Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހާއި މަޖިލިސް މެންބަރުންގެ ދައުރު: ޤާނޫނު ހެދުން

ރައްޔިތުންގެ މަޖިލިސްކުރާ ތަޅުމުގައި މަޖިލީހުގެ މެންބަރުން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. މިހާރުވެސް އެ އިންތިޚާބުގައި އެކި ޕާޓީތަކުން ވާދަކުރެއްވުމުގެ ފުރުސަތު ހޯއްދަވަން ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ގެންދަވަނީ ފޯމުތައް ހުށަހަޅުއްވައި، ކެމްޕެއިން ކުރައްވައި، އެކި ވަސީލަތްތަކުގެ ޒަރީއާއިން ތާއީދު އިތުރުކުރެއްވުމަށް މަސައްކަތްކުރައްވަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި މަޖިލީހާއި އެ މަޖިލީހުގެ މެންބަރުންގެ ދައުރާމެދު ފުންކޮށް ވިސްނައިލުމަކީ، އިންތިޚާބުގައި ރަނގަޅު ހަރުދަނާ ނިންމުންތަކެއް ނިންމުމަށް މުހިއްމު ކަމެކެވެ.
މަޖިލީހުގެ އަސާސީ ނުވަތަ ޕްރައިމަރީ ދައުރަކީ ޤާނޫނު ހެދުމެވެ. ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރަނީ "ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. ޤާނޫނު އަސާސީގެ ރައްޔިތުންގެ މަޖިލީހާ ގުޅޭ މާއްދާތައް އެކުލެވޭ ބާބުގެ ސުރުޚީގައިވެސް އޮންނަނީ "ޤާނޫނު ހެދުމުގެ ބާރު" މިފަދައިންނެވެ. އެހެންކަމުން، މަޖިލީހުގެ އަސާސީ މަސައްކަތަކީ ޤާނޫނު ހެދުންކަން ސާފުކޮށް އެނގެއެވެ.
މަޖިލީހަށް ލިބިދޭ ޤާނޫނު ހެދުމުގެ ބާރުގެ ތެރޭގައި، ޤާނޫނު އަސާސީ އިސްލާހުކުރުމާއި، އިސްލާމީ ޝަރީއަތުގެ އަސްލަކާ ޚިލާފުނުވާނެ ގޮތުގެ މަތިން ފެންނަ ކޮންމެ ކަމަކާ ގުޅޭ ގޮތުން ޤާނޫނު ހެދުމުގެ ބާރު ހިމެނޭކަމަށް ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) 1 އަދި 2 ވަނަ ނަންބަރުގައި ބަޔާންކުރެއެވެ.

ޤާނޫނު ހެދުމާއި ޤާނޫނީ ވަކީލަކަށްވުން

ވަރަށް ގިނައިން އަޅުގަނޑުމެންގެ ތެރޭގައި ދެކެވޭ އެއް ވާހަކައަކީ ޤާނޫނު ހަދާ މަޖިލީހަށް ޤާނޫނީ ވަކީލުން އިންތިޚާބުކުރުމުގެ ބޭނުންތެރިކަމުގެ ވާހަކައެވެ. އިންޑިއާނާގެ އުއްތަމަ ފަނޑިޔާރު ރެންޑޯލް ޓީ. ޝެޕާޑް ލިޔުއްވާފައިވާ “Making good law requires more laywers” މި ކަރުދާހުގައި އޭނާ ތަކުރާރުކުރެއްވި ބަހުސަކީވެސް ޤާނޫނު ހެދުމުގެ މަރުހަލާގައި ޤާނޫނީ ވަކީލުންގެ ބައިވެރިވުން އޮތުމަކީ ހެދޭ ޤާނޫނުތަކުގެ ފޭރާން ހެޔޮވެ، އެ ޤާނޫނުތަކުގައި ފުށުއެރުންތައް މަދުވާ ކަމެއް ކަމަށެވެ.
ޤާނޫނު ހެދުމުގެ މަރުހަލާގައި ޤާނޫނީ ވަކީލުންގެ ބައިވެރިވުން އިތުރުވާންޖެހޭ ސަބަބުތައް ކަމަށް ރެންޑަލް އޭނާގެ ލިޔުމުގައި ފާހަގަކުރެއްވީ މައިގަނޑު ދެ ނުކުތާއެކެވެ. އެއް ނުކުތާއަކީ. ޤާނޫނުތައް މެދުވެރިކޮށް މީހުންނަށް ކުރިމަތިވާ ތަފާތު މައްސަލަތަކަށް ހައްލު ހޯދުމަކީ ޤާނޫނީ ވަކީލުންގެ މަސައްކަތް ކަމަށްވުމުން ޤާނޫނެއް ވަކި ގޮތަކަށް ފަރުމާކުރެވުމުން، އެ ޤާނޫނެއް އެ ބައެއްގެ މައްޗަށް ތަޠުބީޤުވާ މީހުންނަށް ކުރިމަތިވާނެ ދަތިތަކާއި ގޮންޖެހުންތައް އެހެން މީހުންނަށްވުރެ ބޮޑަށް ވަކީލުންނަށް ވިސްނައިގަންނަން ފަސޭހަވުމެވެ.
ދެވަނަ ސަބަބެއްކަމަށް ރެންޑަލް ފާހަގަކުރައްވަނީ އެހެނިހެން ފަންނުތަކަށް ނިސްބަތްވާ މީހުންނަށްވުރެ ބޮޑަށް ޤާނޫނީ ވަކީލުން އާންމު ރަނގަޅު (ޕަބްލިކް ގުޑް) އިސްކުރުމެވެ. އޭނާ ދެކޭ ގޮތުގައި ޤާނޫނު އެކުލަވައިލުމުގެ މަރުހަލާގައި ގިނަ ޤާނޫނީ ވަކީލުން ބައިވެރިވުމަކީ ޤާނޫނުތަކުގެ ފޭރާން ހެޔޮވުމާއެކު، އެންމެ ބޮޑު އާންމު މަސްލަހަތާއި ރަނގަޅު ހާސިލުކުރުމަށް ބާރުއެޅި އެކަމަށް ވަކާލާތުކުރެވޭ ސަބަބެކެވެ.

