Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

"ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގުރާމާއެކު ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ބާރުވެރިކަން އިތުރުވާނެ: ފައިސަލް

ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އިސްނަގައިގެން ފަށާފައިވާ މެންޓާޝިޕް ޕްރޮގުރާމު، "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގުރާމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުވާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

"ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގުރާމު ފެށުމަށް މިއަދު މީރުމާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައިސަލު ވިދާޅުވީ މި ޕްރޮގުރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ހަފުތާ 14 ޕްރޮގުރާމުގައި ހިމެނޭ ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް އެކުލަވައިލާފައިވާ ޕްރޮގުރާމެއް ކަމަށެވެ.

ފަތުރުވެރިކަމަށް ބައި ޤަރުނު ވެފައިވާއިރު އެ ސިނާއަތަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އެންމެ ގިނަ ފުރުސަތު ސީދާ ގޮތުންނާއި ނުސީދާ ގޮތުން އުފައްދައިދޭ ސިނާއަތްކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން މިނިސްޓަރު ފާހަގަކުރެއްވީ 2022 ވަނަ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމަކީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ 45 އިންސައްތަ ހިއްސާކުރާ ސިނާއަތެއްކަމުގައިވި ނަމަވެސް އެ ސިނާއަތުގައި ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް ވަރަށް މަދުކަމެވެ.

އިތުރަށް ފައިސަލް ވިދާޅުވީ މިއަދު އިފުތިތާހުކުރި ޕްރޮގުރާމަކީ މި މައްސަލަތައް ހައްލުކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަށާޖެހޭ ގޮތެއްގައި ފަރުމާކޮށްފައިވާ ޕްރޮގުރާމެއް ކަމަށެވެ. އަދި އެ ޕްރޮގުރާމު ފަރުމާކޮށްފައިވަނީ ދެމެހެއްޓެނެވި ގޮތެއްގައި ލަނޑުދަނޑިތައް ހާސިލުކުރެވޭނެހެން ދުރު ރާސްތާ ޕްލޭނަކާއެކުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއަދު އިފުތިތާހުކުރެވޭ މެންޓާޝިޕް ޕްރޮގުރާމުގެ ތެރެއިން ފަތުރުވެރިކަމުގެ އެކި ދާއިރާތަކުން، އެއީ ރިސޯޓު ގެސްޓުހައުސް ޑައިވް ސެންޓާތައް ހިމެނޭހެން ތަޖުރިބާކާރު މެންޓަރުންނާއެކު އެބޭފުޅުން މަސައްކަތްކުރައްވާ މާހައުލުގައި 3 މަސްދުވަސް ހޭދަކޮށް އަމަލީ ތަޖުރިބާ ލިބިގެންދާނެ،" މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

ފައިސަލު ވިދާޅުވި ގޮތުގައި ސަރުކާރުގެ އެދުމަކީ މިފަދަ ޕްރޮގުރާމުތަކުގައި ޒުވާނުން އަދި ޚާއްޞަކޮށް ޒުވާން އަންހެނުން ބައިވެރިވެ އެ ފުރުސަތުގެ ބޭނުން އެދެވޭ ގޮތުގައި ހިފައި ފަތުރުވެރިކަމުގެ ސިނާއަތުގައި ޝާމިލުވެ އެ ސިނާއަތަށް އެދެވޭ ބަދަލެއް ގެނައުމެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި މެންޓާޝިޕް ޕްރޮގުރާމުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި އަންހެނުން އިތުރުވެގެންދާނެކަން އަދި މިދާއިރާއަށް ނުކުތުމަށް އިތުރު ހިތްވަރެއްވެސް ލިބިގެންދާނެކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު އިފުތިތާހުކުރި "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގުރާމަކީ ޔުނިވާސިޓީ މަރުހަލާގައި މެހުމާންދާރީއާއި ފަތުރުވެރިކަމުގެ ދާއިރާއިން ޔުނިވާސިޓީ ފެންވަރުގައި ތައުލީމު ހާސިލުކޮށްފައިވާ އަންހެނުންނަށް އެ ސިނާއަތުގެ އެކި މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވާ މެންޓަރުންގެ ދަށުން މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށް އެ ދާއިރާއަށް ނުކުތުން ފަސޭހަކޮށްދިނުމަށް ޚާއްޞަކޮށްގެން ހިންގާ ޕްރޮގުރާމެކެވެ.

މި ލިއުމާއި ގުޅޭ