ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިތްވަރުދެއްވައިގެން މަޖިލީހުގައި މެންބަރުންގެ ގަޔަށް އަތްލައި މާރާމާރީ ހިންގުން ވެރިކަންކުރާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝާނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވުނު ޖަލްސާގައި, މަޖިލިސް ރައީސް އަސްލަމް ނިސްބަތްވާ ޕާޓީގެ މެންބަރުން މަޖިލިސް ތަޅުމުގައި ހަމަނުޖެހުން ހިންގަވަން ފުރުސަތުދެއްވައި, އަދި މަޖިލީހުގެ ތަޅުމުގައި ހިންގި ހަމަނުޖެހުމާއި މާރާމާރީއަށް ހިތްވަރުދެއްވުން, ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިންތިޒާމްކުރެވޭއިރު މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ހަމަނުޖެހުން ހިންގުމަށް ފުރުސަތު ނުދިނުމަށް ގޮވާލާކަމަށާއި މަޖިލީހުގައި މިއަދު ހިނގާދިޔަ ކަންކަން ބެލުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅުއްވާނެކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.
މަޖިލީހުގެ ތަޅުމުގައި މިއަދު ހިނގި ހަމަނުޖެހުމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއަށް ނިސްބަތްވާ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމަށް އަނިޔާލިބި, ފަރުވާދިނުމަށް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް އަދި ނާއިބުރައީސް އަހުމަދު ސަލީމުގެ އިތުބާރުނެތްކަމުގެ މައްސަލަ 23 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދާފައެވެ.