Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ ރާއްޖެ ގުޅުން

ދިވެހިރާއްޖެ-ޗައިނާ ގުޅުމާއި، "ޕްރޯ މޯލްޑިވްސް" ސިޔާސަތާއި، ރާއްޖޭގެ އިސްތިޤުލާލުގެ ސުވާލު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިން، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ފަލްސަފީ ނުވަތަ ފިކުރީ އަސާސަކީ ކޮބައިކަން ހާމަކުރައްވާފައިވެއެވެ. އެ އަސާސަށް އެމަނިކުފާނު ދެއްވި ނަމަކީ "ޕްރޯ މޯލްޑިވްސް"ގެ ވިސްނުމެވެ. އެމަނިކުފާނުގެ ޤިޔާދަތުގައި ރާއްޖެއިން އަތުރާލާ ތަރުތީބުކޮށް ތަންފީޒުކުރާ ޚާރިޖީ ސިޔާސަތުގެ ނާރެހަކީ، ޕްރޯ މޯލްޑިވްސް ނުވަތަ ރާއްޖެއާ އެއްކޮޅު ވިސްނުންތަކާއި ޚިޔާލުތަކެވެ. ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެން، މުހިއްމު މަޝްވަރާތައް ކުރައްވައި، ގިނަ ބޮޑެތި އެއްބަސްވުންތަކެއް ދެ ޤައުމުގެ މެދުގައި ވެވުމާއެކު، އިންޑިއާގެ ފައި ދަށުން ޗައިނާގެ އުނގަށް ރާއްޖެ ވެއްޓިއްޖެކަމަށް ބަޔަކު ސިފަކުރަން ފަށައިފިއެވެ.

މިހިސާބުން އުފެދޭ ސުވާލަކީ ޗައިނާއާއި ރާއްޖޭގެ ދެމެދުގައި އޮތް ގުޅުމުގައި ހުރި ތިލަފަތްހަމަނުވުންތައް ނުވަތަ އިމްބެލެންސްތަކާއެކު، ޗައިނާގެ "ދަށުނުވެ" ރާއްޖެއަށް ޗައިނާއާއެކު ގުޅުން ބޭއްވިދާނެތޯއެވެ؟ އަދި ޗައިނާއިން އެހީތެރިކަމައި މަދަދު ހޯދުމަކީ ރާއްޖެއަށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ރަނގަޅު މިސްރާބަކަށް ވެދާނެތޯއެވެ؟ މި ސުވާލުތަކަށް ޖަވާބު ހޯދުމަށް ދިވެހިރާއްޖޭގެ އައު ޚާރިޖީ ސިޔާސަތާއި ޗައިނާގެ ޚާރިޖީ ސިޔާސަތު ދެނެގަތުން މުހިއްމެވެ.

ބެއިޖިން ކޮންސެންސަސްއާއި ޗައިނާގެ ޚާރިޖީ ސިޔާސަތުގެ އަސާސް

ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުމުގެ އަސާސްތަކާއި އެ ގުޅުމުގެ ހަގީގަތް ސާފުކޮށް ދެނެގަތުމަށް ފުރަތަމަ ޗައިނާގެ ޚާރިޖީ ސިޔާސަތު އެ މައްޗަށް ބިނާވެފައިވާ ކަންކަން އެނގުން މުހިއްމެވެ. އަދި ޗައިނާއިން ދުނިޔޭގައި އަދާކުރާ ދައުރާއި، ޗައިނާއިން ދުނިޔެއާމެދު ދެކޭ ގޮތް ސާފުވުން މުހިއްމެވެ. އަދި ބައިނަލްއަޤުވާމީ ބާރެއްގެ ގޮތުގައި ޗައިނާގެ ޠަބީޢަތަކީ ކޮބައިކަން ސާފުވުމަކީ ބޭނުންތެރި ކަމެކެވެ.

ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤުތިޞާދަށްވީ ނަމަވެސް ޗައިނާއަކީ ތަރައްޤީވަމުން އަންނަ ޤައުމެކެވެ. ދުނިޔޭގެ ސިޔާސީ ވާދަވެރިކަމާއި، އިޤުތިޞާދީ ފުރޮޅުންތަކާއި ބަދަލުތަކުގެ ތެރޭގައި ތަރައްޤީވަމުން އަންނަ ޤައުމެއް ބޮޑު ބާރެއްގެ ގޮތުގައި އޮތުމަށް، އިހުއްސުރެ ދުނިޔޭގެ ބާރުވެރިކަން ދަމަހައްޓަމުން އައި ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުން ގެންގުޅުނު ވިސްނުމާ ތަފާތު އީޖާދީ އައު ވިސްނުންތައް އިސްކުރުން ނޫން ގޮތެއް ޗައިނާއަށް ނޯންނާނެއެވެ. މިދެންނެވި ވިސްނުންތަކުގެ ތެރެއިން އިޤުތިޞާދު ބައްޓަނކުރާނެ ގޮތާއި، ޚާރިޖީ ގުޅުންތައް ފަރުމާކުރުމުގައި ގެންގުޅޭނެ ވިސްނުންތައް ހިމެނޭ ގޮތަށް ޗައިނާއަށް ޚާއްޞަ ފިކުރުތަކެއް އެ ޤައުމުންވަނީ ބައްޓަންކޮށްފައެވެ. ބައިނަލްއަޤުވާމީ ގުޅުންތަކުގެ އިލްމުގައި މި ފިކުރުތަކަށް އެއްކޮށް ކިޔައިއުޅޭ ނަމަކީ "ބެއިޖިން ކޮންސެންސަސް"އެވެ.

ރިޒާ ހަސްމަތު ލިޔުއްވާފައިވާ "White cat, Black cat or Good Cat: The Beijing consensus as an alternative philosophy for policy deliberation? The case of China" ކަރުދާހުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި ބެއިޖިން ކޮންސެންސަސްއަކީ ހަމައެކަނި ޚާރިޖީ ގުޅުންތަކާ ގުޅޭ ވިސްނުންތަކެއް ނޫނެވެ. އެއީ ދާޚިލީ ސިޔާސަތުތަކާއި، އިޤުތިޞާދު ބައްޓަންކުރާނެ ގޮތާއި، ބައިނަލްއަޤުވާމީ ގުޅުންތަކާއި އެނޫންވެސް އެތައް ސިޔާސަތުތަކާ ގުޅޭ ފިކުރުތަކެއް އެއްކޮށްލުމުން ކިޔޭ ނަމެކެވެ. އެއީ ޗައިނާއިން ތަރައްޤީއާއި އިޤުތިޞާދީ ކުރިއެރުން ހާސިލުކުރުމަށް ތަންފީޒުކުރި ވިސްނުންތަކާއި، ބައިނަލްއަޤުވާމީ މުޖުތަމައުގައި އެހެނިހެން ޤައުމުތަކާ ޗައިނާއިން މުއާމަލާތްކުރުމުގައި ތަންފީޒުކުރަމުން އަންނަ ސިޔާސަތުތަކުގެ ފަހަތުގައިވާ ފިކުރުތަކާއި ވިސްނުންތަކެވެ.

އިސްވެ ހަވާލާދިން ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ބެއިޖިން ކޮންސެންސަސްއަކީ ޕްރެގްމެޓިކް މަންޒޫރަކުން ސިޔާސަތުތައް ތަރުތީބުކުރުމުގެ ފިކުރެކެވެ. ބައިނަލްއަޤުވާމީ ގުޅުންތަކުގައި ބެއިޖިން ކޮންސެންސް ބިނާވަނީ އެހެން ޤައުމުތަކުގެ "ސެލްފް ޑިޓާމިނޭޝަން" ނުވަތަ އަމިއްލަ މުސްތަޤުބަލު އަމިއްލަ އިޚުތިޔާރުގައި ނިންމުމުގެ ބާރުގެ މައްޗަށެވެ. އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމާއި، އެހީތެރިވުމުގައި އެހެން ޤައުމުތަކުގެ ބޭނުންތަކަށް ރިއާޔަތްކުރުމުގެ މައްޗަށެވެ. ދާޚިލީ ސިޔާސަތު ކަނޑައަޅައި ހިންގުމުގެ ފުރިހަމަ ބާރު އެހެން ޤައުމުތަކަށް އޮތުމުގެ މައްޗަށެވެ.

ގަލްޗޯ ޖަރްސޯ ލިޔުއްވި The Beijing Consensus versus the Washington Consensus: The dilemma of Chinese engagement in Africa މި ކަރުދާހުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި ބައިނަލްއަޤުވާމީ ގުޅުންތަކުގައި އާރުލާ ބާރެއްގެ ގޮތުގައި ޗައިނާ ފެންމަތިވުމުގެ ކުރިން ބައިނަލްއަޤުވާމީ މާލީ ގުޅުންތަކާއި، ދޭދޭ ޤައުމުތަކުގެ މެދުގައި ކުރެވެމުންދިޔަ މާލީ މުއާމަލާތްތައް ބައްޓަންވެފައި އޮތީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައާއި ފިނި ހަނގުރާމަ ނިމުމަށްފަހު އެމެރިކާއިން ގެންގުޅުނު ފިކުރުތަކާއި ޚިޔާލުތަކެއްގެ މައްޗަށެވެ. އެ ފިކުރުތަކާއި ޚިޔާލުތަކަށް ވޮޝިންޓަން ކޮންސެންސަސްގެ ނަން ދެވިފައިވެއެވެ.

