Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ޤާނޫނު ތަޅުއަޅުވައި ފައިސާ ޗާޕުކޮށް ދައުލަތުގެ ހަރުމުދާ ވިއްކުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން: ސައީދު

ދައުލަތުގެ ހަރުމުދާ ވިއްކުމާއި ޤާނޫނު ތަޅުއެޅުވުމަށްފަހު ފައިސާ ޗާޕުކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫންކަމަށް އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައިވަނީ މި ސަރުކާރުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކަންކަން ނުކުރާކަމަށް ބައެއް ސިޔާސީ ލީޑަރުން ވިދާޅުވުމާ ގުޅިގެން އެ ބޭފުޅުންނަށް ރައްދުދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ސަރުކާރުން އިއުލާނުކުރާ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ބައެއް ސިޔާސީ ލީޑަރުން ވިދާޅުވެފައިވަނީ ސަރުކާރުން މިހާތަނަށް އިއުލާނުކުރަނީ ހަމައެކަނި ޚަރަދުކުރަންޖެހޭ ސިޔާސަތުތައްކަމަށާއި ދައުލަތަށް އާމްދަނީ އިތުރުވާނެ ކަންތައްތަކެއް ސަރުކާރުން ކުރަމުންނުދާ ކަމަށެވެ.

ނަމަވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒުވަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އަވަހަށް ނިންމެވުމާއެކު، އެ މަޝްރޫޢު ކުރިން ކަނޑައަޅާފައިވާ މިންވަރަށް ފުޅާކުރައްވަން ނިންމަވާފައެވެ.

އޭގެ އިތުރަށް ރާއްޖެއަށް ބޭރުގެ އިންވެސްޓުމެންޓުތައް އަންނަ މިންވަރު އިތުރުކުރުމަށް ރައީސްވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނުތަކުގައި އިންވެސްޓުކުރެވޭނެ އެންމެ ކުޑަ މިންވަރު ކަނޑައަޅުއްވައި އެކި ދާއިރާތަކުން އިންވެސްޓުކުރުމަށް ފުރުސަތު ހުޅުވައިލައްވާފައެވެ.

މިހާތަނަށް އެއް އިންވެސްޓަރުވަނީ ރާއްޖޭގައި އިއާދަކުރުވަނިވި ހަކަތައިގެ ބޮޑު މަޝްރޫޢެއް ހިންގުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި ބައިނަލްއަޤުވާމީ މާލީ ޚިދުމަތްތަކަށް ރާއްޖެއިން ފުރުސަތު ދިނުމުގެ ގޮތުން އެކަމަށް ޚާއްޞަ ކުންފުންޏެއް ރައީސްވަނީ އުފައްދަވާފައެވެ.

ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެއްވައި ސައީދުވަނީ ދައުލަތާ މީގެކުރިން ހަވާލުވެވަޑައިގެންނެވި ބޭފުޅުން އެ ބޭފުޅުންގެ ސަރުކާރުގެ ފުރަތަމަ ދެ މަސްތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހިންގަވާފައިވަނީ އީޖާދީ މަސައްކަތްތަކަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.

ސައީދު އިތުރަށް ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މި ސަރުކާރުން ދައުލަތުގެ ހަރުމުދާ ވިއްކުމާއި ޤާނޫނު ތަޅުއަޅުވާފައި ފައިސާ ޗާޕުކުރުމާއި މާލީ ޒިންމާއިން ރެކިގަތުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

މި ލިއުމާއި ގުޅޭ