1989 ވަނަ އަހަރުގެ ހެސްޓިންގްސް ލޯ ޖާނަލްގައި ޖޯޖް އެފް ކާޕިނެލޯ ލިޔުއްވާފައިވާ "Should practicing lawyers be legislators” ކަރުދާހުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި ހުރިހާ ފަހަރަކު ޤާނޫނީ ވަކީލުންނަކީ އާންމު މަސްލަހަތު އިސްކުރާ ބައެއް ނޫނެވެ. ޤާނޫނީ ވަކީލުން މަޖިލީހުން ބޭރުގައި ވަކާލާތުކުރާނަމަ، އެމީހުންނަކީ އެމީހުން ތަމްސީލުކުރާ ކްލައިންޓުންގެ މަސްލަހަތުތައް ހިމާޔަތްކުރުމުގެ ޒިންމާ މަތިވެފައި ތިބޭ ބައެކެވެ. އެހެންކަމުން ބައެއް ފަހަރު އެ ޒިންމާއާއި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އާންމު މަސްލަހަތު ހިމާޔަތްކޮށް ކަށަވަރުކުރަން އޮންނަ މަސްލަހަތާ ފުށުއަރައެވެ. ބައެއް ހާލަތްތަކުގައި ލޯޔަރުން އެމީހުންގެ އަމިއްލަ ކުލައިންޓުންގެ އެކި މަސްލަހަތުތައް އާންމު މަސްލަހަތުގެ މައްޗަށް އިސްކޮށްފައި ހުރިކަން މިސާލުތަކާއެކު ކާޕިނެލޯ ފާހަގަކުރެއްވިއެވެ.

އެއާއެކު އިސްވެ ހަވާލާދެވުނު ކަރުދާހުގައި ފާހަގަކުރާ އެއް ނުކުތާއަކީ ޤާނޫނު ހަދާ މީހަކު ކޮންމެ ދާއިރާއަކަށް ނިސްބަތްވި ނަމަވެސް ކޮންމެވެސް މިންވަރެއްގެ މަސްލަހަތު ފުށުއެރުމެއް އޮތުމެވެ. ދަނޑުވެރިއެއްނަމަ، ދަނޑުވެރިންނަށް ޚާއްޞަ އިމްތިޔާޒުތަކާއި ސަބްސިޑީތައް ހޯދައިދިނުމުގައި އޭނާގެ ޒާތީ މަސްލަހަތެއް އޮވެއެވެ. މިފަދައިން ކޮންމެ ދާއިރާއަކަށް ނިސްބަތްވާ މީހަކަށްވީ ނަމަވެސް އެ ދާއިރާއަކާ ގުޅޭ ޤާނޫނުތައް އެކުލަވައިލުމުގައި އަމިއްލަ މަސްލަހަތުތަކާއި އާންމު މަސްލަހަތުގެ ފުށުއެރުންތައް އޮންނާނެއެވެ.

