ފާއިތުވި ދައުރު އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތެއް ކޮށްފައިނުވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާގެ މެންޑޭޓުގައި ހިމެނޭ މުވައްސަސާތަކުގެ ހާލަތު ބެއްލެވުމަށް އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
އައްޑޫ ސިޓީގެ ހާލަތު ސިފަކުރައްވަމުން ވަޒީރު ވިދާޅުވީ، އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަން ގެ ހާލަތު ދަށްވެފައިވާކަމަށެވެ. އަދި، އައްޑޫ ސިޓީގައި ހަދަން ފަށާފައިވާ ޕަވާ ހައުސް ނުނިމި ހުއްޓިފައިވާކަމަށާއި، އޭގެ ސަބަބުން މިހާރު ހިންގަމުންދާ ޖެނެރޭޓަރެއް ހަލާކުވެއްޖެނަމަ އައްޑޫ ސިތީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އެއްވެސް ގޮތަކަށް މެއިންޓަނެންސް މަސައްކަތެއް ކޮށްފައެއް ނެތް، ފެނަކައިން އައްޑޫގައި ކުރަން ޖެހޭ މަސައްކަތްތައްކޮށްފައެއް ނުވޭމޫސުމީ ބަދަލުތަކާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު
ވަޒީރު އިތުރަށް ވިދާޅުވީ، މިދިއަ ދައުރު އައްޑޫ ސިޓީގެ ފެން އުފައްދާ ނިޒާމު ތަރައްގީކުރުމުގެ މަސައްކަތް ކޮށްފައިނުވާކަމަށާއި އެ ސިޓީގައި މިހާރު ހުރި އާރުއޯ ޕްލާންޓަކީ 2018 ގައި ހުރި ޕްލާންޓުކަމަށް ވަޒީރު މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ.
ވަޒީރު އައްޑޫގެ އެކި މުއައްސަސާތަކަށް ކުރެއްވި ޒިޔާރަތުގައި ވެމްކޯގެ މަސައްކަތްތައް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން ރޯދަމަހުގެ ކުރިން، ކުނި ނަގާ އުސޫލު ހަރުދަނާކޮށް ރައްކާތެރިކަން އިތުރު ކުރާނެ ގޮތްތަކާއި ބެހޭގޮތުން ވަޒީރު މަޝްވަރާކުރެއްވިއެވެ.
ވަޒީރު ޠާރިޤު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ސިޓީގައި ގައިމްކޮށްފައި ހުންނަ ވެމްކޯގެ ސައިިޓަށާއި، ފެނަކަ ސައިޓަށާއި، އައްޑޫ ސިޓީގެ ކައުންސިލަށް ޒިޔާރަތްކުރައްވާފައިވެއެވެ.