މި ކޮންސެންސްގެ މަދުގައި އެކުލެވެނީ ލިބެރަލް އަގުކުރުންތަކުގެ މައްޗަށް ބިނާވެފައިވާ އިޤުތިޞާދީ ސިޔާސީ ނިޒާމުތަކުގެ އަސާސްތަކެވެ. އެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް އެ އަސާސްތައް ޤަބޫލުނުކުރާ ޤައުމުތަކުގެ މައްޗަށް ލާޒިމުކުރުމަކީ މި ކޮންސެންސްގެ ފަލްސަފީ ފިކުރީ އަސާސްތަކުގެ މައްޗަށް ބިނާވެފައި ހުރި މާލީ އަދި ބައިނަލްއަޤުވާމީ މުއައްސަސާތަކުން އަދާކުރަމުން އައި ދައުރެވެ. ވޯލްޑް ބޭންކާއި އައިއެމްއެފްގެ އެހީތެރިކަމާ ގުޅިފައި އޮންނަ ނިޒާމީ އިސްލާހީ (ސިސްޓެމިކް ރިފޯމްސް) ބަދަލުތަކަކީ މިދެންނެވި ސިޔާސަތުތަކުގެ ކުޑަ މިސާލެކެވެ. ސަރުކާރު މުވައްޒަފުން މަދުކުރުމާއި، ދައުލަތުގެ ކުންފުނިތައް ވިއްކައިލުން ފަދަ ކަންކަން އެ އިދާރާތަކުން އެހީދޭއިރު ޝަރުތުތަކުގެ ގޮތުގައި ޤައުމުތަކަށް ލާޒިމުކޮށް އިލްތިޒާމުކުރުވައެވެ. ގިނަ ޤައުމުތަކުގައި އެބަދަލުތަކުން ނުކުމެފައިހުރީ އެދެވޭ ނަތީޖާތަކެއްކަމަށް މާހިރުން ޤަބޫލުނުކުރައްވައެވެ. މިސްރާއި، އާޖެންޓީނާއާއި ތުރުކީއަކީ މިދެންނެވި ބަދަލުތައް ގެނައުމުން ކުރިމަތިވި އުދާހާއި ކެކުޅުން ތަޖުރިބާކުރި އަދި މިހާރުވެސް ތަޖުރިބާކުރަމުން އަންނަ ޤައުމުތަކެވެ.

އެހެނިހެން ބާހިސުންނާއި މާހިރުންނާ ހަވާލާދެއްވައި ޖަރްސޯ ފާހަގަކުރެއްވި ގޮތުގައި އެފުރިކާގެ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ޗައިނާގެ އެހީ ބަލައިގަތުން ފަސޭހަވެފައިވަނީ އެހެނިހެން ޤައުމުތަކުގެ ދާޚިލީ ސިޔާސަތުތަކަށް ތަދައްޚުލުނުވުމުގެ މައްޗަށް ޗައިނާއިން އަމަލުކުރާ ފަލްސަފާ ބިނާވެފައިވާތީއެވެ. އެހީތެރިކަން ދޭއިރު އެއާ ގުޅުވައިގެން އެ ޤައުމުތަކުގެ ދާޚިލީ އިޤުތިޞާދީ ސިޔާސަތުތައް ޚާއްޞަކޮށް މެކްރޯ އިކޮނޮމިކް ސިޔާސަތުތައް އެ ޤައުމަކުން ބޭނުންވާ ގޮތަކަށް ބައްޓަންކުރުމުގެ މިނިވަންކަން އޮންނާތީއެވެ.

އޭގެ މާނައަކީ މިފަދައިން ޗައިނާއިން ދޭ އެހީތެރިކަމުގައި ޗައިނާގެ މަސްލަހަތުތަކެއް ނެތުމެއް ނޫނެވެ. ޗައިނާގެ މަސްލަހަތުތަކަކީ އިޤުތިޞާދީ މަސްލަހަތުތަކެވެ. ޗައިނާގެ އިޤުތިޞާދީ ނުފޫޒު އިތުރުކުރުމަށާއި، ޗައިނާގެ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމާއި، ޗައިނާގެ އިންވެސްޓަރުންނަށް ދުނިޔޭގެ އެކި ޤައުމުތަކުގެ އިޤުތިޞާދުތައް ހުޅުވައިލުމެވެ.

