Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އަލީ ޝިޔާމް

މަޖިލިސް އިންތިހާބު ބާއްވާ ތާރީހު އަދިވެސް ބަދަލުކުރެވޭނެ: ޝިޔާމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހާ ދިމާނުވާ ގޮތަށް އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް ޕީޕީއެމް ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަންޖެހޭ ކަމަށް ގާނޫގައި ބުނެފައިވާ މުއްދަތާއި މި އަހަރުގެ ރޯދަމަހާ ދިމާވާތީ، ރޯދަ މަހުގެ ފަހުން އިންތިހާބު ބޭއްވުމަށް ސިޔާސީ ޕާޓީތަކާއި މިނިވަން މުއައްސަސާތަކުން ލަފާ ދިން ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. އެއީ މި އަހަރުގެ ރޯދަ މަހުގެ ހަތްވަނަ ދުވަހެވެ.
މަޖިލިސް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބާއްވަން ޕީޕީއެމް އިން ބޭނުންނުވާ ކަމަށެވެ.
ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، ރޯދަ މަހުގެ ކުރީ ދެ ހަފްތާއާއި ރޯދަ މަހަކީ ވެސް ދިވެހިން އާންމުކޮށް ސިޔާސީ ކަންކަމުގެ ތެރޭގައި އުޅޭ މަހަކަށް ނުވާތީ، އެކަމުގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެތީ އެވެ.
މިހާރު އިއުލާންކޮށްފައިވާ ތާރީހުގައި މަޖިލިސް އިންތިހާބު ބާއްވަން އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް އެއްބަސް ނޫންކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައިގެން އެ ތާރީހު ބަދަލުކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން އެކަން ކުރެވޭނެ. ހާއްސަ ޖަލްސާތަކާ އެއްޗިހި ދައުރުން ބޭރުން ބާއްވައިގެން ކުރާ ކަންކަން އެބަ ކުރެވޭ. އެހެންވީމާ ރައްޔިތުންގެ އެހާ ބޮޑު ކަންބޮޑުވުމެއް މިކަމުގައި އޮވެއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެން ހަމަ ތާއީދުކުރަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން، ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ދުވަސް ކަނޑައެޅިގެން ދިއުމަށް،" ޝިޔާމް ވިދާޅުވި އެވެ.
ގާނޫނުގައި ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމުގެ 120 ދުވަސް ކުރިން މަޖިލިސް އިންތިހާބު އިއުލާންކުރަންޖެހެ އެވެ.
މާޗު 17 ގެ ފަހުން އިންތިހާބު ނުބޭއްވޭ ސަބަބެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނީ، ރޯދަ މަހުގެ ފަހު 10 ދުވަހާއި ފިތުރު އީދާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއް އަންނާތީއާއި، އެއަށްފަހު ހުރިހާ ސްކޫލްތަކެއްގެ އިމްތިހާން ދުވަސްވަރު އަންނާތީ އެ ދުވަސްތަކުގައި އިންތިހާބު ނުބޭއްވޭނެތީ އެވެ.
މި ލިއުމާއި ގުޅޭ