Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އެފުރިކަން ކަޕް: މިސްރު ނަސީބާ އެކު އަނެއް ބުރަށް، ގާނާ ކެޓުމާ ގާތަށް

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގްރޫޕް ބީގެ ފަހު މެޗުތަކުގައި ރޭ ނުކުތް ނަތީޖާތަކާއި އެކު މިސްރަށް މުބާރާތުގެ ނޮކައުޓް ބުރުން ފުރުސަތު ލިބުނުއިރު ގާނާ މުބާރާތާ ވަކިވާންޖެހުމުގެ ބިރު ބޮޑުވެއްޖެ އެވެ.

ރޭ ކޭޕް ވާޑްއާ ވާދަކޮށް މިސްރު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަނެއް މެޗުގައި ގާނާ ވެސް މޮޒަންބީގްއާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވެފަ އެވެ.

އެ ގްރޫޕުގެ މެޗުތައް ނިމުނުއިރު އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު ކޭޕް ވާޑް އެވެ. ދެ ވަނަ ލިބުނު ތިން މެޗުން އެއްވަރުވެ ތިން ޕޮއިންޓް ލިބުނު މިސްރަށެވެ. ތިން ވަނަ ލިބުނު ގާނާ އާއި ހަތަރު ވަނަ ހޯދީ މޮޒަންބީގަށް ލިބުނީ ދެ ޕޮއިންޓެވެ. ގޯލުގެ ތަފާތުން މޮޒަންބީގް ވަނީ މުބާރާތުން ކަޓައިފަ އެވެ.

މުބާރާތުގެ ނޮކައުޓް ބުރުން ފުރުސަތު ލިބޭނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމަށާއި، ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާގައި ނިންމާލާ ހަތަރު ޓީމަށެވެ. އެ ގަވައިދުގެ ދަށުން ތިން ވަނަ ލިބޭ ކޮންމެވެސް ދެ ޓީމެއް މުބާރާތުން ކަޓާނެ އެވެ.

ގާނާ އަށް ތިން މެޗުން ދެ ޕޮއިންޓް ލިބިފައިވުމާ އެކު، ތިން ވަނަ ޓީމުގެ ގޮތުގައި އެޓީމަށް އަނެއް ބުރަށް ދިއުމަށް އޮތީ ހަނި ފުރުސަތެކެވެ.

މިސްރު ރޭގެ މެޗު ކުޅުނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި މުހައްމަދު ސަލާހް ނުލަ އެވެ. ސަލާހްގެ އަނިޔާއާ ގުޅިގެން އޭނާ އަށް މުބާރާތުގައި ދެން ކުޅެވުމުގެ ފުރުސަތު ކުޑަ އެވެ.

މިސްރަށް ނަސީބު ލައްވާލީ ރޭ ގާނާ ފަހުވަގުތު އެއްވަރުވުމުންނެވެ. ރޭގެ މެޗުގެ އިތުރު ވަގުތާ ހަމައަށް ދިޔައިރު ވެސް ގާނާ އޮތީ ދެ ގޯލުގެ ލީޑުގަ އެވެ. އެކަމަކު އިތުރު ވަގުތުގައި މޮޒަންބީގް އިން ގާނާ ކޮޅަށް ދެ ގޯލު ޖެހީ އެވެ.

ހިތްދަތި ގޮތަކަށް ދެ ގޯލުގެ ލީޑެއް ގެއްލި މެޗު އެއްވަރުވުމުން އެ ޓީމުގެ ސަޕޯޓަރުންނާއި ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.

ކޭޕް ވާޑް އާއި މިސްރުގެ އިތުރުން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ނޮކައުޓް ބުރުން ފުރުސަތު ހޯދާފައިވަނީ އިކުއަޓޯރިއަލް ގިނީ އާއި ނައިޖީރިއާ އަދި ސެނެގޯލް އެވެ.
މި ލިއުމާއި ގުޅޭ