ނަމަވެސް ޤާނޫނީ ވަކީލުންނާއި އެހެން މީހުންނާ ތަފާތުވާ ގޮތަކީ ޤާނޫނީ ވަކީލުންގެ މަސްލަހަތު ފުށުއެރުމުގެ މައްސަލަ އުފެދެނީ ތިންވަނަ ފަރާތެއްގެ މަސްލަހަތު, ޤާނޫނީ ވަކީލުންނާއި އެމީހުންގެ މުވައްކިލުންނާ ދެމެދުގައި އޮންނަ ޚާއްޞަ ގުޅުމުގެ ޒަރީއާއިން ޤާނޫނު ހެދުމުގެ އިޖުރާއާތުގެ ތެރެއަށް ފޭދިގެން ދިއުމުގެ ސަބަބުންނެވެ.

ޚުލާޞާއަކީ ޤާނޫނު އެކުލަވައިލުމުގައި ޤާނޫނީ ވަކީލުން ބައިވެރިވުމަކީ ޤާނޫނުތަކުގެ ފޭރާން ހެޔޮވާ ކަމަކަށްވުމެވެ. އަދި ޤާނޫނުތައް ތަޠުބީޤުކުރުމާއި ޤާނޫނުތަކާ މުޢާމަލާތްކުރުމުގައި ދިމާވާ ދަތިތަކާއި އުދަގޫތަކުގެ މަންޒޫރުން ޤާނޫނުތަކާމެދު ވިސްނުމުގެ ފުރުސަތު އިތުރުވާ ކަމެއް ކަމެވެ. ނަމަވެސް ޤާނޫނީ ވަކީލުން ޤާނޫނު ހެދުމުގައި ބައިވެރިވެ ޝާމިލުވުމުގެ އެއް ހިރާހަކީ އެ މަރުހަލާގައި އާންމުންގެ މަސްލަހަތުތަކަށްވުރެ ވަކީލުންގެ މުވައްކިލުންގެ މަސްލަހަތުތައް އިސްކުރެވުމުގެ އިހުތުމާލު އޮތުމެވެ. ޚާއްޞަކޮށް ބޮޑެތި ވިޔަފާރިތަކާއި ކުންފުނިތައް ތަމްސީލުކުރާ ވަކީލުން ޤާނޫނު ހެދުމުގައި ޝާމިލުވާނަމަ މިކަމުގެ ހިރާސް ބޮޑުވެއެވެ.

ޤާނޫނު ހެދުމުގައި ފިކުރާއި އިލްމުގެ ސިންދަފާތުކަމުގެ މުހިއްމުކަން

ޤާނޫނު ހެދުމުގައި ޤާނޫނީ ވަކީލުންގެ ބައިވެރިވުން އޮތުމުގެ ބޭނުންތެރިކަން އޮތް ފަދައިން އެ މަރުހަލާގައި ތަފާތު އެކި ދާއިރާތަކުގެ ތަޖުރިބާއާއި ތައުލީމު ލިބިފައިވާ ގިނަ ބައެއްގެ ޝާމިލުވުން އޮތުމަކީ މުހިއްމު ކަމެއްކަމަށް ސިޔާސީ އިލްމުވެރިން ފާހަގަކުރައްވައެވެ. އޮސްޓްރޭލިއަން ޕާލިމަންޓަރީ ރިވީއުގައި 2012 ވަނަ އަހަރު ޝާއިއުކުރި ކަރުދާހެއްކަމަށްވާ “The functions of parliament: Reality challenges tradition” ގައި ސިފަކޮށްފައިވާ ގޮތުން ޤާނޫނު ހެދުމުގެ މަސައްކަތަކީ ގިނަ ބައެއްގެ ޝާމިލުވުން އެކުލެވޭ މަސައްކަތެއްގެ ގޮތުގައި ޑިމޮކްރެޓިކް ނިޒާމުތަކުގައި ހަމަޖެހިފައި އޮތުމުގެ ބޭނުމަކީ ތަފާތު އެކި ފަސްމަންޒަރުތަކަށް ނިސްބަތްވާ، އެކި ތަޖުރިބާތަކާއި، ޢިލްމީ ގޮތުން ތަފާތު އެކި ދާއިރާތަކުގެ މީހުންގެ މައްޗަށް އެކުލެވޭ ސިންދަފާތު (ޑައިވާސް) މަޖިލިސްތަކަކުން އެ މަސައްކަތްކުރުމެވެ.

