ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އަސްކަރިއްޔާއާ ދެމެދު އޮންނަ ދިފާއީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދެވީ އިންޑޯ-ޕެސިފިކް އެންޑީވަރ 2023 ގެ ކޮމާންޑަރ، އެއަރ ކޮމޮޑޯރ އެންތަނީ މެކްކޯރމެކް، އެމްއެންޑީއެފް ހެޑްކުއޯޓަރޒްއަށް އިއްޔެ ކުރެއްވި ޒިޔާރަތުގައެވެ.
އެންތަނީ މެކްކޯރމެކްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ބައްދަލުކުރައްވައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ރާއްޖެއާއި އޮސްޓްރޭލިއާ އަސްކަރިއްޔާއާ ދެމެދު އޮންނަ ދިފާއީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، ދިފާއީ ދާއިރާއިން އެމްއެންޑީއެފްގެ ކެޕޭސިޓީ ވަރުގަދަކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުންނެވެ.
އިންޑޯ ޕެސިފިކް އެންޑީވަރ 2023 ގެ ވަފުދުން، އެމްއެންޑީއެފްގެ މައި މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި އެމްއެންޑީއެފްގެ އޮފިސަރުންނާއެކު އިންޓަރެކްޓިވް ސެޝަނެއް ވެސް ވަނީ ބާއްވައިފައެވެ.
މި ސެޝަންގައި ދެ ފަރާތުގެ ޚިޔާލާއި ތަޖުރިބާ ހިއްސާކުރެއްވިއެވެ.
މީގެއިތުރުން އެމްއެންޑީއެފްގެ މަތީ ފަންތީގެ އޮފިސަރުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި އެމްއެންޑީއެފްގެ ކެޕޭސިޓީ ބިލްޑިންގ ހަރުދަނާ ކުރުމުގައި އޮސްޓްރޭލިއާ އަސްކަރިއްޔާއިން އެހީތެރިވެދޭނެ ދާއިރާތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.