ސީލައިފް ކުންފުނީގެ އޯނަރު އަޙްމަދު މޫސާ (އަންމަޓީ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ކުރިމިނަލް ކޯޓުން ދިން ހުއްދައާ ގުޅިގެން އިއްޔެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކީ ތާރީޚީ ނިންމުމެކެވެ. އެ ނިންމުމާއެކު ދަށު މަރުހަލާގެ ކޯޓުތަކުން ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ދައުވާކޮށްފައިވާ މީހުންގެ ޕާސްޕޯޓު ހިފަހެއްޓުމާމެދު އަމަލުކުރާނެ އައު އުސޫލުތަކެއް ޤާއިމުވެގެން ގޮސްފައިވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އައު ނިންމުމާއެކު ކޯޓުން މިހާތަނަށް ހިފަހައްޓަމުން އައި ބައެއް ހަމަތަކާމެދު ސުވާލު އުފެދިގެންދެއެވެ.
ދަތުރުފަތުރުކުރުމުގެ ޙައްޤަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި އަސާސީ ޙައްޤުތަކުގެ ތެރެއިން ޙައްޤެކެވެ. ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ރާއްޖެއިން ފުރައިގެން ދިއުމާއި، ރާއްޖެއަށް އެނބުރި އައުމާއި، ރާއްޖޭގައި ހުރުމާއި، ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.
ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް ހަނިކުރުމަކީ ޤާނޫނު އަސާސީގައި ބަޔާންކުރާ ވަކި އިޖުރާއާތެއްގެ ތެރެއިން މެނުވީ ކުރެވޭނެ ކަމެއް ނޫނެވެ. މިފަދައިން ޙައްޤުތައް ހަނިކުރުމާ ގުޅޭ އިޖުރާއާތު ޤާނޫނު އަސާސީގައި ލިޔެވިފައި އޮތުމުގެ މައިގަނޑު ބޭނުމެއްކަމަށް ޤާނޫނީ މާހިރުން ވިދާޅުވަނީ އަސާސީ ޙައްޤުތައް ތައައްސުފީ (އާބިޓަރަރީ) ގޮތެއްގައި ނިގުޅައިގަތުން ހުއްޓުވުމެވެ.
ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޙައްޤުތައް ހަނިކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްދީފައިވެއެވެ. އެ މާއްދާގެ (ހ)ގައި ބުނެފައިވަނީ މިއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހެއްޓޭނީ، ޤާނޫނު އަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށެވެ. އަދި މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހަނިކޮށް ހިފަހެއްޓޭނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށް ކަމަށެވެ.
އަންމަޓީގެ ޕާސްޕޯޓު ދޫކޮށްލުމާ ގުޅޭ މައްސަލާގައި ސުޕްރީމް ކޯޓުން އިއްޔެ ނިންމި ނިންމުމުގައި މުހިއްމުވަނީ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔައެވެ. އެ ރައުޔައަށް ފަނޑިޔާރު މަހާޒު އަލީ ޒާހިރު ތާއީދުކުރެއްވުމާއެކު، އެ ރައުޔާގައި ހުރި އުސޫލުތަކަކީ މިހާރު ރާއްޖޭގެ ކޯޓުތަކުން އަމަލުކުރުމުގައި ރިއާޔަތްކުރަންޖެހޭ ލީގަލް ޕްރެސިޑެންޓެވެ.
ފަނޑިޔާރު ސުއޫދުގެ ރައުޔައިން މައިގަނޑު ދެތިން ނުކުތާއެއް ފާހަގަކުރެވުނެވެ. ފުރަތަމަ ނުކުތާއަކީ، ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ދައުވާ އުފުލުމާއެކު، އެމީހެއްގެ ޕާސްޕޯޓު ހިފަހެއްޓުމަށް ކޯޓުން އަމުރުނެރުމުން އެމީހަކު ބްލެކްލިސްޓުކޮށް ރާއްޖެއިން ބޭރަށް ފުރައިގެންނުދެވޭނެ ގޮތް ހެދުމަކީ މޯލްޑިވްސް އިމިގުރޭޝަނުގެ ޒިންމާއެއްކަމަށް ބަޔާންކުރައްވާފައިވާ ނުކުތާއެވެ.