ބޮޑެތި މަޖިލިސްތަކުން ގިނަ ބައެއްގެ ޝާމިލުވުމާއެކު ޤާނޫނު ހެދުމުގެ ފަހަތުގައި އޮންނަ މަސްލަހަތާއި ފައިދާގެ ވާހަކައަކީ ޤަދީމީ ޒަމާނުއްސުރެއް ސިޔާސީ ފަލްސަފާވެރިންނާއި މުފައްކިރުން ފާހަގަކުރައްވާ މުހިއްމު ކަމެކެވެ. އެގޮތުން ގުރީކު ފަލްސަފާވެރިޔާ އެރިސްޓޯޓަލް އޭނާގެ ޕޮލިޓިކްސްގެ 3 ވަނަ ފޮތުގައި ލިޔުއްވާފައިވާ ގޮތުން، ވަކިވަކިން ސީރިއަސް މީހުންގެ ގޮތުގައި ނުބެލެވޭ މީހުން އެއްތަންވެ އެކުވެ މަސައްކަތްކުރުމުން، ނެރެވޭ ނަތީޖާ، ވަކިވަކިން ނުވަތަ މަދު ބައެއްގެ ގޮތުގައި މަސައްކަތްކުރުމުން ނެރެވޭ ނަތީޖާއަށްވުރެ ރަނގަޅެވެ. މިސާލެއްގެ ގޮތުގައި އެރިސްޓޯޓަލް ދެއްކެވީ އެކަކު އެކަނި ތައްޔާރުކުރާ ކެއުމަކަށްވުރެ ގިނަ މީހުން އެކުވެގެން ތައްޔާރުކުރާ ކެއުން ފުރިހަމަވެފައިވާ ގިނަ ރަހަތަކުގެ މައްޗަށް އެކުލެވިފައިވުމެވެ.

ނިއުޔޯކު ޔުނިވާސިޓީ ސުކޫލު އޮފް ލޯގެ މުޙާޟިރު ޖެރެމީ ވޯލްޑްރޮން ލިޔުއްވި “Representative Lawmaking” ކަރުދާހުގައި އޭނާ ވިދާޅުވެފައިވަނީ ޤާނޫނު ހެދުމުގައި ޤާނޫނު ހަދާ މީހުންގެ ސިންދަފާތުކަން (ޑައިވާސިޓީ)އަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މައްސަލައަކާމެދު މަޝްވަރާކުރެވޭއިރު ސިންދަފާތު މަޖިލީހެއްގައި ކޮންމެ މެންބަރަކުވެސް އެމީހެއްގެ ޚާއްޞަ މަންޒޫރާއި ފިކުރު ގެނެއެވެ. އަދި ގިނަ މަންޒޫރުތައް ޝާމިލުވާ މަޖިލީހެއްގައި، މަޝްވަރާގެ މަރުހަލާއަށް ގިނަ ވިސްނުމާއި ޚިޔާލާއި މައުލޫމާތު އެއްކުރެވެއެވެ. އެއީ ހަދާ ޤާނޫނުތަކުން ނިކުންނާނެ ނަތީޖާތަކާމެދު ފުންކޮށް ވިސްނުމަށް ފުރުސަތު ފަހިވާނެ ކަމެކެވެ.
ޤާނޫނުތަކުގެ އަސަރަކީ ކޯޓުތަކާއި ވަކީލުންނަށް އެކަނި ފޯރާކަމެއް ނޫނެވެ. އެއީ އިޤުތިޞާދާއި ސިނާއަތްތަކާއި ވިޔަފާރިތަކާއި އާންމު ފަރުދުންގެ ދުވަހުގެ ދިރިއުޅުމާއި، ހަރަކާތްތަކާއި އިޖުތިމާއީ ގުޅުންތަކާއި، ޤައުމެއްގެ އަޚުލާޤީ ފޭރާން ފަދަ ތަފާތު އެތައް ކަމަކަށް އަސަރުކުރުވާ އެއްޗެކެވެ. އެހެންކަމުން މިއިން ކޮންމެ މަންޒޫރަކުން ޤާނޫނުތަކާމެދު ވިސްނާނެ، ފުންކޮށް އެ އަސަރުތަކާމެދު ފިކުރުކުރުމުގެ ޤާބިލުކަން ހުރި މީހުން ޤާނޫނު ހެދުމުގެ މަރުހަލާގައި ޝާމިލުވުމަކީ ހެދޭ ޤާނޫނުތައް ފުރިހަމަވެ، ޤާނޫނުތަކުން ހާސިލުކުރަން ބޭނުންވާ މަޤުޞަދުތައް ހާސިލުވުމަށް މަގުފަހިވެ، ޤާނޫނު ހެދުމުގެ މަރުހަލާގައި ކުރިއަށްދާ މަޝްވަރާ މުއްސަނދިވާނެ ކަމެކެވެ.
އެހެންކަމުން ޤާނޫނު ހެދުމަކީ ވަކި ދާއިރާއެއްގެ އިލްމުވެރިންނަށް، ނުވަތަ ވަކި ފަންތިއެއްގެ ގިންތިއެއްގެ ބަޔަކަށް ޚާއްޞަ ކަމެއް ކަމުގައި ދުށުމަކީ އުނި ކަމެކެވެ. ޤާނޫނުތަކުން އަސަރުކުރާ އެކި ދާއިރާތަކުގެ އެކި ފަންތީގެ ތަފާތު ތަޖުރިބާތަކާއި، އިލްމާއި ހުނަރު ލިބިފައިވާ ވީހާވެސް ގިނަ ބަޔަކު ޤާނޫނު އެކުލަވައިލުމުގެ މަރުހަލާގައި ޝާމިލުވުމަކީ، އެ މަރުހަލާ މުއްސަނދިވެ، ނެރެވޭ ނަތީޖާ އިތުރަށް ރަނގަޅުވާނެ ކަމެކެވެ.

