ޒިކުރާ މިސްކިތް މިހާރު ވެސް ހުރި ބިމުގައި ތިން ބުރީގެ މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެސްޖޭ ކޮންސްޓްރަކްޝަން އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.
އަމިއްލަ ޚަރަދުގައި އެސްޖޭ ކޮންސްޓްރަކްޝަންއިން މިމަަސައްކަތް ކުރަން އެއްބަސްވެފައިވާއިރު, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންވެސް ޒިކުރާ މިސްކިތް ހުރި ބިމުގައި މިސްކިތަކާއި އެކު 10 ބުރީގެ ޢިމާރާތެއް އެޅުމަށް ހަވާލުކުރިއެވެ. އެސްޖޭއިން މަސައްކަތް ފަށައި ކުރިން ހުރި ޒިކްރާ މިސްކިތް ތަޅާލިފަހުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.
މިއަދު ބޭއްވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިސްކިތުގެ މަސައްކަތް 2 އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި އަމިއްލަ ތަކެތީގައި މިސްކިތް އިމާރާތްކުރުމުގެ މުހިއްމުކަމާއި މާތްކަން ފާހަގަ ކުރެއްވިއެވެ.
މިދިޔަ ސަރުކާރުގައި މައްސަލަ ބޮޑުވި ޒިކްރާ މިސްކިތުގެ އެއްބަސްވުން ސަރުކާރުން ބާތިލުުކުރުމުން އެސްޖޭއިން ވަނީ ބަދަލުހޯދުމަށް ކޯޓަށްވެސް ގޮސްފައެވެ. ނަމަވެސް އެސްޖޭގެ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް އަޅާ ގޮތަށް ކޯޓުން ބޭރުގައި ދެފަރާތުން އެއްބަސްވެ, ޒިކުރާ މިސްކިތް ހުރި ތަނުގައި ވަގުތީ މިސްކިތެއް އެޅުމަށްވެސް ނިންމިއެވެ. އެސްޖޭއިން ޒިކުރާ މިސްކިތް ހުރިތަނުގައި އެޅި ވަގުތީ މިސްކިތް ހުޅުވީ 23 އެޕްރީލް 2023 ގައެވެ.