"ޤާނޫނުލް ޢުޤޫބާތުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމާއެކު ދައުވާ ލިބޭ ފަރާތް ދިވެހިރާއްޖެއިން ބޭރަށް ދިއުން މަނާކުރުމަށް ކޯޓުން މޯލްޑިވްސް އިމިގުރޭޝަންއަށް އެންގުމާއެކު އެފަދަ މީސްމީހުން ބްލެކްލިސްޓުކުރެވި އެފަދަ މީސްމީހުން ރާއްޖެއިން ބޭރަށް ނުފުރޭނެ ގޮތް ހެދުމަކީ މޯލްޑިވްސް އިމިގުރޭޝަނުގެ ޒިންމާއެއް،" ސުއޫދު ލިޔުއްވާފައިވެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރައްވާ ތަޖުރިބާކާރު ޤާނޫނީ ވަކީލަކު މި މައްސަލައާމެދު "ދިޔަރެސް"އާ ވާހަކަދައްކަވަމުން ވިދާޅުވީ ސުއޫދުގެ ރައުޔާގައި އިބާރާތް ފަރުމާވެފައި އޮތް ގޮތުން ޖިނާއީ ބޮޑު ދައުވާއެއް މީހެއްގެ މައްޗަށް އުފުލުމާއެކު އޭނާގެ ޕާސްޕޯޓު ހިފަހެއްޓުމުގެ އަމުރެއް ނެރުން ކޯޓުގެ މައްޗަށް ލާޒިމުވާނެކަމަށް ދޭހަވާ ކަމަށެވެ.
ވަކީލުގެ މިވާހަކަފުޅަށް ބާރުލިބެނީ މިއިބާރާތުގެ ކުރިން ސުއޫދުގެ ރައުޔާގައި ލިޔުއްވާފައިވާ ވާހަކަފުޅުންނެވެ. އެއީ ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހަކު ދިވެހިރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފިނަމަ ޖިނާއީ އަދުލުގެ ނިޒާމު ވާގިނެތި އަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅޭނެކަމަށް ވިދާޅުވެ، އެކަން އެހެން ވިޔަނުދިނުމަށް ދައުލަތު ފިޔަވަޅުއަޅަންޖެހޭކަމަށް ސުއޫދު ބަޔާންކުރައްވާފައި އޮތުމެވެ.
ދެވަނަ ނުކުތާއެއްގެ ގޮތުގައި ސުއޫދުގެ ރައުޔައިން ފާހަގަވަނީ ޖިނާއީ ބޮޑު ތުހުމަތެއްގައި ދައުވާ އުފުލޭ މީހާގެ ޕާސްޕޯޓު ހިފަހައްޓައި ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކޮށްފައި އޮންނަ އޮތުން އޭނާގެ މައްޗަށް އުފުލި ދައުވާގެ އިސްތިއުނާފީ މަރުހަލާތައް ނިމެންދެން ދެމިއޮންނަންވާނެކަމަށް ބަޔާންކުރައްވާފައި އޮތުމެވެ.
ތިންވަނަ ނުކުތާއެއްގެ ގޮތުގައި ފާހަގަވަނީ ފުރުން މަނާކޮށްފައިހުރި މީހަކު ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ކޯޓުން ދިނުމުގައި އަމަލުކުރަންޖެހޭނެކަމަށް ސުއޫދު ބަޔާންކުރައްވާފައިވާ އިޖުރާއާތެވެ. އެއީ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ، ތުހުމަތުވާ މީހާ ހޯދަން އެދޭ ފަރުވާއަކީ ރާއްޖެއިން ލިބެން ނެތް ފަރުވާއެއްކަމަށް ޑޮކްޓަރަކު ރައުޔައެއް ދިނުމާއި، އެ ރައުޔައާމެދު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދެކޭ ގޮތް ސާފުކުރުމާއެކު، އެމީހަކު ފުރައިގެންދިއުމާމެދު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އިއުތިރާޒުނުކުރާކަން ކަށަވަރުކުރުމެވެ.
ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި މީހަކު ދަތުރުކުރުން މަނާކޮށް ޕާސްޕޯޓު ހިފަހެއްޓުމާ ގުޅޭ ދެ ހާލަތެއް ބަޔާންކޮށްފައިވެއެވެ. އެއިން ފުރަތަމަ ހާލަތަކީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުންނަ މީހަކު ބަންދުން ދޫކުރާއިރު އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ދަތުރުކުރުން މަނާކުރުމަށް އަމުރުކުރާ ހާލަތެވެ.
