ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އާއިޝަތު ފިފްޝީން އަލީ މިއަދު އައްޔަންކޮށްފިއެވެ.
ދައުލަތުގެ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުންނާއި ބޯޑު މެންބަރުން އައްޔަންކުރަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިންނެވެ. މިހާތަނަށް ފިފްޝީން އެ މަޤާމަށް އައްޔަންކުރިކަން ޕީސީބީން އިއުލާނުކޮށްފައިނުވި ނަމަވެސް އެ ކުންފުނިންވަނީ އޭނާ އެމަޤާމަށް އައްޔަންކުރުމާ ގުޅިގެން މަރުހަބާ ކިޔާފައެވެ.
ފިފްޝީނަކީ އޮސްޓްރޭލިއާއިން މަތީ ތައުލީމު ހާސިލުކުރައްވައި ރާއްޖޭގެ އެންމެ ބޮޑު ބޭންކުކަމަށްވާ ބޭންކު އޮފް މޯލްޑިވްސްގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވައި މާލީ ދާއިރާއިން ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ވަޑައިގަތުމުގެ ކުރިން ފިފްޝީން ހުންނެވީ ބީއެމްއެލްގެ ޗެނަލް މެނޭޖުމެންޓުގެ ވެރިޔާގެ މަޤާމުގައެވެ.
އިއްޔެއާ ހަމައަށް އެސްޑީއެފްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވީ ކުރީ ސަރުކާރުން އެ މަޤާމަށް އައްޔަންކުރައްވާފައި ހުންނެވި އަޙުމަދު ޒީނާދެވެ.