Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

މަސައްކަތް ކުރަނީ ސުލްހަވެރިކަމާއެކު ގައްދޫގައި ހުރި ޖަނަރޭޓަރު ފުވައްމުލަކަށް ގެންދަން: ފެނަކަ

ސުލްހަވެރިކަމާއެކު ގދ. ގައްދޫގައި ހުރި 800 ކިލޯވޮޓް ޖަނަރޭޓަރު ފުވައްމުލަކު ސިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކުންފުނިން ބުނެފިއެވެ.

ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފުވައްމުލަކު ސިޓީގައި ހިންގަމުންދިޔަ 800 ކިލޯވޮޓްގެ ޖެނަރޭޓަރަށް 11 ޑިސެމްބަރު 2023 ގައި ބޮޑު ގެއްލުމެއް ލިބި ހަލާކުވުމުގެ ސަބަބުން ފުވައްމުލަކު ސިޓީއިން ލޯޑް މަތިވާ ގަޑިތަކުގައި ކަރަންޓު ކަނޑަން ޖެހޭނެތީ ގދ. ގައްދޫ ގައި އިންސްޓޯލްނުކޮށް އިންޖީނުގެއަށް ވެސް ނުވައްދާހުރި އެ ކުންފުނީގެ 800 ކިލޯވޮޓްގެ ޖެނެރޭޓަރެއް ފުވައްމުލަކު ސިޓީއަށް ގެންދިއުމުގެ މަސައްކަތް އެ ކުންފުނިން 12 ޑިސެމްބަރު 2023 ގައި ފެށިކަަމަށެވެ.

