Saturday 20th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ގިނަ ދުވަހަށް ބަހާލައިގެން ފައިސާދައްކާ ވިނަރެސް ފްލެޓުތަކުގެ އަގުހެޔޮކުރުމާއެކު އާންމުންނަށް ބޮޑު ލުއެއް

ވިނަރެސް ފްލެޓުތައް--- ފޮޓޯ/ ރާއްޖެއެމްވީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފުލެޓުތަކުގެ ތެރެއިން ދިގުމުއްދަތައް ބަހާލައިގެން ފައިސާ ދައްކާ އުސޫލު (ލީސް-ޓު-އޯން މޮޑެލް) ގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ އަގާއި ޑައުންޕޭމަންޓު އަދި ކުލި ކުޑަކުރަން އެޗްޑީސީން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ބުނީ، ގިނަ ދުވަހަށް ބަހާލައިގެން ފައިސާ ދައްކާ ވިނަރެސް ފުލެޓުތަކުގެ ކޮސްޓް ޕްރައިސް އިން ފުލެޓުގެ ޑައުންޕޭމަންޓަށް ކުރިން ދައްކަންޖެހޭ އަދަދުގެ %50 އުނިކުރަން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އެއީ، ފުލެޓުގެ އަގުން ޑިސްކައުންޓެއްގެ ގޮތުގައި އުނިވެގެން ދާނެ އަދަދެއް ކަމަށް އެޗްޑީސީން ބުންޏެވެ.
މި ބަދަލާއެކު އެވެރެޖްކޮށް ފުލެޓެއްގެ ކޮސްޓް ޕްރައިސް އިން 200،000 ރުފިޔާއާއި 270،000 ރުފިޔާއާ ދެމެދުގެ އުނިވުމެއް އަންނާނެއެވެ. އެއާއެކު އެ މިހާރު ފްލެޓުތަކުގެ ޑައުންޕޭމަންޓު، ކުރިން ޑައުންޕޭމަންޓަށް ދައްކަންޖެހޭ އަދަދުގެ %50 އަށް ކުޑަކުރަން އެޗްޑީސީން ވަނީ ނިންމާފަ އެވެ. އެއީ؛
  • - ލީސް-ޓު-އޯން އޮޕްޝަން 1 ގައި ކުރިން ދައްކަންޖެހޭ %15 ޑައުންޕޭމަންޓްގެ ބަދަލުގައި މިހާރު ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭނީ %7.5 އެވެ.
  • - ލީސް-ޓު-އޯން އޮޕްޝަން 2 ގައި ކުރިން ދައްކަންޖެހޭ %20 ޑައުންޕޭމަންޓްގެ ބަދަލުގައި މިހާރު ޑައުންޕޭމަންޓްގެ ގޮތުގައި މިހާރު ދައްކަންޖެހޭނީ %10 އެވެ.
މި ބަދަލާއެކު ކުރިން %15 ޑައުންޕޭމަންޓްގެ ގޮތުގައި އެވްރެޖްކޮށް ދައްކަންޖެހޭ 400،000 ރުފިޔާ، 200،000 ރުފިޔާ އަށް ކުޑަވެގެން ދާނެ އެވެ. އަދި ކުރިން %20 ޑައުންޕޭމަންޓްގެ ގޮތުގައި އެވްރެޖްކޮށް ދައްކަންޖެހޭ 540،000 ރުފިޔާ، 270،000 ރުފިޔާ އަށް ކުޑަވެގެން ދާނެ އެވެ.
އޭގެ އިތުރުން ޑައުންޕޭމަންޓް އަދަދު ދެއްކުމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން މިހާރު ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު 6 މަހަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ވެސް ފްލެޓުވެރިންނަށް ދޭން ނިންމާފައިވާ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.
ވިނަރެސްގެ އަގާއި ޑައުންޕޭމަންޓު ކުޑަކުރުމުން، ފްލެޓަށް މަހުންމަހަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ އިންސްޓޯލްމަންޓް ވެސް ކުޑަވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން، ފްލެޓުގެ އިންސްޓޯލްމަންޓް އަދަދު ކުރިން ހިސާބުކޮށްފައިވާ %9 ގެ އިންޓްރެސްޓް ރޭޓު މިހާރު %6 އަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
މި ބަދަލާއެކު ކުރިން ކަނޑައަޅާފައިވާ ފުލެޓުގެ މަހު އިންސްޓޯލްމަންޓުން އެވްރެޖްކޮށް 4،200 ރުފިޔާ ކުޑަވެގެންދާނެ އެވެ.
ފުލެޓުގެ އަގަށާއި، ޑައުންޕޭމަންޓަށް ގެނައި ލުއިތައް އަގުން އެޖަސްޓްކުރެވިގެން ދިޔަކަމުގައި ވިޔަސް، ފުލެޓުގެ މަހު އިންސްޓޯލްމަންޓުން އެވްރެޖްކޮށް ކުޑަވާ 4،200 ރުފިޔާ، އެވަރުގައި ހިފެހެއްޓި މަހު އިންސްޓޯލްމަންޓު އިތުރަށް ބޮޑު ނުވާނެގޮތަށް ހަމަޖެހިގެންދާނެ ކަމަށް ވެސް އެޗްޑީސީން މައުލޫމާތުދެ އެވެ.
ފުލެޓުގެ ޑައުންޕޭމަންޓުގެ %50 ފުލެޓުގެ އަގުން ޑިސްކައުންޓެއް ގޮތުގައި އުނި ނުކުރާނަމަ، ފުލެޓުގެ މަހު އިންސްޓޯލްމަންޓު އިތުރަށް އެވްރެޖްކޮށް 1،400 ރުފިޔާ އާއި 2،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ބޮޑުވެގެން ދާނެ އެވެ. އެހެންކަމުން މިއީ، ފުލެޓެއްގެ މަހު އިންސްޓޯލްމަންޓުން މިހާރު ދެވިފައިވާ ލުއިގެ އިތުރަށް އެވްރެޖްކޮށް އިތުރު 1،400 ރުފިޔާ އާއި 2،000 ރުފިޔާއާ ދެމެދުގެ ލުއިވެމެކެވެ.

