ހާލު ދެރަވެގެން މާލެއަށް ގެނެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގައި ފަރުވާދެނިކޮށް ނިޔާވި ކުއްޖާގެ މައްސަލާގައި ކަމާއި ގުޅޭ މުވައްސަސާތައް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީއަށް ހާޒިރުކުރުމަށް އެކޮމިޓީއިން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި, ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ, ގުޅުންހުރި ހުރިހާ މުއައްސަސާތަކުގެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހަޅުއްވާފައެވެ. އަދި މިހުށަހެޅުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރުން ރޮޒެއިނާ އާދަމް ވަނީ ތާއިދުކުރައްވާފައެވެ.
ގުޅޭ ދާއިރާތަކެއްކަމުގައި ކޮމިޓީގައި ފާހަގަކޮށްފައިވާ ދާއިރާތަކަކީ ފޮރިން މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީއާއި ޖެންޑަރ މިނިސްޓްރީގެ އިތުރުން އާސަންދަ ކޮމްޕެނީއެވެ. ކޮމިޓީގައި ބައްދަލުވުމުގައި ބައިވެރިވެލެއްވި ހުރިހާ މެންބަރުންވެސް ވަނީ މިކަމަށް ތާއީދުކުރައްވާފައެވެ. މުވައްސަސާތައް ކޮމިޓީއަށް ހާޒިރުކުރާނެ ތާރީޚެއް ކޮމިޓީއިން ނިންމާފައި ނުވެއެވެ.
ޖުމްލަ 10 މެންބަރުން ހިމެނިވަޑައިގަންނަވާ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 08 މެންބަރަކާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ 2 މެންބަރެކެވެ. އަދި ކޮމިޓީގެ މުޤައްރިރުކަން ކުރައްވަނީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އެވެ.
އައިޖީއެމްއެޗު ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓު (އައިސީޔޫ)ގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ނިޔާވި އުމުރުން 13 އަހަރުގެ ގއ. ވިލިނގިލި, އަލްމަރްހޫމް ޕެންޒީއާގޭ، މުހައްމަދު ޖާހު ޚާލިދުއަށް ފަރުވާދިނުމުގައި ނުވަތަ އެނޫންވެސް ކަމެއްގައި އެއްވެސް ފަރާތަކުން އިހުމާލުވެފައިވޭތޯ ބަލާނެކަމަށާއި އަދި އެ ކުއްޖާ ނިޔާވުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވާނަމަ، އެފަރާތަކަށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަންވެސް ސިއްޙަތާއިބެހޭ ވަޒީރު ވަނީ ދެއްވާފައިވެއެވެ.
ރައީސް ޑރ.މުޢިއްޒުވަނީ އާސަންދަ އަދި އެންސްޕާއިން ހަމަޖެހެންޖެހޭ ކަންކަން ހަމަނުޖެހުނު ނަމަވެސް ކުއްލި ހާލަތުގައި ބަލިމީހަކު ފަރުވާއަށް އުފުލަންޖެހިގެން ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން އެދިއްޖެނަމަ އެކަން ލަސްނުކޮށް އަވަހަށް ކުރުމަށް ޤައުމީ އެއާލައިނަށް އަންގަވާފައެވެ. އަދި ސިއްޙީ ކުއްލި ހާލަތްތަކުގައި ބަލިމިހުން އުފުލުމުގެ ނިޒާމް ހަރުދަނާކުރުމަށް ކަމާގުޅޭ އިދާރާތަކަށް ރައީސް ވަނީ އަންގަވާފައެވެ.