަށް ބޭއްވުމަށް ތާވަލުކުރި ޖަލްސާ އިއްޔެއާއި ރޭގައިވެސް ކުރިއަށްނުގެންދެވުނެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ބައްދަލުވުމުގައި އެ ޕާޓީން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވެރިކަންކުރާ ކޮންގުރެސް ޕާޓީއާއި ސަރުކާރު ހިންގާ ކޯލިޝަނުގެ މަޖިލިސް މެންބރުން ހުރަސްއަޅުއްވާނަމަ، ޣައްސާން އަދި އިހުސާނަށްވެސް އެ ޕާޓީން ރުހުން ނުދިނުމަށް ކަމުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދެ މެންބަރަކު ވިދާޅުވިއެވެ.
އެ މެންބަރުން އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަކިކުރުމަށްޓަކައި އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް މިއަދު އޮތް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ބައްދަލުވުމުން ފާސްކުރި ކަމަށެވެ.
އަދި މިހާރު އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްޓަކައި ހަމަކުރަންޖެހޭ މެންބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށައި، މަޖިލީހަށް މައްސަލަ ހުށަހަޅަން ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއި ހަމަކޮށްފައިވާކަމަށްވެސް އެ މެންބަރުން "ދިޔަރެސް"އަށް މައުލޫމާތުދެއްވިއެވެ.
މެންބަރުންގެ ސޮއި ހަމަވެފައިވާތީ ވީހާވެސް އަވަހަކަށް އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ތައްޔާރުވަމުންދާކަމަށްވެސް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ ދެ މެންބަރުން ވިދާޅުވިއެވެ.
މީގެ ކުރިންވެސް އެމްޑީޕީން ރައީސް އަޒުލުކުރަން އުޅޭކަމުގެ އަޑުތައް ފެތުރުނު ނަމަވެސް ފަހުން އެ ޕާޓީންވަނީ އެކަން ދޮގުކޮށް ރައީސް އަޒުލުކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ބުނެފައެވެ.