އަމީނީމަގުގެ އެއްކޮޅުން އަނެއްކޮޅަށް ހުރި މައްސަލަތައް ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އަމީނީމަގުގައި ތާރު އަޅައި ނިންމައި ދާދިފަހުން މަގު ހުޅުވައިފައިވާއިރު އެ މަގުގައި ހަލާކުވެފައި ހުރި ތަންކޮޅެއް ވީޑިއޯކޮށް އާންމު ރައްޔިތަކު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
މަގުގައި ހަލާކުވެފައިވާ ތަންކޮޅު ހިމެނޭ ސަރަހައްދުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިނީ މިދިޔަ ސަރުކާރުގައެވެ.
މިނިސްޓަރު ވިދާޅުވީ އަމީނީ މަގު އިއްޒުންދީން މަގާ ހަމައަށް ކޮށްފައިވާ މަސައްކަތަކީ 17 ނޮވެންބަރު 2023 ގެ ކުރިން ކޮށް ނިންމާފައިވާ މަސައްކަތެއް ކަމަށެވެ. އަދި ރޯޑް ޑިވެލްމަންޓް ކޯޕަރޭޝަނުން މިހާރު ދަނީ އަމީނީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހުރި މައްސަލަތައް ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާރު އައިއިރު އަމީނީމަގުގެ ނުނިމި އޮތީ ސެގްމަންޓް 12 އަދި 13 ގެ މަސައްކަތެވެ. މި މަސައްކަތްތައް ނިންމައިލީި މި މަހުގެ 13 ގައެވެ.
އާރްޑީސީން މިއަދު ބުނީ އަމީނީމަގު މަޝްރޫއުގެ ތެރޭގައި އެމަގުގެ މެއިންޓަނަސް މަސައްކަތްތައް ބެލެހެއްޓުން ވެސް ހިމެނޭ ކަމަށާއި އެގޮތުން ޖަންކްޝަންތަކާއި މަގުގެ މެއިންޓަނަސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި އާންމު ރައްޔިތަކު ހިއްސާކުރި ވީޑިއޯގައި ފެންނަނީ އެމްޑަބްލިއުއެސްސީގެ ވޯޓަރ ގޭޓް ވޭލްއެއް ކަމަށާއި އެތަން މިހާރު މަރާމާތު ކުރެވިފައިވާ ކަމަށެވެ.