މިހާރު ފްލެޓްގެ ޖުމްލަ އަގު (20 ނުވަތަ 25 އަހަރު ތެރޭ ދައްކާ ޖުމްލަ އަދަދު):

ފުލެޓެއްގެ ޖުމްލަ އަގު ކުރިން ހުރީ 4.9 މިލިއަނާއި 6.7 މިލިއަން ރުފިޔާގެ ދެމެދުގަ އެވެ. ނަމަވެސް، މިހާރު އެޗްޑީސީން ގެނައި ބަދަލުތަކާއެކު ފުލެޓެއްގެ ޖުމްލަ އަގު 3.8 މިލިއަނާއި 5.0 މިލިއަން ރުފިޔާއާ ދެމެދަށް ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
މިއީ ފުލެޓެއްގެ ޖުމްލަ އަގުން 1.1 މިލިއަނާއި 1.7 މިލިއަން ރުފިޔާއާ ދެމެދުގެ ކުޑަވުމެކެވެ.
އޭގެ ތެރެއިން އިންޓްރެސްޓް ކުޑަކުރުމާ ގުޅިގެން އެވްރެޖްކޮށް ފުލެޓެއްގެ ޖުމްލަ އަގުން 0.9 މިލިއަނާއި 1.4 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއް ކުޑަވެގެން ދާއިރު، ފުލެޓުގެ އަގުން އިތުރަށް ދެވުނު ޑިސްކައުންޓާ ގުޅިގެން އިތުރު 0.2 މިލިއަނާއި 0.3 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ފުލެޓުގެ އަގުން އުނިކުރެވިގެން ދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
މި ލިއުމާއި ގުޅޭ