އެ ހާލަތުގައި އަމަލުކުރާނެ އުސޫލު ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 68 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާއިރު ބުނެފައިވަނީ އެފަދަ ހާލަތުގައި އެމީހެއްގެ ޕާސްޕޯޓު ހިފަހެއްޓުމަށް ނުވަތަ އޭނާ އެވަގުތަކު ހުރި ރަށްނޫން އެހެން ރަށަކަށް ފުރައިގެންދިއުން މަނާކުރުމަށް ނުވަތަ ރާއްޖެއިން ބޭރަށް ދިއުން މަނާކުރުމަށް އަމުރުކުރުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ ހާލަތުގައި މީހަކު ޕާސްޕޯޓު ހިފަހެއްޓުމުގެ އަމުރު ނެރުމަކީ ފަނޑިޔާރަށް އޮންނަ ތަޤުދީރީ (ޑިސްކްރެޝަނަރީ) ބާރެއްކަން އެ މާއްދާއިން ސާފުވެއެވެ.
މިޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ނުވަތަ 65 ވަނަ މާއްދާގެ ދަށުން 66 ވަނަ މާއްދާގެ ދަށުން އަމުރެއް ކުރުމާ އެކުއެކީގައި އެމީހެއްގެ ޕާސްޕޯޓު ހިފަހެއްޓުމަށް އަމުރުކުރުމުގެ އިޚުތިޔާރު، ނުވަތަ އޭނާ އެވަގުތަކު ހުރި ރަށްނޫން އެހެން ރަށަކަށް ފުރައިގެންދިއުން މަނާކުރުމުގެ ނުވަތަ ރާއްޖެއިން ބޭރަށް ދިއުން މަނާކުރުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 68 ވަނަ މާއްދާގެ (ހ)
މި މާއްދާގައި މީހަކު ފުރުން މަނާކުރުމުގެ އިޚުތިޔާރު ބޭނުންކުރުމުގައި ފަނޑިޔާރުން ބަލަންވީ ކަންކަންމުގެ ތަފުސީލެއް ބަޔާންކޮށްފައިނުވެއެވެ. ނަމަވެސް ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހެއްޓުމުގެ ދެވަނަ ހާލަތުކަމަށްވާ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ކުރިކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި، ފުރުން މަނާކުރުމަށް ތަހުގީގީ އިދާރާއަކުން އެދިއްޖެނަމަ، އަމަލުކުރާނެ ގޮތުގެ ތަފުސީލުތައް ޤާނޫނުގައި ބަޔާންކުރިއިރު، ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހެއްޓުމުގައި ފަނޑިޔާރުން ބަލަންޖެހޭ ކަންކަން ބަޔާންކޮށްފައިވެއެވެ.
ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ބ)ގައި ބުނެފައިވަނީ އެ މާއްދާގެ ދަށުން މީހަކު ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހެއްޓުމުގެ އަމުރެއް ފަނޑިޔާރު ނެރެދޭންވާނީ 4 ކަމެއް މުއްތަހަމުގެ ކިބައިގައި ފުރިހަމަވާނަމަ ކަމަށެވެ. މި މާއްދާގައި ބަޔާންކުރާ 4 ކަމަކީ:
މި ހަތަރު ނުކުތާގެ ތެރޭގައި ޖިނާއީ އިޖުރާއާތުގައި ބަޔާންކުރާ ބޮޑު ޖިނާއީ ކުށްތަކުގެ ތުހުމަތުވާ މީހުންނާމެދު ވަކި ގޮތަކަށް އަމަލުކުރުމަށް ބާރު ލިބޭ ނުކުތާއެއް ނެތްކަމަށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ވަކީލު ވިދާޅުވިއެވެ.
މަތީގައި ބަޔާންކުރި ޤާނޫނީ މާއްދާތަކުގެ ދަށުން މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ޕާސްޕޯޓު ދޫކޮށްދިނުމަށް އެމީހަކު ކޯޓުގައި އެދުމުން އަމަލުކުރާނެ ވަކި އުސޫލުތަކެއް ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ބަޔާންވެފައި ނެތެވެ. ޤާނޫނުތަކުގެ ތެރެއިން އުފަންވާ ބައެއް މައްސަލަތަކުގައި ކޯޓުތަކުން އަމަލުކުރާނެ ގޮތެއް ޤާނޫނުގައި ސާފުކޮށް ބަޔާންވެފައި ނެތުމުގެ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވެއެވެ. އެފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ވިސްނުން މިހާރުގެ ކޯޓުން ބަޔާންކޮށްފައިވެއެވެ.
