ރާއްޖޭގެ ފުރަތަމަ ތެލިސީމިއާ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލު ޤާއިމުކުރުމަށް އުރީދޫން 100 މިލިއަން ރުފިޔާ ސަރުކާރަށް ދިނުމަށް ނިންމާފައިވާކަން މިއަދު ސަރުކާރުން ހާމަކޮށްފިއެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވާ މުހިއްމު ނިންމުންތައް އިއުލާނުކުރުމަށް މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕަބްލިކް ސެކްރެޓަރީ ޢަބްދުﷲ ނާޒިމު ވިދާޅުވީ ތެލަސީމީއާ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލު ޤާއިމުކުރުމަށް 100 މިލިއަން ރުފިޔާ އޫރީދޫން ދިނުމުން އެ ކުންފުނިން ސަރުކާރަށް ދައްކަންޖެހޭ ފައިދާ 5 އިންސައްތައަށް ކުޑަކޮށްދޭން ނިންމާފައިވާ ކަމަށެވެ.
އުރީދޫން ވަތަނިއްޔާގެ ނަމުގައި 2005 ވަނަ އަހަރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ޚިދުމަތް ދޭން ފެށިފަހުން އެ ކުންފުނިން ފީގެ ގޮތުގައި އައީ ކުންފުނީގެ ފައިސާގެ 6 އިންސައްތަ ދައްކަމުންނެވެ. ނަމަވެސް ޓެލެކޮމް ޚިދުމަތްދޭ ދިރާގުން ދައްކަނީ 5 އިންސައްތައެވެ.
އެހެންކަމުން އުރީދޫން ދައްކާ ފީ ފަސް އިންސައްތައަށް ކުޑަކުރުމުން އެ ކުންފުނިން ދައްކާ ފައިސާގެ އަދަދު ދިރާގާ އެއްވަރުވާނެއެވެ.
ތެލެސީމިއާ ހޮސްޕިޓަލެއް ރާއްޖޭގައި ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެ ވައުދުފުޅު ފުއްދުމުގެ މަސައްކަތަކީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގައި ފެށުމަށް ނިންމާފައިވާ މަސައްކަތެއްވެސްމެއެވެ.
އެ ހޮސްޕިޓަލު ޤާއިމުކުރެވުމުން ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓު ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި އެ ފަރުވާއަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވި ތެލަސީމިއާ ބަލީގެ އެހެނިހެން ފަރުވާ ދޭނެ ރަނގަޅު ހޮސްޕިޓަލެއް ރައްޖޭގައި ޤާއިމުވާނެއެވެ.