Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރުގެ ހަރަދު

އަހަރުގެ ފުރަތަމަ 11 ދުވަސް: ރިކަރަންޓު ޚަރަދު ބޮޑުތަނުން ކުޑަކޮށްފި

މި އަހަރުގެ ފުރަތަމަ 11 ދުވަހުގައި ސަރުކާރުން ދުވަހުން ދުވަހަށް ކުރާ ޚަރަދު ފާއިތުވި އަހަރުގެ އެ މުއްދަތުގައި ކުރި ހޭދައަށްވުރެ ބޮޑުތަނުން ކުޑަކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ހިނގާފައިވާ ޚަރަދަކީ ޖުމްލަ 524 މިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި 668.7 މިލިއަން ރުފިޔާ ހޭދަކޮށްފއިވެއެވެ.

މި ހިސާބުތަކަށް ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ޚަރަދުވަނީ 144 މިލިއަން ރުފިޔާއިން ކުޑަކުރެވިފައެވެ. ނިމުނު އަހަރާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ޚަރަދުވަނީ 21 އިންސައްތަ ދަށްކުރެވިފައެވެ.

ފާއިތުވި އަހަރުގެ އެ މުއްދަތުގައި އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ރިކަރަންޓު ހޭދައަށެވެ. އެގޮތުން ނިމުނު އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން 11 ވަނަ ދުވަހަށް 518.6 މިލިއަން ރުފިޔާ ރިކަރަންޓު ޚަރަދުތަކަށް ހޭދަވެފައިވެއެވެ. މި އަހަރުގެ އެ މުއްދަތުގައި ރިކަރަންޓު ޚަރަދުތަކަށް ހޭދަވެފައިވަނީ 392 މިލިއަން ރުފިޔާއެވެ.

އެހެންކަމުން ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މިއަހަރު ދައުލަތުން ރިކަރަންޓު ޚަރަދުތަކަށް ކުރި ހޭދަވަނީ 126.4 މިލިއަން ރުފިޔާއިން މަދުކުރެވިފައެވެ. އެއީ އަހަރުން އަހަރަށް ބަލާނަމަ 24 އިންސައްތަ ދަށްކުރެވުމެކެވެ.

މި އަހަރަށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ދައުލަތުގެ ރިކަރަންޓު ޚަރަދުތަކަށް 34.8 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ލަފާކޮށްފައިވެއެވެ. މުޅި ޖުމްލަ މި އަހަރު ހޭދަވާނެކަމަށް ދައުލަތުގެ ބަޖެޓުގައި ލަފާކޮށްފައިވާ އަދަދަކީ 47.6 ބިލިއަން ރުފިޔާއެވެ.

ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް ކުޑަކޮށް، ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ފަރަގު ކުޑަކުރެއްވުމަކީ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެކެވެ.

މި ލިއުމާއި ގުޅޭ