ކުރިން އޮތް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުވުމާއެކު، އެއިރު ޤާނޫނުގައި ބަޔާންކޮށްފައި ނެތް އިޖުރާއާތުތަކާއި ފޫނުބެދޭ ކަންކަން ފޫބެއްދުމަށް ކުރީގެ ސުޕްރީމް ކޯޓުން ނެރެފައިހުރި ސާކިއުލާތަކާއި ޤަރާރުތައް އައު ސުޕްރީމް ކޯޓުން އުވައިލީ އެ ސާކިއުލާތަކާއި ޤަރާރުތަކަކީ ޤާނޫނު ހެދުމުގެ ބާރުގެ އިޚުތިޞާޞުގެ ތެރެއަށް ކޯޓުން ވަނުންކަމަށް ސިފަކޮށެވެ.
މި ވިސްނުން ސުޕްރީމް ކޯޓުގެ ނިންމުންތަކުންވެސް ފެންނަން އެބަހުއްޓެވެ. އެގޮތުން އެކޯޓުގެ ޤަޟިއްޔާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ވ ޢަބްދުﷲ ސައީދު 30/އެސްސީއޭ/2020 ވަނަ ޤަޟިއްޔާގައި މައްސަލަ ބެއްލެވި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިއްތިފާޤުން އިއްވެވި ހުކުމުގައި ޤާނޫނުގައި ފަރުވާއެއް ނެތް ކަންކަމުގައި އަމަލުކުރެވިދާނެ ގޮތްތަކާމެދު ބަހުސްކުރައްވާފައިވެއެވެ.
އެގޮޔުން ހެކިންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭނެހެން ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 149 ވަނަ މާއްދާއަށް އަމަލުކުރާނެ ހަމަތަކެއް ކަނޑައެޅުމުގައި ޤާނޫނީ ހުސްކަމެއް އޮތްކަން ބަޔާންކުރުމާއެކު އެ ހުކުމުގައި އެ ހުސްކަމަށް ފަރުވާއެއް ހޯދޭނެ ދެ ގޮތެއް ބަޔާންކޮށްފައިވެއެވެ. ފުރަތަމަ ހައްލަކީ ޤާނޫނު މަނާކުރުމުގެ ހަމަތަކުގެ ތެރެއިން ހައްލެއް ހޯދުންކަމަށާއި އެ ހައްލަކީ ވަގުތީ ހައްލެއްކަމަށް ބަޔާންކޮށްފައިވެއެވެ.
އެފަދަ ހައްލުތައް ވަގުތީ ހައްލަކަށްވާ މައިގަނޑު ސަބަބެއްކަމަށް އެ މައްސަލާގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވަނީ "ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިިބިގެންވާ ފަރާތަކީ ރައްޔިތުންގެ މަޖިލިސްކަމަށް ވެފައި ޖިނާއީ އިޖުރާއާތުގެ ޤާނޫނުފަދަ ކަވި އިޖުރާއާތުތަކެއްގެ ތަފުސީލުތައް އޭގެ ފުރިހަމަ ގޮތުގައި މާނަކުރުމުގެ ހަމަތަކުގެ ތެރެއިން ހޯދައިދިނުަމކީ ކުރެވޭނެ ކަމެއް ކަމުގައި ނުވުން" ކަމަށެވެ. އަދި އެފަދައިން މާނަކުރުމުގެ ހަމަތަކުގެ ތެރެއިން ހައްލުތަކެއް ހޯދައިދޭން އުޅުމަކީ ޤާނޫނު އެކަށެއެޅުމުގެ މަސައްކަތުގެ ތެރެއަށް ކޯޓުތަކުން ވަނުންކަމުގެ އިހުސާސްކުރެވިދާނެ ޚުތޫރަތްތެރިކަމެއް ކަމުގައިވެސް ސިފަކޮށްފައިވެއެވެ.
