Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ދިއްދޫ އިންޖީނުގެ ހަދަން 49 މިލިއަން ހަރަދުކުރިއިރު މަސައްކަތެއް ނުނިމޭ، މާކެޓް އަގަކީ 19 މިލިއަން

ހއ. ދިއްދޫ އިންޖީނުގޭގެ މަސައްކަތަށް ނިމިދިޔަ ސަރުކާރުން، 49 މިލިއަން ރުފިޔާ ހަރަދުކުރިކަން ހާމަވެއްޖެ އެވެ.
ފެނަކައިގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދު މިއަދު އެކްސްގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން ދިއްދޫ އިންޖީނުގެ އެޅުމަށް މިދިޔަ ސަރުކާރުގައި ފެނަކައިން 49،354،422ރ. ވަނީ ހަރަދުކޮށްފަ އެވެ. އެކަމަކު، އެތަން އެޅުމަށް ދާ އަސްލު މާކެޓް އަގަކީ 23،061،304ރ. ކަމަށް މުއާޒް ވިދާޅުވި އެވެ.
އެރަށުގައި އިންޖީނުގެ އެޅުމަށް 49 މިލިއަން ރުފިޔާ ހަރަދުކުރި އިރު އެތަން އަދި ބޭނުންކުރެވޭ ވަރު ނުވެ އެވެ. އިމާރާތުގެ ފިނިޝިންގެ އެއްވެސް މަސައްކަތެއް ނުނިމި ހުރި އިރު އެތަން އޮޕަރޭޓް ކުރުމަށް ބޭނުންވާ ސާމާނުވެސް ނެތެވެ.
އެތަން އިމާރާތްކުރުމުގައި ހަރަކާތްތެރިވި 70 ސްޓާފުންނަށް މިދިޔަ ސަރުކާރުގައި 23،269،119ރ. ހަރަދުކޮށްފައިވާއިރު މެޓީރިއަލް އަށް 19،023،877ރ. ހަރަދުކޮށްފައިވެ އެވެ. އޭގެ އިތުރުން ޕެޓީ ކޭޝްގެ ގޮތުގައި 428،473ރ. ހަރަދުކޮށްފައިވެ އެވެ.
އެތަނުގެ މަސައްކަތް މިހާރު ހުއްޓިފައި އޮތުމުން ފެނަކައިގެ އާ މެނޭޖްމަންޓުން ވަނީ އެ ޕްރޮޖެކްޓުގައި މަސައްކަތްކުރާ ސްޓާފުންގެ ކޮންޓްރެކްޓު އާނުކުރަން ނިންމާފަ އެވެ.
ދިއްދޫގެ އިތުރުން، ގދ. ވާދޫގެ އިންޖީނުގެ އެޅުމަށް 52،559،568ރ.. އަދި ގދ. މަޑަވެލި އަދި ހޯޑެއްދޫގެ ސީޕީއެސް އަށް ވެސް ކުރީ ސަރުކާރުގައި ފެނަކައިން 22،666،587ރ. ހަރަދުކޮށްފައިވެ އެވެ. އެކަމަކު އެތަންތަނުގެ މަސައްކަތް ވެސް އަދި ނިމުމާ ގާތްނުވެ އެވެ.
އިންޖީނުގެތަކުގެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވާ ވަރާ އަޅާބަލާއިރު އެކަށީގެންވާ ނަތީޖާ ނުފެންނާތީ ގިނަ ބައެއްގެ ފާޑުކިޔުން ކުރީ ސަރުކާރުގެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދަށް ވަނީ އަމާޒުވެފަ އެވެ.
ފެނަކައިގެ އެމްޑީ ކަމުގައި ހުރިއިރު އޭނާގެ މައްޗަށް މީގެ ކުރިންވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައިވެ އެވެ. ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުން މި ސަރުކާރު ހަވާލުވިއިރު، މިދިޔަ ފަސް އަހަރުގެ ތެރޭގައި ފެނަކަ އޮތީ 4.1 ބިލިއަން ރުފިޔާއިން ދަރާފަ އެވެ. އެއީ، ލޯނުގެ ގޮތުގައި ނަގާފައިވާ 871 މިލިއަން ރުފިޔާއާއި، ޕޭޔަބަލްސްގެ ގޮތުގައި އެކިއެކި ފަރާތްތަކަށް ދޭންޖެހޭ 3.2 ބިލިއަން ރުފިޔާ އެވެ.
ސަޕްލަޔަރުންނަށް ފެނަކައިން ދޭންޖެހޭ ފައިސާ ނުދީގެން މިދިޔަ ސަރުކާރުގައި އެމީހުން މުޒާހަރާތައް ވެސް ކުރިއިރު، އާ ސަރުކާރު ހަވާލުވިއިރު 8100 ސްޓާފުން ފެނަކައަށް ނަގާފައި ތިއްބެވެ.
މި ލިއުމާއި ގުޅޭ