ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކޮށްފައިވާ އާ ފިއުލް ފާމް، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހުޅުވައި ބޭނުންކުރަން ފެށޭނެ ކަމަށް އެމްއޭސީއެލްގެ އެމްޑީ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ބޭނުންކުރާ އާ ރަންވޭ ހަދާފައި ވަނީ ތެޔޮ ބައުރަޒު ރޭމްޕް މައްޗަށް ނުގެންގޮސް، ބޯޓު ޕާކްކުރާ ސަރަހައްދުގައި ގާއިމްކޮށްފައިވާ ތެޔޮ އަޅާ ހޮޅިތައް ނުވަތަ ހައިޑްރެންޓް ނެޓްވޯކް މެދުވެރިކޮށް ސީދާ ބޯޓަށް ތެޔޮ އެޅޭ ގޮތަށެވެ.
އަދި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމެއްވެސް ގާއިމްކޮށްފައި ހުރި ނަމަވެސް، އެތަން ބޭނުންކުރަން ނުފަށަ އެވެ.
'ސަންގު ޓީވީން' ރޭ ގެނެސްދިން ޕްރޮގުރާމެއްގައި އެމްއޭސީއެލްގެ އެމްޑީ ވިދާޅުވީ، ފިއުލް ފާމު ހަދައި ބޭނުންނުކޮށް ހުންނަތާ ފުދޭވަރަކަށް ދުވަސް ވެފައިވާ ކަމަށާއި، އެހެންވެ އެތަން އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
"އެތަން އޮޕަރޭޝަނަލައިޒް ކުރުމަށް އަޅުގަނޑުމެން މިހާރު މަސައްކަތްތަކެއް ކޮށް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެތަން އޮޕަރޭޝަނަލައިޒް ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.
އެއާއެކު، ފަތުރުވެރިކަމުގެ ސުޕަ ޕީކްގައި ނުވަތަ ޑިމާންޑު ބޮޑު ދުވަސްވަރު ތެޔޮ އަޅަން ބޯޓުތައް މަޑުކޮށްގެން އޮންނަން ނުޖެހޭނެ ކަމަށާއި، ބޮޑެތި އަދަދުތަކުން ފިއުލަ ގެނެވި، ހިދުމަތް ވެސް އަވަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް އަވަސްކުރުމަށް، ބޯޓުތަކަށް ތެޔޮ އެޅުމަށް ގާއިމްކޮށްފައިވާ ޒަމާނީ ހައިޑްރެންޑް ފިއުލް ނެޓްވޯކު މިދިޔަ ނޮވެމްބަރު މަހު ވަނީ ޓެސްޓުކުރަން ފަށާފަ އެވެ. އެ ނިޒާމު ބޭނުންކުރަން ފެށުމުން މިހާރު ގަޑިއިރަކުން ތެޔޮ އެޅޭ ވައިޑް ބޮޑީ އެއާކްރާފްޓުތަކަށް 15 މިނެޓުން ތެޔޮ އެޅޭނެ ކަމަށާއި، ތެޔޮ އެޅުމަށް ބޭނުންވާ މުވައްޒަފުން ވެސް މަދުކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.