ޕާޓީ ސަފު ފަހަނައަޅައި މަސައްކަތްކުރުމުގެ ރޫހު

އެމެރިކާގެ ސިޔާސީ މަސްރަހުގައި ވަރަށް އާންމުކޮށް ބޭނުންކުރެވޭ އެއް އިބާރާތަކީ ބައި-ޕާޓިސަން ލެޖިސްލޭޝަން ނުވަތަ ދެ ޕާޓީ ޝާމިލުވެގެން އެކުލަވައިލާ ޤާނޫނުތަކުގެ ވާހަކައެވެ. ސިޔާސީ ވާދަވެރިކަމުގައި އޮންނަ ހަތުރުވެރިކަން އެއް ފަރާތްކޮށް، ޖަމާއީ ފެންވަރެއްގައި އެންމެންނަށް އެއްބަސްވެވޭ މަސްލަހަތުތައް ހާސިލުކުރުމަށް ތަފާތު ސިޔާސީ ޕާޓީތަކުގެ މެންބަރުން އެކުގައި މަސައްކަތްކޮށްގެން ޤާނޫނު ހެދުމުގެ ސަޤާފަތެވެ. މިހާތަނަށް ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުން މި ސަޤާފަތު ފެނިފައިނުވެއެވެ.
ޕާޓީ ސަފުތައް ފަހަނައަޅައި އެހިނެހެން ޕާޓީތަކުގެ މެންބަރުންނާއެކު މަސައްކަތްކުރުމުގެ އެންމެ ރަނގަޅު މިސާލުތައް ފެންނަ އެއް ޤައުމަކީ އެމެރިކާއެވެ. Northwestern Institute for Policy Research އިން 2017 ވަނަ އަހަރުގައި ޝާއިއުކުރި Are Bipartisan Lawmakers More Effective? މިކަރުދާހުގައި އެ ކަރުދާހުގެ މުއައްލިފުން ފާހަގަކުރެއްވި ގޮތުގައި އެމެރިކާގެ ޕާޓީތަކުގެ މެދުގައި އޮތް ސިޔާސީ ވާދަވެރިކަމާއި ފިކުރީ ތަފާތުތައް އިހުނަށްވުރެ ފުޅާވެ ބޮޑުވެފައިވީ ނަމަވެސް 1973 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދުގައި އެމެރިކާގެ ކޮންގުރެސްގައި މަސައްކަތްކުރެއްވި މެންބަރުންގެ ތެރެއިން އެންމެ ކާމިޔާބުކަމާއެކު ޤާނޫނުތައް އެކުލަވައިލެއްވުމުގެ މަސައްކަތްކުރައްވާފައިވަނީ ޕާޓީ ސަފުތައް ފަހަނައަޅައި އެހެން ޕާޓީތަކުގެ މެންބަރުންނާއެކު ޤާނޫނުތައް އެކުލަވައިލެއްވުމުގެ މަސައްކަތްކުރެއްވި މެންބަރުންނެވެ.
މި ކަރުދާހުގެ މުއައްލިފުން ފާހަގަކުރެއްވި ގޮތުގައި އެއް ޕާޓީއަށްވުރެ ގިނަ ޕާޓީގެ މެންބަރުން ޤާނޫނު އެކުލަވައިލުމުގެ މަރުހަލާގައި ބައިވެރިވެގެން ޤާނޫނުތައް އެކުލަވައިލުމުގެ އެންމެ ބޮޑު މަންފާއެއް ކުރަނީ ޤާނޫނު ފަރުމާކުރުމުގެ މަރުހަލާގައެވެ. ދެ ޕާޓީއެއްގެ ތަފާތު ދެ ފިކުރެއްގެ މެންބަރުން އެކުވެގެން އެކީގައި މަސައްކަތްކުރުމުން މައްސަލައެއްގައި ތަފާތު ޚިޔާލުތައް އެއްގޮތްކުރެވި، ހޯދަން ބޭނުންވާ ހައްލުތައް ލިބޭ ގޮތަށް ޤާނޫނުތައް ފަރުމާކުރެވުމަށް ބާރުއެޅިގެންދާކަން އެ ބޭފުޅުން ފާހަގަކުރައްވައެވެ. އޭގެ އިތުރަށް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ހުށަހެޅުންތައް ޤާނޫނަށް ބަދަލުވުމުގެ ފުރުސަތުވެސް މިފަދައިން އެކި ޕާޓީތަކުގެ މެންބަރުންނާއެކު ޤާނޫނު ހެދުމުގެ މަރުހަލާގައި މަސައްކަތްކުރުމުން އިތުރުވާކަން އެ ބޭފުޅުން އެއްކުރެއްވި ޑާޓާއިން ފެންނަކަމަށް އެ ކަރުދާހުގެ މުއައްލިފުން ބަޔާންކުރައްވާފައިވެއެވެ.
އެހެންކަމުން ޤާނޫނުތައް ހެދުމުގެ މަރުހަލާގައި ޕާޓީގެ ރޮނގު ފަހަނައަޅައި އެހެނިހެން ޕާޓީތަކުގެ މެންބަރުންނާއެކު މަސައްކަތްކުރުމަކީ ޤާނޫނުތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުކުރުމަށް އެހީވާ، އަދި މެންބަރަކު ހުށަހަޅުއްވާ ބިލުތައް ޤާނޫނުތަކަށް ބަދަލުވުމުގެ ފުރުސަތު އިތުރުވާ ކަމެކެވެ.

