Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އެފްރިކަން ކަޕްގެ ނޮކައުޓް ބުރު މިރޭ ފަށަނީ

އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގަދަ 16 ގެ މެޗުތައް މިރޭ ފަށާނެ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރި 24 ގައުމުގެ ތެރެއިން ގަދަ 16 ގައި ވާދަކުރާ ގައުމުތައް ވަނީ ކަށަވަރުވެފަ އެވެ.

މުބާރާތުން ކެޓި އެންމެ ފާހަގަކޮށްލެވޭ ދެ ގައުމަކީ ގާނާ އާއި އަލްޖީރިއާ އެވެ. ގާނާ މުބާރާތުން ކެޓީ ތިން މެޗުން ދެ ޕޮއިންޓް ލިބުމުންނެވެ. ފަހު މެޗުގައި މޮޒަންބީގް އަތުން މޮޅުވާން ދަނިކޮށް މެޗު އެއްވަރުވީ އިތުރު ވަގުތުގައި ގާނާ ކޮޅަށް ވަން ދެ ގޯލުންނެވެ. ގާނާ އެއްވަރުވުމާ އެކު މިސްރަށް ދެ ވަނަ ބުރުގެ ފުރުސަތު ލިބުނެވެ.

އަލްޖީރިއާ މުބާރާތުން ކެޓީ ގްރޫޕުގެ ފުލަށް ގޮސްގެންނެވެ. ތިން މެޗުގެ ތެރެއިން ދެ މެޗު އެއްވަރުގެ އަނެއް މެޗުން ބަލިވީ އެވެ.

މުބާރާތުގެ ގަދަ 16 އިން ފުރުސަތު ލިބުނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދި ދެ ގައުމާއި އެންމެ ރަނގަޅު ނަތީޖާގައި ތިން ވަނަ ހޯދި ހަތަރު ޓީމަށެވެ. ތިން ވަނަ މަގާމް ހޯދައިގެން ނޮކައުޓް ބުރަށް ދަތުރުކުރީ ގިނީ އާއި ނަމީބިއާގެ އިތުރުން މައުރިޓާނިއާ އަދި އައިވަރީ ކޯސްޓެވެ.

ގްރޫޕް ސްޓޭޖުގައި ތިން މެޗުން މޮޅުވި ހަމައެކަނި ގައުމަކީ ސެނެގޯލް އެވެ. އެންމެ ފަހުގެ ޗެމްޕިއަން ސެނެގޯލް އަކީ މިފަހަރުގެ މުބާރާތުގައި ވެސް ފޭވަރިޓެކެވެ.

ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން 10 ޖަހާއިރު ވާދަކުރާނީ އެންގޯލާ އާއި ނަމީބިއާ އެވެ.

ނޮކައުޓް ބުރުގައި ނައިޖީރިއާ ކެމެރޫންއާ ދެކޮޅަށް ނުކުންނައިރު ކޭޕް ވާޑް ވާދަކުރާނީ މައުރިޓާނިއާއާ އެވެ. މޮރޮކޯ ނުކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ. މާލީ އާއި ބާކީނާ ފަސޯ ވާދަކުރާއިރު ސެނެގޯލް ވާދަކުރާނީ މުބާރާތް ބާއްވާ އައިވަރީ ކޯސްޓާ އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ގައުމު މިސްރު އަނެއް ބުރުގައި ކުޅޭނީ ކޮންގޯއާ އެވެ. ރައުންޑް އޮފް 16 ގެ ފަހު މެޗުގައި އިކުއަޓޯރއަލް ގިނީ ވާދަކުރާނީ ގިނީއާ އެވެ.

އެފްރިކާ ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ އަންނަ މަހުގެ 2 އަދި 3 ވަނަ ދުވަހު އެވެ. ސެމީ ފައިނަލް މެޗުތައް އަންނަ މަހުގެ ހަތް ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

މި ލިއުމާއި ގުޅޭ