Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

އިންޑިއާ މައްސަލައިގައި ރާއްޖޭގެ ފަތުރުވެރިކަމަށް މާބޮޑު ލޮޅުމެއް ނާދޭ: މަޓާޓޯ

އިންޑިއާއިން ރާއްޖެ ބޮއިކޮޓްކުރަން ފެށި ކެމްޕެއިންގެ ސަބަބުން އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށާއި، ރާއްޖޭގެ ފަތުރުވެރިކަމަށް މާބޮޑު ލޮޅުމެއް އައިސްފައި ނުވާކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.
އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނާއި އެމީހުން ރާއްޖޭގައި ތިބޭ މުއްދަތާ ގުޅޭގޮތުން މި މަހު އަށަކުން ފެށިގެން މަޓާޓޯއިން ކުރި ދިރާސާއަށްފަހު އާންމުކުރި ކަރުދާހުގައި ބުނީ، އިންޑިއާއާ ރާއްޖެއާ ދެމެދު މިފަހުން ފެންމަތިވި މައްސަލައާ ގުޅިގެން އެ ގައުމުގެ ފަތުރުވެރިން ރާއްޖޭގައި ހަދާފައިވާ ބުކިންތައް ކެންސަލްކުރީ ވަރަށް މަދުން ކަމަށެވެ.
އަދި އޭގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މާބޮޑު ލޮޅުމެއް އައިސްފައިނުވާ ކަމަށާއި، މާގިނަ ތަންތަން ބަންދުކުރަން ނުޖެހުނު ކަމަށެވެ.
ޓްރެންޑުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ތެރޭގައި ވެސް އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ޖެނުއަރީގައި ދަށްކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި ވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ ބުކިންތައް ދަށީ ކަމަށް މަޓާޓޯއިން ބުންޏެވެ. އެއީ، ދެ ގައުމުގެ ދެމެދުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން އައި އިމްޕެކްޓެއް ނޫންކަން މަޓާޓޯއިން ފާހަގަކުރި އެވެ.
މިދިޔަ އަހަރު ނިމުނު އިރު 209،198 ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި، ޓޮޕް މާކެޓުގެ ގޮތުގައި އޮތީ އިންޑިއާ އެވެ. ދެވަނައިގައި އޮތް ރަޝިއާއިން، 209،146 ފަތުރުވެރިން މިދިޔަ އަހަރު ރާއްޖެ ޒިޔާރާތްކުރި އެވެ.
މަޓާޓޯއިން ފާހަގަކުރި ގޮތުގައި، އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށްވުރެ ރަޝިއާގެ ފަތުރުވެރިން ރާއްޖޭގައި ހަރަދުކުރާ މިންވަރާއި އެމީހުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރެވެ. އެއާ ހިލާފަށް އިންޑިއާގެ ފަތުރުވެރިން، ރާއްޖޭގައި ތިބޭ މުއްދަތު ކުރު ކަމަށާއި ހަރަދުކުރާވަރު ވެސް މަދު ކަމަށް މަޓާޓޯއިން ބުންޏެވެ.
އޭގެ އިތުރުން، އިންޑިއާއިން ބިޒްނަސް ނުވަތަ ވިޔަފާރި ބޭނުންތަކަށް ޓްރެވަލްކުރާ ފަރާތްތަކުން ވެސް ޓޫރިސްޓުންގެ ގޮތުގައި އެތެރެވާތީ، އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް މަޓާޓޯއިން ބުނެފައިވެ އެވެ. އަދި ރަޖިސްޓާ ނުކުރާ ތަންތަނުގައި އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައިސް ތިބޭކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މިފަހުން އިންޑިއާއާއި ރާއްޖެއާ ދެމެދުގައި ގުޅުން ގޯސްވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި މަހު ލަކްޝަދީޕަށް ކުރެއްވި ޒިޔާރާތަކަށްފަހު، އެރަށުގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއާއެކު، ރާއްޖެއާ ދެކޮޅަށް އެ ގައުމުގެ ބައެއް ސޯޝަލް މީޑިއާ އެކްޓިވިސްޓުން ފެށި އެންޓި ކެމްޕެއިނާ ގުޅިގެންނެވެ.
ލަކްޝަދީޕުގައި ފަތުރުވެރިކަން ފެށުމުން، އިންޑިއާ ރައްޔިތުން ޗުއްޓީ ހޭދަކުރަން ދެން "ޗައިނާގެ ޕަޕެޓު ގައުމު" ރާއްޖެ އަންނަން ނުޖެހޭނެ ކަމަށް ބުނެ އެ ގައުމުގެ ބައެއް ސޯޝަލް މީޑިއާ އެކްޓިވިސްޓުން ރާއްޖެއަށް އަމާޒުކުރި ބަހުގެ ހަމަލާތަކަށް ރާއްޖޭގެ އެކްޓިވިސްޓުން ވެސް ރައްދުތައް ދިނެވެ.
އެއާއެކު، ސަރުކާރުގެ ނައިބު މިނިސްޓަރު ކަމުގައި ތިއްބެވި ތިން ބޭފުޅަކު، އިންޑިއާއާއި މޯދީއާ ގުޅޭ ގޮތުން ކުރެއްވި ޓުވީޓުތަކަކާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށް، އިންޑިއާގެ މަޝްހޫރު ތަރިންނާއި ސިޔާސީން ހިމެނޭހެން ރާއްޖެ ބޮއިކޮޓުކޮށް ލަކްޝަދީބު ޕްރޮމޯޓުކުރަން ވަނީ ފަށާފަ އެވެ.
އިންޑިއާގެ ފަތުރުވެރިން ރާއްޖެ ބޮއިކޮޓް ކުރަން ގޮވަން ފަށާފައިވާއިރު، ކޮވިޑުގެ ކުރިން އޮތް ގޮތަށް ރާއްޖޭގެ ޓޮޕް މާކެޓަކީ އަނެއްކާވެސް ޗައިނާ ކަމުގައި ހެދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
މިދިޔަ ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ހޮނިހުރު ދުވަހު ދެއްވި ޕްރެސް ސްޓޭޓަމަންޓުގައި ވިދާޅުވީ، ކޮވިޑުގެ ކުރިން ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށްވުރެ ދެގުނަ އިތުރަށް އެ ގައުމުގެ ފަތުރުވެރިން ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި ލިއުމާއި ގުޅޭ