ދެން އެފަދަ ޤާނޫނީ ހުސްކަމަކަށް ހައްލު ހޯދޭނެ ގޮތެއްކަމަށް ހަވާލާދެވުނު ޤަޟިއްޔާގައި ބަޔާންކުރާ އިޖުރާއަކީ ޤާނޫނު އެކުލަވައިލުމުގެ ތެރެއިން ފަރުވާކުރުމެވެ. އެއީ ކޯޓުތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށް އެ ނިންމުމުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
މިހާރުގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އިތުރު އެތައް މައްސަލައެއްގައިވެސް ޤާނޫނުގައި ހުންނަ ވިނދުތައް ބެއްދުމަކީ ކޯޓުގެ ދައުރެއް ނޫންކަމަށާއި، އެކަންކުރަންޖެހޭނީ ޤާނޫނު ހަދާ ބާރުންކަމަށް ބަޔާންކޮށްފައި އެބަހުއްޓެވެ.
އެހެންކަމުން ޤާނޫނުގައި ސާފުކޮށް ކަމެއް ބަޔާންވެފައި ނެތް ހާލަތުގައި ސުޕްރީމް ކޯޓުން އަމަލުކުރާ އުސޫލަކީ އެކަމުގައި ޤާނޫނީ އިޖުރާއާތުތަކެއް އަމިއްލަ އުފަންކުރުން ނޫންކަމާއި، ޤާނޫނުގެ ތެރެއިން ފަރުވާ ހޯދަން ބުނުންކަން އެނގެއެވެ.
މި މައްސަލައާ ގުޅިގެން "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ޤާނޫނީ ވަކީލު ވިދާޅުވި ގޮތުގައި ކުރީގެ ސުޕްރީމް ކޯޓުން އިޖުރާއީ ކަންކަމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށް ސާކިއުލާ ނެރުމަކީ، އަދި މިހާރުގެ ސުޕްރީމް ކޯޓުން ޕްރެކްޓިސް ގައިޑާއި ސްޓޭޓުމެންޓުތައް ނެރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ވަކި ކަމެއް ކުރެވޭނީ ޤާނޫނުގައި ބަޔާންކޮށްގެންކަމަށް ބުނެފައިވަނިކޮށް ސުޕްރީމް ކޯޓުން އެކަމެއްގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމަކީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައެކެވެ.
ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުން އެއްވެސް މިންވަރެއް ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމުގައި އެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އަސާސީ ޙައްޤެއް ހަނިވާ ގޮތަކަށް ޤާނޫނު މާނަކުރުމުގައި ޤާނޫނީ ނައްސެއް އޮތުން ލާޒިމުވާނެކަމަށް ވަކީލު ވިދާޅުވިއެވެ.
އިތުރަށް އޭނާ ފާހަގަކުރެއްވި ނުކުތާއަކީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤެއް މިފަދައިން ހަނިވާ ގޮތަށް އިޖުރާއާތުތަކެއް ސުޕްރީމް ކޯޓުން ބަޔާންކުރިއިރު، އެ އިޖުރާއާތުތަކުގެ މަސްދަރުގެ ގޮތުގައި ހަވާލާދޭ ޤާނޫނީ ނައްސެއް ބަޔާންކޮށްފައި ނެތުމެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގައި ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރު އަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށް ކަމަށާއި، ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަމުގައި އިސްލާމީ ޝަރީޢަތަށް ރިއާޔަތްކުރަންވާނެކަމަށް ބުނެފައިވާ މާއްދާގެ ދަށުން ފަނޑިޔާރުގެ ނިންމުންތައް އެމައްޗަށް ބިނާވާ އަސްލުތައް ނިންމުންތަކުގައި ބަޔާންކުރަންޖެހޭނެއެވެ.
ކޮންމެއަކަސް ސުޕްރީމް ކޯޓުގެ އިއްޔެގެ ނިންމުމާއެކު، ބޮޑެތި ޖިނާއީ މައްސަލަތަކުގެ ތުހުމަތުގައި ދައުވާ އުފުލޭ ފަރާތްތަކުގެ ޕާސްޕޯޓު ހިފަހައްޓައި ދަތުރުފަތުރުކުރުން މަނާކުރުމުގައި ކޯޓުތަކުން އަމަލުކުރާނެ އައު އުސޫލުތަކެއް އުފަންވީއެވެ. އެ އުސޫލުތަކާއެކު މުއްތަހަމުންގެ ޙައްޤުތައް މިހާރަށްވުރެ ބޮޑަށް ހަނިވާނެއެވެ. އެ ނިންމުމާއެކު ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ނެތް އައު އިޖުރާއާތުތަކެއް އުފެދި ތަތުބީގުކުރަން ފެށުނީއެވެ.