ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ގެ ތެރެއިން ދެކުނު ކަނޑުގެ ޞަރަޙައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ ("އިޓްލޮސް) އިން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމުގެ މަސައްކަތުގައި ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރުގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ބަންޑާރަނައިބު އެޓާނީ ޖެނެރަލް އަހުމަދު އުޝާމު ނިންމަވައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގެއްލިފައިވާ ކަނޑުގެ ސަރަޙައްދުން ހޯދުމަށް ކުރެވެން ހުރި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ކަނޑުތަކާ ބެހޭ ޤާނޫނީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ޑރ. މުނައްވަރުގެ ލަފާފުޅާއެކު އެމަސައްކަތް ކުރުމަށް މިހާރު ފަށާފައިވާ ކަމަށެވެ.
1993 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ބަންޑާރަނައިބުކަން ކުރައްވާފައިވާ ޑރ މުނައްވަރަކީ ދިވެހިރާއްޖޭގައި ޤާނޫނީ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެއްގެ އިތުރުން، ބައިނަލްއަޤްވާމީ ގާނޫނުތަކާއި، ކަނޑުތަކާބެހޭ ޤާނޫނުގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ޙާޞިލްކުރައްވާ، އަދި ޙާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ދިރާސާތައް ކުރައްވާ، މިދާއިރާގެ ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ޤާނޫނީ މާހިރެކެވެ.
ޑރ މުނައްވަރުގެ އިތުރުން، މި މައްސަލައާ ގުޅިގެން ޤާނޫނީ ލަފާ ހޯދުމަށް އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް ވަނީ ޢައްޔަނުކުރެވިފައެވެ. މި ދެ ޤާނޫނީ މާހިރުންނަކީވެސް ކަނޑާބެހޭ މުއާހަދާ އާ ގުޅުންހުރި މި ފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެބޭފުޅުންނެވެ.
ޗާގޯސް މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމާއި، މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންން މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުޞަތު އޮތްތޯ ބެލުމުގެ މަސައްކަތް މިބޭފުޅުން ކުރައްވަނެކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.
މައްސަލައިގެ މާހިރުން ދެއްވާ ޤާނޫނީ ލަފާގެ މައްޗަށް ބިނާކޮށް، މި މަސައްކަތްކުރުމަށް ބަންޑާރަނައިބު ޢައްޔަނުކުރައްވާފައިވާ ކޮމިޓީއިން ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓް ކުރިޔަށްއޮތް ފެބްރުވަރީ މަހުގެ ތެރޭގައި ބަންޑާރަނައިބަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައި ކަމަށާއި ކޮމިޓީން ތައްޔާރުކުރާ ރިޕޯޓުގެ މައްޗަށް ބިނާކޮށް، މި މައްސަލާގައި ކުރިޔަށްދާންވީ ގޮތް ނިންމެވުމަށް ކެބިނެޓްއަށް ހުށަހެޅުމަށް ބަންޑާރަނައިބު ނިންމަވާފައިވާކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.