Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސަގެ ޤަތުލު

ހެކި ނެތިގެން، މޫސަ މަރާލި މައްސަލަ ސާބިތެއްނުވި

މާލޭގައި ގްރޫޕަކުން, މާލޭ "އައިޓަމްސް ފިހާރަ" ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ, ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަރާލި މައްސަލައިގައި ދަޢުވާކުރެވުނު އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުރާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުލަތަށް މިމައްސަލަ ސާބިތުކޮށްދެވިފައި ނުވާކަމަށް ކްރިމިނަލްކޯޓުން ކުރި ޙުކުމްގައި ވަނީ ބުނެފައެވެ.

މިމައްސަލައަކީ ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނުބަލަން ނިންމާފައިވަނިކޮށް ސުޕްރީމްކޯޓުން ބަލަން އަންގައިގެން ކްރިމިނަލްކޯޓުން ބެލި މައްސަލައެކެވެ.

މިމައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން މޫސާ އަހުމަދަށް ހަމަލާދިނީ ސައްމާހު ކަމަށް ކޯޓުގައި ހެކިބަސް ދިނީ އެންމެ މީހެކެވެ. ނަމަވެސް އެހެކިބަސް ވަނީ ދައުލަތުން ބިރުދައްކައިގެން ދިން ހެކިބަހެއްކަމަށް ބުނެ އަނބުރާގެންގޮސްފައެވެ. އަނބުރާ ނުގެންދިޔަނަމަވެސް އެހެކިބަހަކީ އިތުބާރުކުރެވޭ ހެކިބަހެއް ނޫންކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ.

ދައުލަތުން ވަނީ މިމައްސަލަ ސާބިތުކުރުމަށް ވީޑިއޯ ފޫޓޭޖްވެސް ހުށހެޅިއެވެ. ނަމަވެސް އެވީޑިއޯ ފޫޓެޖްގައި ފެންނަނީ ސައްމާހު ކަމާއިމެދު ސުވާލު އުފެދުމުގެ ޖާގަ އެބައޮތްކަމަށާއި އެއްވެސް ފޮރެންސިކް އެވިޑެންސަކުން ވެސް އެކަމާ ސަައްމާހުއާ ގުޅުވައިދޭން ހެއްކެއް ފެންނަން ނެތް ކަމަށް ހުކުމުގައިވެ އެވެ.

މޫސަގެ މަރުގެ މައްސަލާގައި, ތޫނު ހަތިޔާރު ގެންގުޅުނުކަމުގެ ދަޢުވާ ކުރެވުނު އިތުރު ދެމީހެއްގެ މައްސަލަވެސް ވަނީ ސާބިތުނުވާކަމަށް ނިންމާފައެވެ.

މި ލިއުމާއި ގުޅޭ