ސަރުކާރު ކެބިނެޓްގައި ހިމެނޭ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސްއާއި އިދިކޮޅު މައި ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ނިންމުމާ ގުޅިގެން ސަރުކާރުގެ ސަޕޯޓަރުން މަޖިލިސް ކުރިމަތީ އިހްތިޖާޖުކުރަން ފަށައިފި އެވެ.
މަޖިލީހުގެ ދައުރުގެ ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް، މިއަދު މެންދުރު 01:30 ގައި ވޯޓަށް އެހުމަށް އޮތީ ތާވަލްކޮށްފަ އެވެ.
ނަމަވެސް، ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުންގެ ތެރެއިން، ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު، އެޓާނީ ޖެނެރަލް، އަހުމަދު އުޝާމް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދޭން އިދިކޮޅުން ނިންމި އެވެ.
އެއާއެކު، ސަރުކާރުގެ މެންބަރުންނާއި އިދިކޮޅު މެންބަރުންނާ ދެމެދު މަޖިލީހުގެ ތެރޭގައި ބަހުގެ ހަމަލާތައް ހޫނުވެ، މިވަގުތު ޖަލްސާ މެދުކަނޑާލާފައި އޮތް އިރު، މަޖިލިސް ބޭރުގައި ވެސް ސަރުކާރުގެ ސަޕޯޓަރުން ދަނީ އިހްތިޖާޖު ކުރަމުންނެވެ.
އެ އިހްތިޖާޖުގައި މިނިސްޓްރީ ތަކުގެ އިސް ބޭފުޅުންގެ އިތުރުން ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އެ ސަރަހައްދުގައި އިހްތިޖާޖުކުރަމުންދާ ސަޕޯޓަރުން ތިބީ "ތަރައްގީއަށް ހުރަސްނޭޅުމަށް" ގޮވާލާ ބެނާތައް ހިފައިގެންނެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށެވެ. އަދި ރައީސް އައްޔަންކުރަައްވާފައިވާ ވަޒީރުންނަކީ ތަޖުރިބާ ހުރި، ގާބިލް އަދި ޒިންމާ ފުރިހަމައަށް އަދާކުރާނެ މިނިސްޓަރުންކަމާމެދު ޝައްކުނުކުރާ ކަމަށާއި މިނިސްޓަރުންނަށް ޕާޓީގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކެބިނެޓަށް އައްޔަންކުރާ 22 މިނިސްޓަރުންގެ ޝަރުތުތައް ފުރިހަމަވާ ކަމަށް ކޮމިޓީން ވެސް ނިންމައި ރުހުން ދޭން މަޖިލީހަށް ފޮނުވުމުން އެބޭފުޅުންނަށް ރުހުން ދޭންޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީއާއި އެމްއެންޕީން ވެސް ވަނީ ބުނެފަ އެވެ. ޑިމޮކްރެޓާއި އެމްޑީޕީން ބައެއް ވަޒީރުންނަށް ރުހުން ނުދޭން އުޅެނީ އަމިއްލަ އެދުން އިސްކޮށް، ޒާތީ ކަންކަމާ ގުޅިގެން ކަމަށް ވެސް ބުނެފައިވެ އެވެ.