Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފުވައްމުލަކުގައި ހަލާކުވި ޖަނަރޭޓަރު ހިންގާތާ 30،000 ގަޑިއިރުވިއިރު އޯވާހޯލުނުކުރޭ، އައު ޖަނަރޭޓަރެއް ހޯދަނީ

ފުވައްމުލައް ސިޓީގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޖަނަރޭޓަރެއް ހަލާކުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ކަރަންޓުގެ ދަތިކަން ހައްލުކުރުމަށް އައު ޖަނަރޭޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފުވައްމުލަކުގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ 7 ޖަނަރޭޓަރު ސެޓުގެ ތެރެއިން 800 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓެއްގައި 11 ޑިސެންބަރު 2023 އިން ފެށިގެން މައްސަލަޖެހިފައިވާކަމަށެވެ. އަދި ޖަނަރޭޓަރުގެ ބައެއް ބައިތައް ހަލާކުވެ އަރަށުގައި ކަރަންޓު އުފެއްދޭ މިންވަރު 4850 ކިލޯވޯޓުން، 4000 ކިލޯވޯޓަށް ދަށްވެފައިވާ ކަމަށެވެ.

ޖަނަރޭޓަރު ސެޓު ހަލާކުވި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަށްވުމުން ކަރަންޓު ކަންޑަން ނުޖެހުނު ނަމަވެސް މިހާރު މޫސުން ރަނގަޅުވުމާއެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ރަށުގެ އެކި ސަރަަހައްދުތަކުން ކަރަންޓު ކަނޑަންޖެހޭނެ ކަމަށް ލަފާކުރެވޭތީ އެހެން ރަށަކުން ޖަނަރޭޓަރެއް ހޯދުމުގެ މަސައްކަތްކުރިކަމަށް ފެނަކައިން ބުންޏެވެ.

އެގޮތުން ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުގައި އެ ޖަނަރޭޓަރު ފުވައްމުލަކަށް ގެންދިއުމަށް ފެނަކައިން ޖަނަރޭޓަރު ހުރި ރަށަށް އުޅަނދެއްވެސް ފޮނުވިއެވެ. ފެނަކައިން ބުނި ގޮތުގައި މިއީ ބޭނުންނުކުރާ އައު ޖަނަރޭޓަރެކެވެ. ނަމަވެސް އެ ޖަނަރޭޓަރު ގެންގޮސްފިނަމަ އެ ރަށުގެ މަސްލަހަތު ގެއްލިދާނެކަމަށް އެކި ފަރާތްތަކުން ކުންފުނީގައި ޝަކުވާކުރުމާ ގުޅިގެން ޖަނަރޭޓަރު ފުވައްމުލަކަށް ގެންދިއުން ހުއްޓުނުކަމަށް އެ ކުންފުނިން ބުންޏެވެ.

އެއާއެކު މިހާރު އެމަޖެންސީ ޕްރޮކިއުމެންޓުގެ ދަށުން 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށާއި ނަމަވެސް އެ މިންވަރުގެ ޖަނަރޭޓަރެއް ރާއްޖެއިން މިވަގުތު ލިބެން ނެތުމުން ޖަނަރޭޓަރު ގެންނަންޖެހެނީ ރާއްޖެއިން ބޭރުންކަމަށްވެސް ފެނަކައިން ބުންޏެވެ.

ޖަނަރޭޓަރެއް ހޯދުމުގެ މަސައްކަތުގެ އިތުރަށް މިހާރު ފުވައްމުލަކުގައި ހުރި ޖަނަރޭޓަރު މަރާމާތުކުރުމުގެ މަސައްކަތްވެސް ފެނަކައިން ކުރަމުންދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި އެހެން ރަށެއްގައި ހުރި ޖަނަރޭޓަރު ފުވައްމުލަކަށް ގެންދެވޭތޯ މިހާރުވެސް މަސައްކަތްކުރަމުންދާކަމަށް ފެނަކައިން ބުންޏެވެ.

އިތުރަށް ފެނަކައިން ބުނީ ކުރިއަށް އޮތް ރަމަޟާން މަހަށް ރަށްރަށުގައި ދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެ ކުންފުނިން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ފުވައްމުލަކުގައި 1،200 ކިލޯވޯލްޓުގެ ޖަނަރޭޓަރެއް ބެހެއްޓުމަށް ރޭވިފައިވާކަމަށެވެ.

ފެނަކައިން ފާހަގަކުރި ގޮތުގައި ފާއިތުވި އަހަރުތަކުގައި ޖަނަރޭޓަރުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ސަމާލުކަން ދީފައިނުވުމުގެ ސަބަބުން ވަރަށް ގިނަ ޖަނަރޭޓަރުތައް ހުރީ ހަލާކުވެފައެވެ. އެގޮތުން ފުވައްމުލަކުން ހަލާކުވި ޖަނަރޭޓަރު ހިންގާތާ 30،000 ގަޑިއިރުވިއރު އޯވާހޯލްކޮށްފައި ނެތްކަން އެ ކުންފުނިން ފާހަގަކުރިއެވެ.

މި ލިއުމާއި ގުޅޭ