އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެނާއި ކުނީގެ މައްސަލަތަކަށް ހައްލު ހޯދައިދޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
ވަޒީރު ތޯރިގް މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައިގަނޑު މަގްސަދެއްކަމުގައި އެމަނިކުފާނު ވިދާޅުވީ، އެ ސިޓީގެ ރައްޔިތުން ކުނި މެނޭޖު ކުރާގޮތް ގާތުން ބައްލަވާނެކަމަށެވެ. އަދި ކުނި މެނޭޖުކުރާގޮތް ބެލުމަކީ އެ ވުޒާރާގެ މެންޑޭޓުގައި ހިމެނޭކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ދަތުރުގައި ފާހަގަވެފައިވާ ކަންކަމާމެދު ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އައްޑޫފަދަ ބޮޑު ސިޓީއަކަށް ފެނާއި ކަރަންޓުގެ ހިދުމަތްލިބުމުގައި ގޮންޖެހުންތަކެއް ހުރިކަމަށެވެ. އަދި، ފެނަކަ ކުންފުނީގެ މަސައްކަތުގައިވެސް މައްސަލަތަކެއްހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، އައްޑޫ ސިޓީގެ ރައްޔިތުންގެ ހާލަތު ދެނެގަނެ މައްސަލަތަކަށް ހައްލުގެނައުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ފާހަގަކުރައްވާނެކަމަށް ވަޒީރު ތޯރިގު ވިދާޅުވިއެވެ.
އެގޮތުން، ވަޒީރު އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ސީޓީގެ ކައުންސިލް މެންބަރުންނާއި މޭޔަރާ ބައްދަލުކުރައްވާފައިވެއެވެ. އަދި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ، އެކަންކަމަށް ހައްލު ގެނައުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ހުރިހާ ކައުންސިލަރުންވެސް އައްޑޫ ސިޓީގައި ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރުމުގެ މަސައްކަތް، މިހާރަށްވުރެ ރަނގަޅަށް އެކަންތައް ކޮށްދިނުމަށް އެދުނު.ވަޒީރު ތޯރިގު ވިދާޅުވިއެވެ.
އައްޑޫއަށް ދިމާވެފައިވާ ފެނުގެ މައްސަލައަކީ، ފެނަކަ ކުންފުނީގެ އެންމެ ފެން ޕުލާންޓެއް ހުރުމުން ދިމާވާމައްސަލައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަކަށް ފެން ފޯރުކޮށްދެނީ އެ ޕުލާންޓުންނެވެ. މި ހާލަތުގައި އެ ފެން ޕުލާންޓު އޮޕަރޭޓުކުރަންވެއްޖެނަމަ މާގިނަ ދުވަހެއް ނުވެ، ފެން ކެޑުންފަދަ މައްސަލަތައް ފެންމަތިވާންް ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް ކުރަންޖެހޭ ކަންކަން ފަށާފައިވާކަމަށް އެމަނިކުފާނު މައުލޫމާތު ދެއްވިއެވެ.
އައްޑޫ ސިޓީއަށް ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިގް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރޭގައި އެ ސިޓީގެ އެކި މުވައްސަސާތަކާއި ބައްދަލުކުރަންވާ އެ ސިޓީއަށް ކުރިމަތިވެފައިވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.