އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި 4-0 އިން ބޯންމައުތު ބަލިކޮށް ލިވަޕޫލް އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ރޭގެ މެޗަށް ލިވަޕޫލް ނުކުތީ އެޓީމުގެ މުހިއްމު ބައެއް ތަރިން ނުލަ އެވެ. އެޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން އަންނަނީ މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް އަދި އޭޝިއަން ކަޕްގައި ވާދަކުރަމުންނެވެ. އަނެއްކޮޅުން އަނިޔާގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިން ތިބީ ކުޅުމާ ދުރުގަ އެވެ.
ލިވަޕޫލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު ސަލާހް އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިސްރު ތަމްސީލުކުރަމުން ދަނިކޮށް ލިބުނު އަނިޔާއާ ގުޅިގެން މިހާރު ވަނީ އަނބުރާ ލިވަޕޫލަށް ގޮސްފަ އެވެ. ސަލާހްގެ ފަރުވާ ދެން ކުރިއަށްދާނީ ލިވަޕޫލްގަ އެވެ. އެކަމަކު ސަލާހް ކުޅުމުގެ ތެރެއަށް އަންނަން މުއްދަތެއް ނަގާނެ އެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ހުރިހާ ގޯލެއް ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގައި އެޓީމުގެ ޑާވިން ނޫނޭޒް އާއި ޑިއޯގޯ ޖޯޓާ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ.
ލިވަޕޫލް އެއް ވަނައިގައި އޮތީ 21 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 20 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އާސެނަލް އާއި ހަތަރު ވަނައިގައި އެސްޓަން ވިލާ އޮތީ ވެސް 43 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ އަށް ދެ ވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ވެސްޓް ހޭމް ހަ ވަނައިގައި އޮތްއިރު ޝެފީލްޑް ޔުނައިޓެޑް އޮތީ ފުލުގަ އެވެ.