Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އިޓަލީގެ އެއްވަނަ ލަނޑުޖެހުންތެރިޔާ މަރުވެއްޖެ

އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ގިގީ ރިވާ އުމުރުން 79 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

މިދިޔަ ހަފްތާ ބަންދުގައި ހާޓް އެޓޭކެއް ޖެހިގެން ރިވާ އައީ ހޮސްޕިޓަލުން ފަރުވާ ހޯދަމުންނެވެ. ރިވާ މަރުވީ އިޓަލީގެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ރިވާ ވަނީ އިޓަލީގެ ގައުމީ ޓީމަށް ކުޅުނު 42 މެޗުގައި 35 ގޯލު ޖަހައިފަ އެވެ. އިޓަލީގެ ލަނޑު ލިސްޓުގެ ކުރީގައި އުޅޭ ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންނަށް ބަލާއިރު ރޮބާޓޯ ބާޖިއޯ އާއި އަލެސަންޑްރޯ ޑެލްޕިއޭރޯ ހިމެނެ އެވެ. ބާޖިއޯ އާއި ޑެލްޕިއޭރޯ ވެސް ޖަހާފައިވަނީ 27 ގޯލެވެ.

ރިވާ ވަނީ 1968 ވަނަ އަހަރު އިޓަލީއާ އެކު ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށް އޭގެ ދެ އަހަރު ފަހުން ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް އިޓަލީއާ އެކު ދަތުރުކޮށްފަ އެވެ.

ކުރިން އިޓަލީގެ ކަގްލިއާރީ އިން ފާހަގަކުރެވުނު ކުޅުންތެރިޔާ އެޓީމާ އެކު 1970 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި އެވެ.

ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ލީގު ހޯދުމަށް ކަގްލިއާރީ އަށް އުނދަގޫވީ އޭރު ރަނގަޅު ފޯމުގައި ހުރި ރިވާ ފައިބިންދައިގެން ގޮސް ކުޅުމާ ދުރުގައި ހުންނަން ޖެހުމުންނެވެ.

ރިވާ ކަގްލިއާރީ ޓީމަށް ކުޅުނީ 1963 އިން 1976 އާ ހަމައަށެވެ. އެ މުއްދަތުގައި އިޓަލީ ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނަ ތިން ފަހަރު ހޯދި އެވެ. ޖުމްލަ 207 ގޯލު އެ ލީގުގައި ޖެހިއިރު 1969 ވަނަ އަހަރުގެ ބެލޮންޑިއޯގެ ދެ ވަނަ މަގާމް ރިވާ ހޯދި އެވެ.

ރިވާގެ މަރާއި ގުޅިގެން ހިނގަމުންދާ ހަފްތާ އާއި އަންނަ ހަފްތާ ބަންދުގައި ކުޅޭ އިޓަލީ ކްލަބްތަކުގެ މެޗުތަކުގައި ސުކޫތެއް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ލިއުމާއި ގުޅޭ