އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ގާނާއާ 2-2 އިން އެއްވަރުވި މެޗުގައި މުހައްމަދު ސަލާހަށް އަނިޔާވެއްޖެ އެވެ.
ސަލާހަށް އަނިޔާވެގެން ބޭލީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މެޗަށް ފަހު މިސްރުގެ ކޯޗު ބުނީ ސަލާހަށް ލިބުނު އަނިޔާގެ ތަފްސީލް ނޭނގޭ ކަމަށާއި އުއްމީދަކީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސަލާހް ކުޅުން ކަމަށެވެ.
މުބާރާތުގެ ފުރަތަމަ ދެ މެޗުން ވެސް މިސްރު އެއްވަރުވީ އެވެ.
އެ ގްރޫޕުގައި ގާނާ އާއި މިސްރުގެ އިތުރުން ހިމެނެނީ މޮޒަންބީގާއި ކޭޕް ވާޑް އެވެ. އެއް ވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދާފައިވާ ކޭޕް ވާޑް އެވެ. ދެ ވަނައިގައި އޮތް މިސްރަށް ދެ ޕޮއިންޓް ލިބިފައިވާއިރު މޮޒަންބީގް އަދި ގާނާ އޮތީ އެއް ޕޮއިންޓުގަ އެވެ.
މުބާރާތުގެ ގަދަ 16 އިން ފުރުސަތު ހޯދަން ފަހު މެޗުގައި މިސްރުން ކޭޕް ވާޑް ބަލިކުރަން ޖެހޭނެ އެވެ. އެކަމަކު އެ މެޗުގައި ސަލާހަށް ކުޅެވޭނެކަމާ މެދު ވަނީ ޝައްކުވެފަ އެވެ.
މި ސީޒަނުގައި ލިވަޕޫލް ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހް އަކީ ޕްރިމިއާ ލީގަށް ވާދަކުރާއިރު އެޓީމަށް މުހިއްމު ކުޅުންތެރިއެކެވެ.
ރޭގެ މެޗުގައި ރޭ ގާނާގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ވެސްޓް ހޭމް ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ކުޑޫސް އެވެ.