Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

5 ރަށަކަށް ބެޓަރިން ކަރަންޓު ދޭން ފަށަން ސްޓެލްކޯއިން ތައްޔާރުވެއްޖެ

މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5 ރަށަކަށް ބެޓަރިން ކަރަންޓު ދޭން ފަށާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ 74 އަހަރު ފުރުން ފާހަގަކުރުމަށް ސްޓެލްކޯއިން ބޭއްވި ރަސްމިއްޔާތެއްގައި ފަހުމީ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ކ އަތޮޅާ، އއ އަތޮޅާ، އދ އަތޮޅުގެ އިތުރުން ވ އަތޮޅުގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން މަދުވެގެން 5 ރަށެއްގައި މަދުވެގެން 12 ގަޑިއިރު ބެޓަރިން ކަރަންޓު ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ސްޓެލްކޯގެ ބޯޑާއި، މެނޭޖްމަންޓް އަދި މުވައްޒަފުންނާއިއެކު ރޭ ބޭއްވި ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ ޑީސެލްގެ އިތުރުން އެހެން ގޮތްގޮތުންވެސް ހިންގޭނެ، ހައިބްރިޑް ޖަނަރޭޓަރުތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މާލެ ސަރަޙައްދުގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ސިކްސްތު ޕަވަރ ޑިވެލޮޕްމަންޓް ނަމުގައި މަޝްރޫޢެއް ހިންގުމަށް ސްޓެލްކޯއިން މިހާރުވެސް ވަނީ ތައްޔާރުވެފައެވެ.

ތިމާވެއްޓާއި ރަޙުމަތްތެރި އަދި ދެމެހެއްޓެނިވި، އައު އީޖާދީ ގޮތްތަކަށް ކަރަންޓު އުފެއްދުމަށާއި، އެކުންފުނީގެ ޚިދުމަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަކީ ސްޓެލްކޯގެ މައިގަނޑު އެއް އަމާޒެވެ.

2030 ވަނަ އަހަރާއި ހަމައަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާޞިލުވުމަށްޓަކައި، އިއާދަކުރަނިވި ހަކަތަ އުފައްދައި ބޭނުންކުރުމުގައި ސްޓެލްކޯއިން ވަނީ ގިނަ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.

މި ލިއުމާއި ގުޅޭ