Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

އިސްރާއީލުން ސޫރިޔާގައި އީރާނުގެ އަސްކަރީ ހަތަރު މުސްތަޝާރެއް މަރައިފިކަމަށް އީރާނުން ބުނެފި

އާދީއްތަދުވަހު ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި އީރާނުގެ ފަސް އޮފިޝަލެއް ޝަހީދުކޮށްލާފައިވާކަމަށް އީރާނުން ތުހުމަތުކޮށްފިއެވެ.

އީރާނުގެ މީޑިއާތަކާއި އިސްރާއީލުގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކުރި ގޮތުގައި އީރާނުގެ އިންޤިލީބީ ފާރަވެރިންގެ ލަޝްކަރުކަމަށްވާ ޤުދުސް ފޯސްގެ ފަރާތުން ސޫރިޔާގައި ހަރަކާތްތެރިވާ އެންމެ އިސްވެރިޔާއާއި އޭނާގެ ނައިބުވަނީ އިސްރާއީލުގެ ޙަމަލާގައި ޝަހީދުކޮށްލާފައެވެ.

އިސްރާއީލުން ދިން ހަމަލާއާއެކު މިހާރުވެސް ނުތަނަވަސްކަން ބޮޑުވެފައިވާ މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރު ދަރަޖައަކަށް އުފުލިގެން ގޮސްފައިވެއެވެ. އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާން ނާސިރް ކަންއާނީ އިސްރާއީލުގެ ހަމަލާއަށް އެކަށީގެންވާ ތަނާއި ވަގުތުގައި ރައްދުދިނުމުގެ ހައްގު އީރާނަށް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ޒަމާނުއްސުރެ އިސްރާއީލާ ހަތުރުވެރި އީރާނަކީ މެދުއިރުމަތީގެ ތަފާތު ޖިހާދީ އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މަދަދުވެރިވާ ޤައުމެކެވެ. އެގޮތުން ޙަމާސްއާއި ލުބުނާނުގެ ޙިޒްބުﷲއާއި، ޔަމަނުގެ ޙޫޘީންނަކީ އީރާނުން އެކި މިންވަރުގެ އެހީތެރިކަން ލިބޭ ޖަމާއަތްތަކެވެ. މިހުރިހާ ޖަމާއަތްތަކަކީވެސް މިވަގުތު އެކި މިންވަރަށް އިސްރާއީލާ ހަނގުރާމަކުރަމުން އަންނަ ޖަމާއަތްތަކެކެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުން ފެށި އުދުވާނުގެ ކުރިންވެސް އިސްރާއީލާއި އީރާނު އަންނަނީ ސިއްރިއްޔާތުގައި ހަނގުރާމަކުރަމުންނެވެ. އެގޮތުން އިސްރާއީލުންވަނީ އީރާނުގެ މުހިއްމު ބައެއް ޝަޚުޞިއްޔަތުތައް ޤަތުލުކޮށް އީރާނުގެ އަސްކަރީ އަދި ނިއުކުލިއާ ޤާބިލުކަން ހީނަރުކުރުމުގެ އަމާޒުގައި ބައެއް ހަމަލާތައް އެ ޤައުމަށްދީ އީރާނުން މަދަދުވެރިވާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުވަން ބޭނުންކުރާ މަގުތަކަށް ހުރަސްއެޅުމަށް ހަމަލާތައް ދީފައެވެ.

އީރާނުގެ އިންޤިލާބީ ފާރަވެރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޫރިޔާގައި މުސްތަޝާރުންގެ ގޮތުގައި މަސައްކަތްކުރަމުން އައި އެ ބާރަށް ނިސްބަތްވާ 5 އޮފިޝަލަކު ސޫރިޔާގެ ގިނަ ބަޔަކާއެކު އިސްރާއީލުގެ ހަމަލާގައި ޝަހީދުވެފައިވާ ކަމަށެވެ. ސޫރިޔާގެ ރަސްމީ މީޑިއާއިން ބުނި ގޮތުގައި އިސްރާއީލުން ދިން ހަމަލާގައި ޝަހީދުކޮށްލި މީހުންގެ ތެރޭގައި ސޫރިޔާގެ އާންމުންވެސް ހިމެނެއެވެ.

ސޫރިޔާއަކީ އީރާނުގެ ގާތް ބައިވެރިއެކެވެ. އަދި އީރާނުން މަދަދުވެރިވާ ޖަމާއަތްތަކަށް ހަތިޔާރާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ދައުރު ސޫރިޔާއިން އަދާކުރެއެވެ. ޚާއްޞަކޮށް ޙިޒްބުﷲއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އީރާނުން ބޭނުންކުރާ މެދުވެރިޔަކީ ސޫރިޔާއެވެ.

މީގެ ކުރިންވެސް އިސްރާއީލުގެ ވައިގެ އަސްކަރިއްޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ސޫރިޔާގެ ބޯޑަރުގެ އިން ފަހަނައަޅައި ސޫރިޔާއަށް އެތެރެވެ، ބައެއް އަމާޒުފަތްގަނޑުތަކަށް ބޮމުގެ ހަމަލާތައް ދީފައިވެއެވެ.

މި ލިއުމާއި ގުޅޭ