މި ސީޒަން ނިމުމުން އިނގިރޭސި ކްލަބް ލިވަޕޫލްގެ ކޯޗުކަން ދޫކޮށްލަން ޔާގެން ކްލޮޕް ނިންމައިފި އެވެ.
ކްލޮޕް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
މިދިޔަ އަށް އަހަރުތެރޭ ކްލޮޕް ވަނީ ލިވަޕޫލަށް ހުރިހާ ކާމިޔާބީއެއް ހޯދައިދީފަ އެވެ. އޭގެތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، ޔޫއެފާ ޗެމްޕިއަންސް ލީގު، އިނގިރޭސި އެފްއޭ ކަޕް، އިނގިރޭސި ލީގު ކަޕް، އިނގިރޭސި އެފްއޭ ކޮމިއުނިޓީ ޝީލްޑް، ޔޫއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ހިމެނެ އެވެ.
ކްލޮޕްގެ ކޯޗުކަމުގައި ވާދަކުރި މުބާރާތްތަކުގެ ތެރެއިން ލިވަޕޫލަށް އަދި ނުލިބެނީ ހަމައެކަނި ޔޫއެފާ ޔޫރޮޕާ ލީގެވެ. އެއް ފަހަރު އެ މުބާރާތުގެ ފައިނަލުގައި ވާދަކޮށް ސެވިއްޔާ އަތުން ލިވަޕޫލް ބަލިވީ އެވެ. މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ލިވަޕޫލް ވާދަކުރަމުން އަންނައިރު އެޓީމު ވަނީ ނޮކްއައުޓް ބުރުން ފުރުސަތު ހޯދާފަ އެވެ.
ލިވަޕޫލްގެ ފަހު ސީޒަނުގައި ކްލޮޕާ އެކު އެޓީމު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ފުރުސަތު ހޯދާފައިވާއިރު ލީގު ކަޕްގެ ފައިނަލުން ވަނީ ފުރުސަތު ހޯދާފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އެޓީމު މިވަގުތު އޮތީ އެއް ވަނައިގަ އެވެ.
ކްލޮޕް ބުނީ ލިވަޕޫލް ދޫކޮށްލަން ނިންމީ ކޯޗިންގައި އޭނާ މާބޮޑަށް ވަރުބަލިވުމުން ކަމަށާއި އަބަދު އެ މަސައްކަތް ނުކުރެވޭނެތީ ކަމަށެވެ. ކްލޮޕް ބުނިގޮތުން ލިވަޕޫލް ދޫކޮށްލުމަށް ފަހު އޭނާ ދާނީ ބްރޭކަކަށެވެ. އެއަށްފަހު ކޯޗިން އަށް ނުކުތަސް އިނގިރޭސި އެހެން ކްލަބަކަށް އިރުޝާދު ނުދޭނެކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.