ނަމަވެސް ގދ. ގައްދޫގައި އިން އިންސްޓޯލް ނުކުރާ ޖަނަރޭޓަރު ސެޓު އެހެން ރަށަކަށް ގެންގޮސްފިނަމަ އެރަށުގެ އާއްމު މަސްލަހަތު ގެއްލިދާނެކަމަށް އެކި ފަރާތްތަކުން މެނޭޖުމަންޓަށް ގުޅާ ޝަކުވާ ކުރުމުން އަދި ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމުން މި ކުންފުންޏަށް އެ މަސައްކަތް ހުއްޓާލަން ޖެހުނުކަމަށް ފެނަކަ ކުންފުނިން ބުނެފައިވެއެވެ.
އެކުންފުނިން ބުނީ އެފަދަ ހާލަތްތަކުގައި ކުންފުނިން އަމަލު ކުރާ އެމަޖަންސީ ޕްރޮކިއުމަންޓްގެ ދަށުން 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ފެށިަކަމަށެވެ.
ނަމަވެސް ރާއްޖޭގައި މިވަގުތު ބޭނުންވާ ސައިޒުގެ ޖެނެރޭޓަރު ސެޓެއް ވިއްކަން ނެތުމުން ފުވައްމުލަކުގެ ކަރަންޓު ހާލަތަށް ހައްލެއް ނުގެނެވި ދިގުލައިގެން ދިޔަކަމަށް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެކަމުގެ ސަބަބުން 11 ޖެނުއަރީ 2024 އިން ފެށިގެން ކޮންމެ ދުވަހަކު ފުވައްމުލަކު ސިޓީގެ ބޮޑު ސަރަހައްދަކުން ޝެޑިއުލްކޮށް އެކި ގަޑިތަކުގައި ކަރަންޓު ކަނޑަށް ޖެހުނުކަމަށާއި އެހެންކަމުން ފުވައްމުލަކަށް އަވަސް ހައްލެއް ހޯދުމަށް ގދ. ގައްދޫގައި ހުރި ޖެނެރޭޓަރު ފުވައްމުލަކަށް ފޮނުވުމުގައި އެއްބާރުލުން ދިނުމަށް އެދި ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކުންފުނިން މަޝްވަރާކުރިކަމަށެވެ.
އަދި އެމެޖެންސީކޮށް ހޯދާ 800 ކިލޯވޮޓްގެ ޖެނެރޭޓަރު ގދ. ގައްދޫއަށް ގެންދާގޮތަށް މިހާރު ގދ. ގައްދޫގައި ހުރި 800 ކިލޯވޮޓް ޖެނެރޭޓަރު ފުވައްމުލަކު ސިޓީއަށް ގެންދަން ނިންމިކަމަށާއި އެކަން ގދ. ބްރާންޗުގެ ފެނަކަ އޮފީހަށް ލިޔުމުން އެންގިކަމަށް އެ ކުންފުނިން ބުންޏެވެ.
އެކުންފުނިން ބުނިގޮތުގައި ގދ. ގައްދޫގައި އިންސްޓޯލް ކޮށްފައި ހުރި ޖެނެރޭޓަރުތަކުން އެރަށަށް މިވަގުތު ކަރަންޓު ދެވެއެވެ.
ނަމަވެސް މިއަދު ގދ. ގައްދޫއަށް އެ ޖެނެރޭޓަރު ސެޓް ފުވައްމުލަކު ސިޓީއަށް ގެންދިއުމަށްޓަކައި އެ ކުންފުނިން ހިފި އުޅަނދު ފޮނުވުމުން ގދ. ގައްދޫ ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ނުކުމެ އިހްތިޖާޖުކޮށް އެކުންފުނިން ފޮނުވި އުޅަނދުގެ ފަޅުވެރިންނަށް ބިރުދައްކާފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ ކުންފުނިން ދެކޭގޮތުގައި ކުންފުނިން ހިދުމަތްދޭ ބްރާންޗުން އެހެން ބްރާންޗަކަށް ބަދަލުކުރުމުގެ އިހްތިޔާރު އެ ކުންފުންޏަށް އޮންނަން ޖެހޭނެކަމަށެވެ.
އެ ކުންފުނިން އިތުރަށް ބުނެފައިވަނީ ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ދަތި ހާލަތުގައި އެ ސިޓީގެ އެތައް ރައްޔިތުންނެއް ތަކުލީފު އުފުލާއިރު އެކަން އެންމެ އަވަހަށް ހައްލުކުރުމުގެ މަގު މި ކުންފުންޏަށް ފަހިވާން ޖެހޭނެކަމަށެވެ.
އަދި މިކުންފުނީގެ އުސޫލަކީ ހިދުމަތްދޭ ހުރިހާ ރަށެއްގައި އެއް ހަމައަކުން ހިދުމަތް ދިނުމުގެ އުސޫލުކަމަށްވެސް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން އެއް ރަށަކަށް ދޭ ހިދުމަތަކަށް ބުރޫ އަރާހިނދު ރިސޯސް ޝެއާކޮށް އެއްވެސް ރަށެއްގެ ހިދުމަތަށް ބުރޫނާރާނޭ ފަދައިން އެހެން ރަށެއްގައި ހުރި ތަކެތި ހިދުމަތް މެދު ކެނޑިފައިވާ ރަށަށް ގެންދިއުމަކީ އެ ކުންފުނިން އަބަދުވެސް ކުރާ ކަމެއްކަމަށް ފެނަކައިން ބުނެފައިވެއެވެ.

އެހެންވެ އެ ކުންފުނިން އަދިވެސް ދަނީ މިކަމާއި ގުޅުންހުރި ފަރާތްތަކާއި ވާހަކަ ދައްކާ ސުލްހަވެރިކަމާއެކު ގދ. ގައްދޫގައި ހުރި 800 ކިލޯވޮޓް ޖަނަރޭޓަރު ފުވައްމުލަކު ސިޓީއަސށް ގެންދިއުމުގެ މަސައްކަތް ކުރަމުންކަން ފާހަގަކޮށް ފެނަކައިން ވަނީ 11 ޖެނުއަރީއިން ފެށިގެން މިއަދާ ހަމައަށް ފުވައްމުލަކު އެކި ސަރަހައްދުތަކުން ކޮންމެ ދުވަހަކު ކަރަންޓު ކަނޑަން ޖެހުމުގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުން އުފުލަން ޖެހިފައިވާ ތަކުލީފަށް މައާފަށް އެދިފައެވެ.

މި ލިއުމާއި ގުޅޭ