ބިލުތައް ދިރާސާކޮށް ވަޒަންކުރުން

ޤާނޫނު ހަދާ މަޖިލީހަށް ޤާނޫނުތައް ހުށަހެޅުމުގެ އިޚުތިޔާރު ވަކިވަކި މަޖިލިސް މެންބަރުންނަށް އޮތް ނަމަވެސް، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފެންނަނީ ވަކިވަކި މެންބަރުން ހުށަހަޅުއްވާ ބިލުތަކަށްވުރެ ގިނައިން ސަރުކާރުގެ ފަރާތުން މެންބަރުން ސްޕޮންސާކުރައްވައިގެން ހުށަހަޅުއްވާ ބިލުތައް ގިނަ ކަމެވެ. މަޖިލީހުގެ ވެބްސައިޓުން ފެންނަން އޮތް މަޖިލީހުގެ އެންމެ ފަހުގެ ރިޕޯޓުކަމަށްވާ 2021 ވަނަ އަހަރުގެ ރިޕޯޓަށް ބަލާއިރު އެއަހަރު މަޖިލިސް ރިސެސްއަށް ދިޔައިރު 32 ބިލެއްގެ މަސައްކަތް ނުނިމި އޮތެވެ. އެއިން 29 ބިލަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލެވެ.
މެންބަރުން އަމިއްލައަށް ބިލުތައް މަޖިލީހަށް ހުށަނޭޅުއްވި ނަމަވެސް އެބިލުތައް ބަލައި ދިރާސާކުރައްވައި، އެބިލުތައް ޤާނޫނުތަކަށްވެ އެއަށް އަމަލުކުރުން ލާޒިމުވުމުން ރައްޔިތުންނާއި ދައުލަތަށް ކުރާނެ އަސަރުތައް އެނގިގަނެ، އެކަމާމެދު ފުޅާ ދާއިރާއެއްގައި ބަހުސްކުރުމަކީ މަޖިލީހުގެ މެންބަރުންގެ ޒިންމާއެކެވެ.
ޔުނިވާސިޓީ އޮފް ސްޓާލިންގެ ބާހިސް ބްރައަން ކްރިސްޓަފާ ޖޯންސް ލިޔުއްވި Don’t be Silly: Lawmakers “Rarely” Read Legislatio ގައި އޭނާ ލިޔުއްވި ގޮތުގައި އެކި މައުޟޫޢުތަކާ ގުޅޭ ގޮތުން ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅޭ ބިލުތައް ދިރާސާކޮށް އޭގައި ހިމެނޭ މުއައްގަދު (ކޮމްޕްލެކްސް) ކަންކަން ވިސްނައިގަތުމަށް ބޭނުންވާ ހަކަތައާއި އެކަމުގެ ޤާބިލުކަން ހުރިހާ މެންބަރުންގެ ކިނބައިގައި ހުންނާނެކަމަށް ދެކިގެންނުވާނެއެވެ. މި ސަބަބަށްޓަކައި ކުރިއަރާފައިވާ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުން އަމިއްލަ ޚަރަދުގައި ވަޒީފާގައި ދިރާސާކުރާނެ މީހުން ގެންގުޅުއްވައެވެ. ޔުނިވާސިޓީ ތައުލީމު ހާސިލުކޮށް އަލަށް ވަޒީފާއަށް ނިކުންނަ ކުދިން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ޓީމުގައި ހިމަނުއްވައިގެން އެކުދިން މެދުވެރިކޮށް ޤާނޫނުތަކުގެ މުހިއްމު ބައިތައް ބައްލަވައި، އަމިއްލަ ރައުޔަތައް ޤާނޫނުތަކާމެދު އެކަށައެޅުއްވުމަށް މަސައްކަތްކުރައްވައެވެ.
ބައެއް ޤައުމުތަކުގައި މިފަދައިން ޤާނޫނު ހެދުމުގެ އިޖުރާއާތުގައި މެންބަރުންގެ ޝާމިލުވުން އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ފުރިހަމަކުރުމުގެ ޒިންމާ އަދާކުރަނީ މެންބަރުން ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުންނެވެ. އެގޮތުން ޕާޓީތަކުގެ އަމިއްލަ ޚަރަދުގައި ޤާނޫނުތަކާ ގުޅޭ ދިރާސާކޮށް، މެންބަރުންނަށް ބޭނުންވާ މައުލޫމާތު ލިބޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދެއެވެ.
މިދެންނެވި ކަންކަމަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކަށާއި މަޖިލީހުގެ މެންބަރުންނަށް އައު ކަންކަމެވެ. ނަމަވެސް މަޖިލީހުގެ މެންބަރުންގެ ޤާނޫނު ހެދުމުގެ ޒިންމާ އެކަށީގެންވާ ގޮތަށް އަދާކުރެއްވުމަށް މިފަދަ ނިޒާމުތަކެއް ގެންގުޅުމަކީ ރާއްޖެއަށްވެސް ބޭނުންތެރި މުހިއްމު ކަންކަމެވެ.

