Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު ޑރ.ޚަލީލު

އެއާ އެމްބިއުލާންސް ތައާރަފުކުރެވުމުން ބަލިމީހުން އުފުލުން ލަސްވުން ނިމުމަކަށް އަންނާނެ: ޚަލީލު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެއާ އެމްބިއުލާންސް ތައާރަފުކުރެވުމުން ބަލިމީހުން އުފުލުން ލަސްވުމުގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ގއ.ވިލިނގިލީގައި ކުޑަކުއްޖަކު ހާލަދެރަވެގެން ކުއްލިއަކަށް މާލެއަށް ގެންނަންޖެހިގެން އެކުއްޖާ މާލެއަށް ގެނައުން ލަސްވިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚަލީލު ވިދާޅުވީ ހާލު ބޮޑު ބަލިމީހުން ޓާޝަރީ ފެންވަރަށް ޚިދުމަތް ލިބޭ ހޮސްޕިޓަލަކަށް ގެންދިއުން، އެކިއެކި ސަބަބުތަކާހުރެ ލަސްވުމަކީ ޒަމާނުއްސުރެ ކުރިމަތިވާ ކަމެއް ކަމަށެވެ.

މިނިޓަރު އިތުރަށް ވިދާޅުވީ އެއީ ޒަމާނުއްސުރެ އެކަމަށް ރައްޔިތުން ޙައްލު ބޭނުންވެފައި އޮތް ކަމެއް ކަމަށެވެ. އަދި އެކަން ހައްލުކުރެއްވުމުގެ މަސައްކަތްޕުޅަކީ ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅެއްކަމަށް ޚަލީލު ވިދާޅުވިއެވެ.

ޚަލީލު އިތުރަށް ވިދާޅުވީ އެކަން ހައްލުކުރެއްވުމަށް ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް، މާޗު 1 ވަނަ ދުވަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރެވިގެން ދިއުމުން ބަލިމީހުން އެއް ތަނުން އަނެއްތަނަށް އުފުލުން ލަސްވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، އެ މައްސަލަ ނިމުމަކަށް އަންނާނެ ކަމަށެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދުމުގެ ގޮތުން ޤައުމީ އެއާލައިނުން ބޭނުންކުރާ ޑޭޝް މަރުކާގެ މަތިންދާބޯޓެއް އެމްބިއުލާންސަކަށް ބަދަލުކޮށް އެއާ އެމްބިއުލާންސްގެ ޚިދުމަތްތައް އަންނަ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފޯރުކޮށްދޭން ފަށާނެކަން ރައީސްވަނީ އިއުލާނުކުރައްވާފައެވެ.

ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމުގައި އެއާ އެމްބިއުލާންސްގެ ޚިދުމަތާއެކު ބޮޑެތި ފަސޭހަތަކެއް ލިބުމުގެ އިތުރަށް އެ ޚިދުމަތް އިތުރަށް ފުޅާކޮށް މުސްތަޤުބަލުގައި ބަލިމީހުން ރާއްޖެއިން ސީދާ ތައިލެންޑާ ހަމައަށް ގެންދެވޭ ފެންވަރަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ރައީސްވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި އިންޑިއާއިން އޮޕަރޭޓުކުރާ ޑޯނިއާއާއި ހެލިކޮޕްޓަރުތައް ބޭނުންކުރަނީ ބަލިމީހުން އުފުލުމަށް ކަމުގައި އިންޑިއާއިން ތަކުރާރުކޮށް ބުނި ނަމަވެސް، ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން ކުއްލި ހާލަތުގައި އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލަންޖެހުނު ހާލަތްތަކުގެ ތެރެއިން 93 އިންސައްތަ ހާލަތުގައި އެކަންކުރީ ޤައުމީ އެއާލައިން މެދުވެރިގެންނެވެ.

އަދި ކުރީ ސަރުކާރުގައި ކުއްލި ހާލަތުގައި ބަލިމީހުން އުފުލަންޖެހޭ ބައެއް ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރު ބޭނުންކުރުމަށް ދިވެހި ސަރުކާރުން އެދުމުން އެކަން ކުރަން އިންޑިއާއިން ހުއްދަނުލިބުމުގެ ސަބަބުން އެ އުޅަނދުތައް ބޭނުންނުކުރެވިފައި އެބަހުއްޓެވެ.

މި ލިއުމާއި ގުޅޭ