Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

ޗައިނާ-ރާއްޖެ އެއްބަސްވުންތައް ތަންފީޒުކުރުން މިހާރުވެސް ފެށިއްޖެ: މިނިސްޓަރު ހައިޔާން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުންތައް ތަންފީޒުކުރުމުގެ މަސައްކަތް މިހާރުވެސް ފެށިފައިވާކަމަށް ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓު ޕާޓީގެ އިންޓަނޭޝަނަލް ލިއޭސަން ޑިޕާޓުމެންޓުގެ ޑެޕިއުޓީ މިނިސްޓަރު ސަން ހައިޔާން ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާއި، ރާއްޖެ-ޗައިނާ ގުޅުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް މިއަދު މާގިރީގައި ބޭއްވި ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހައިޔާން ވިދާޅުވީ ރާއްޖެއާއި ޗައިނާގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމަށް ގިނަ ދުވަސްތަކެއް މަޑުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އަދި މިހާރުވެސް ޗައިނާއާއި ރާއްޖެއާ ދެމެދު އެއްބަސްވެފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ބައެއް ކަންކަން ތަންފީޒުކުރަން ފަށާފައިވާކަން ފާހަގަކުރައްވައި ހައިޔާން ވިދާޅުވީ ޗައިނާގެ ސިޓީތަކުން ސީދާ ރާއްޖެއަށް ދަތުރުތައް ފެށުމަށް އެއްބަސްވެވުނު ގޮތަށް މިހާރު ޗައިނާގެ ހޮންކޮންގާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށިފައިވާ ކަމަށެވެ. އަދި އެހެނިހެން ސިޓީތަކުންވެސް ރާއްޖެއަށް ސީދާ ދަތުރުކުރަން ވަރަށް އަވަހަށް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހައިޔާން އިތުރަށް ވިދާޅުވީ ޗައިނާގެ ހިލޭ އެހީގެ ދަށުން މާލެއާއި އަތޮޅު ތެރޭގައި ހިންގުމަށް އެއްބަސްވި ސްމާޓު ޕްރޮޖެކްޓުތަކުގެ ދަށުން އދ.މަހިބަދޫއަށް ބޭނުންވާ ބައެއް ކަހަލަ އާލާތްތައް އޭނާ އެރަށަށް ވަޑައިގެން ހަދިޔާކުރެއްވި ކަމަށެވެ. އަދި މިފަދަ ގިނަ ޕްރޮޖެކްޓުތަކެއް ވަރަށް އަވަހަށް އިތުރު ރަށްރަށުގައި ޗައިނާއިން ހިންގަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައިޔާން ފާހަގަކުރެއްވި ގޮތުގައި ޗައިނާގެ ރައްޔިތުންނާއި ދިވެހިރައްޔިތުންނާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ ރާއްޖެއަށް ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާނެ ކަމަށެވެ. ރައީސް ޑރ.މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު މިހާރުވެސް ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ފާހަގަކުރެއްވިކަމަށްވެސް ހައިޔާން ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގައި ބޭއްވެވި އިންވެސްޓުމެންޓު ފޯރަމުގެ ސަބަބުން ޗައިނާގެ އަމިއްލަ ވިޔަފާރިތަކުންވެސް ރާއްޖޭގައި އިންވެސްޓުކުރަން ޝައުޤުވެރިވާ ކަމަށެވެ. އެކަމަށް ރާއްޖެއާއި ޗައިނާގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވުމާއި ރާއްޖޭގައި ސިޔާސީ ހަމަޖެހުން ދެމިގެން ދިއުމަކީ މުހިއްމު ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޗައިނާގެ ޚާރިޖީ ސިޔާސަތަށް އަލިއަޅުވައިލައްވައި ހައިޔާން ވިދާޅުވީ ޗައިނާއިން އެހެނިހެން ޤައުމުތަކާ މުއާމަލާތްކުރާނީ ހަމަހަމަ ބައިވެރިންގެ ގޮތުގައި ކަމަށާއި، އެއްވެސް ޤައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޗައިނާއިން ނުވަންނާނެކަމަށެވެ. އަދި ޗައިނާއިން ޤައުމުތަކަށް އެހީތެރިވުމުގައި ބަލާނީ އެ ޤައުމުތަކުގެ ބޭނުންތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ޗައިނާއިން ކުރާ މަސައްކަތްތަކަކީވެސް ރާއްޖެގެ ބޭނުންތަކަށް ރިއާޔަތްކުރެވިގެން ކުރަމުންދާ މަސައްކަތްތަކެއްކަން ހައިޔާން ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