ޤާނޫނު ހަދާ މެންބަރާއި އޭނާގެ ޕާޓީގެ ފިކުރުގެ ދައުރު ބޮޑު

ޤާނޫނު ހެދުމުގެ މަސައްކަތުގައި މެންބަރުން ނިންމަވާ ނިންމެވުންތައް ބިނާވަނީ އެ ޤާނޫނުތަކުގެ މައުޟޫޢާމެދު މެންބަރުން ގެންގުޅުއްވާ ވިސްނުންފުޅުތަކާއެވެ. ޕާޓީތަކުން ތަމްސީލުކުރާ ސިޔާސީ ފިކުރުގެ އިތުރަށް، ކޮންމެ މެންބަރަކީ ފަރުދީ ހައިސިއްޔަތުން އަމިއްލަ ވިސްނުންތަކަކާއި ފިކުރުތަކެއް ގެންގުޅުއްވާ ބޭފުޅުންނެވެ. އެހެންކަމުން ޤާނޫނުތައް ހެދުމުގެ މަރުހަލާގައި އެ ބޭފުޅުންގެ ފިކުރުތަކުގެ ދައުރު ބޮޑެވެ.
ޔުނިވާސިޓީ އޮފް ޗިގާކޯ ޕްރެސްއިން ޝާއިއުކުރާ The Journal of Politics ގެ 1983 ވަނަ އަދަދުގައި ޑޫކް ޔުނިވާސިޓީގެ ޕްރޮފެސާ ރޮބާޓް އެމް އެންޓެމަން ލިޔުއްވާފައިވާ The Impact of Ideology on Legislative Behavior and Public Policy in the States ގައި އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ދިރާސާއަށް ބޭނުންކުރެއްވި ޑާޓާތަކުން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ރޯލްކޯލް ވޯޓުގައި ގެންގުޅުއްވާ ސުލޫކު ނުވަތަ ނިންމަވާ ނިންމެވުންތަކާއި އެބޭފުޅުންގެ ޒާތީ ފިކުރުތަކާއި ޚިޔާލުތަކުގެ މެދުގައި ގުޅުމެއް އޮތްކަން ސާފުވެއެވެ. އަދި ޚާއްޞަކޮށް ވަކިވަކި ސިޔާސަތުތަކާމެދު މެންބަރުން ގެންގުޅުއްވާ ވިސްނުންފުޅުތަކަކީ ޤާނޫނު ހެދުމުގައި އަސަރު ބޮޑު ކަންކަން ކަމަށްވެސް ޑޭޓާއިން ފެންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް ވަރަށް ގިނަ ފަހަރު ޤާނޫނު ހެދުމުގައި މެންބަރުންގެ ސުލޫކު ބައްޓަންވަނީ އެމެންބަރަކު ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީއަކަން ޑާޓާއިން ފެންނަ ކަމުގައި އެންޓެމަން ބަޔާންކުރައްވާފައިވެއެވެ. މާނައަކީ މަޖިލިސް މެންބަރުން ޤާނޫނުތަކަށް އާބަސް ވިދާޅުވުމާއި ނޫން ބަސް ވިދާޅުވުމުގައި އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ދައުރު އަމިއްލަ ފިކުރުތަކަށްވުރެވެސް ބޮޑުވުމެވެ. އެހެންކަމުން ޕާޓީތަކުގެ ފަލްސަފާތަކާއި، ސިޔާސަތުތަކާއި، އެކި މައްސަލަތަކުގައި ގެންގުޅޭ ފިކުރުތަކަކީ މެންބަރުން އިންތިޚާބުކުރާއިރު ބެލުން މުހިއްމު ކަންކަން އެ ދިރާސާއިން އެނގެއެވެ.

