Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާނޫނު އަސާސީ

މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައަޅަން ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މަޤާމުތަކުގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި ޤާނޫނުތަކަކަށް އިސްލާޙު ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އިން ހާމަކޮށްފިއެވެ.

އެކުގައި މަސައްކަތް ނުކުރެވޭ ވަރަށް މައްސަލަ ބޮޑުވެގެންގޮސް އެމްޑީޕީ ދެބައިވެ, އުފެއްދި ޕާޓީ, ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ބައެއް ޤާނޫނުތަކަށް އިސްލާހު ގެންނަން ދެ ޕާޓީއިން އެއްބަސްވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމާއި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި ޕީޖީ ލީޑަރ އަލީ އާޒިމް އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ ދެޕާޓީގެ ދެމެދުގައި މަޝްވަރާތަކެއް ބޭއްވުމަށްފަހުއެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމާއި ސިޔާސީ މަގާމުތަކުގެ އަދަދު ކަނޑައެޅުން ފަދަ ބިލުތައް ހިމެނޭހެން ޤާނޫނުތަކަށް އިސްލާޙު ހުށަހަޅާނެކަމަށް ނޫސްވެރިންނަށް މަޢުލޫމާތު ދެެއްވަމުން ދެޕާޓީގެ ލީޑާޝިޕުން ވަނީ ބުނެފައެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު, ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި 93 މެންބަރުން އިންތިޚާބުކުރާނެއެވެ. ޑިމޮކްރެޓްސް އިން ކުރިންވެސް ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް އިސްލާހެއް ހުށަހަޅާފައެވެ. ނަމަވެސް އެ އިސްލާހު ފާހެއްނުވިއެވެ.

ޤާނޫނުތަކަށް އިސްލާޙު ގެނައުމުގެ މަސައްކަތާއި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ ތާރީޚުތަކާއިބެހޭ ގޮތުން ގޮތްތަކެއް ނިންމުމުގެ ބޭނުމުގައި ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް މިދެޕާޓީއިންވަނީ ނިންމާފައެވެ. އަދި ދެޕާޓީގެ މެންބަރުންގެ 38 ސޮޔާއެކު ޖަލްސާއެއް ބޭއްވުމަށް މަޖިލީހަށް ވަނީ މިއަދު ހުށަހަޅާފައެވެ.

އަދި މީގެ އިތުރުން ދަ ޑިމޮކްރެޓްސްއާއި އެމްޑީޕީން އެކުގައި ޤާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް ކުރިޔަސް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގަައި އެކުގައި ވާދަނުކުރާނެކަމަށް ވަނީ ބުނެފައެވެ.

މި ލިއުމާއި ގުޅޭ