ޤާނޫނު ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ މައިގަނޑު ޒިންމާކަމަށްވާއިރު، މަޖިލީހަށް އިންތިޚާބުކުރާ މެންބަރުން ޤާނޫނު ހެދުމުގެ އެކި މަރުހަލާތަކުގައި ހަރަކާތްތެރިވާނެ ގޮތަކީ ރައްޔިތުންނަށް ސާފުވުން ޟަރޫރީ ކަމެކެވެ. ޤާނޫނު ހެދުމަކީ ޤާނޫނީ ވަކީލުންނަށް އެކަނި ކުރެވޭނެ، އަދި އެމީހުން އެކަނި ޝާމިލުވެގެން ކުރަން އޮތް ކަމެއް ނޫނެވެ. ތަފާތު އެކި ދާއިރާތަކުގެ އެކި ފަންތީގެ މީހުންގެ މައްޗަށް އެކުލެވޭ ސިންދަފާތު މަޖިލީހަކުން އެ މަސައްކަތްކުރުމަކީ އެކުލަވައިލާ ޤާނޫނުތަކުގެ ފެންވަރު ރަނގަޅުވާނެ ކަމެކެވެ.

ޤާނޫނު ހެދުމުގައި ޕާޓީތަކުގެ ސަފުތައް ފަހަނައަޅައި އެހެނިހެން ޕާޓީތަކުގެ މެންބަރުންނާއެކު މަސައްކަތްކުރެވޭނެ، މަސައްކަތްކުރާނެ މެންބަރުން މަޖިލީހުގައި ތިބުމަކީ މެންބަރުންނާއި މަޖިލީހުގެ އުފެއްދުންތެރިކަން އިތުރުވެ ޤާނޫނުތަކުން ހާސިލުކުރަން އެދޭ އަމާޒުތައް ހާސިލުވުމަށް މަގުފަހިވާނެ ކަމެކެވެ. އަދި ހުށަހެޅޭ ބިލުތައް ދިރާސާކުރުމުގައި މެންބަރުންނަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިންތިޒާމުތައް ތަރުތީބުވެފައި ހުރުމަކީވެސް މުހިއްމު ކަމެކެވެ. ޤާނޫނު ހެދުމަށް އިންތިޚާބުކުރާ މެންބަރާއި އޭނާ ނިސްބަތްވާ ޕާޓީގެ ފިކުރަކީ ޤާނޫނު ހެދުމުގެ މަރުހަލާގައި އޭނާގެ ސުލޫކު ހުންނާނެ ގޮތް ދެނެގަތުމަށް މުހިއްމު ދެ މުއައްޝަރު (އިންޑިކޭޓާސް)ކަމުން އެކަންކަން ވޯޓުލާ މީހުންނަށް ސާފުވުމަކީ ބޭނުންތެރި ކަމެކެވެ.

ނޯޓު: މިލިޔުމަކީ ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ މެންބަރުންގެ ޒިންމާތަކާ ގުޅޭ ސިލްސިލާ ލިޔުންތަކެއްގެ ތެރެއިން ފުރަތަމަ ލިޔުމެވެ. މި ސިލްސިލާގެ ކޮންމެ ލިޔުމެއްގައި މަޖިލީހުގެ މެންބަރުންގެ ޒިންމާތަކާ ގުޅޭ މުހިއްމު ބައެއް ކަންކަން ތަފުސީލުކޮށް ބަޔާންކުރެވޭތޯ ބަލައިލާނަމެވެ.

މި ލިއުމާއި ގުޅޭ