ޚުލާޞާއަކީ ޗައިނާގެ ޚާރިޖީ ސިޔާސަތު އެ މައްޗަށް ބިނާވެފައިވާ ފަލްސަފާތަކުގެ ކުންނުގައިވަނީ އެހެނިހެން ޤައުމުތަކާއެކު ސިޔާދަތީ ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ، އިހުތިރާމުކުރުމުގެ އަސާސްގެ މަތީ ތަންފީޒުކުރާ، އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމަށް އަތް ނުބޭނުމުގެ ފަލްސަފާއެއް ކަމުގައިވުމެވެ. މިނިވަންކަމާއެކު އެ ޤައުމަކަށް މުހިއްމު ކަންކަން ކަނޑައަޅައި ތަންފީޒުކުރަން ފުރުސަތު ދިނުން ކަމުގައިވުމެވެ.

އިންޑިއާގެ ސަރަހައްދީ ސިޔާސަތު

ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ ވާހަކަދައްކާއިރު މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިޤުތިޞާދުކަމަށްވާ އަވައްޓެރި އިންޑިއާގެ ވާހަކަވެސް ދައްކަންޖެހެއެވެ. އިންޑިއާގެ ވާހަކަދައްކަންޖެހެނީ ދެ ސަބަބަކާ ހުރެއެވެ. އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމާއި، ޖިއޮގްރަފީގެ ގޮތުން ރާއްޖެއާއި އިންޑިއާގެ ގާތްކަމުގެ އިތުރަށް، އިންޑިއާއާއި ޗައިނާގެ މެދުގައި އޮތް ވާދަވެރިކަމެވެ. ޗައިނާއަކީ އިންޑިއާގެ އަވައްޓެރިއެކެވެ. ދެ ޤައުމަކީ ބޯޑަރު ހިއްސާކުރާ ދެ ޤައުމެވެ. ކުރިން ހަނގުރާމަކޮށްފައިވާ ދެ ޤައުމެވެ. ހަލުއިކޮށް ކުރިއަރަމުން އަންނަ އިޤުތިޞާދަކާއި، ހަލުއިކޮށް ކުރިއެރުމަށްފަހު މަޑުމަޑުން ހަމަޖެހި މަޑުޖެހެމުންދާ އިޤުތިޞާދެކެވެ.

އިންޑިއާގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން އިއުލާނުކޮށް ހިންގާ އެއް ސިޔާސަތަކީ "ނެއިބާހުޑް ފަސްޓް" ސިޔާސަތެވެ. އަވައްޓެރިން އިސްކުރުމުގެ ސިޔާސަތެކެވެ. އަވައްޓެރިން އިސްކުރުމުގެ މި ސިޔާސަތުގެ ފަހަތުގައިވާ ބޭނުންތައް ބާހިސުންވަނީ ދިރާސާކުރައްވައި ތަހުލީލުކުރައްވާފައެވެ. ރަސްމީ ސަބަބަކީ އަވައްޓެރި ޤައުމުތަކާ ރަނގަޅު ގުޅުމެއް ބާއްވަން އިންޑިއާއިން ބޭނުންވުމެވެ. އަދި މި ސަރަހައްދުގައި ޒަމާނުއްސުރެ އޮތް އިންޑިއާގެ ނުފޫޒު އެގޮތުގައި ދެމެހެއްޓުމެވެ.

ދެކުނުގެ އޭޝިޔާގައި އިންޑިއާގެ ހެޖޮމޮނީ ދެމެހެއްޓުން

ތުރުކީގެ އިސްތަންބޫލު ޔުނިވާސިޓީގެ ޕްރޮފެސާ ސާދިއާ ޚާނުމް ލިޔުއްވާފައިވާ Legitimacy of India's Hegemonic Claims in South Asia ކަރުދާހުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި ހެޖެމޮނީއަކީ ވަކި ޤައުމެއްގެ އިޤުތިޞާދީ ސިޔާސީ އަދި އަސްކަރީ ބާރުވެރިކަމުގެ ސަބަބުން އެހެން ޤައުމުތަކުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތަކުގެ މައްޗަށް އެ ޤައުމެއްގެ މަސްލަހަތު އިސްކުރުވުމުގެ ބާރުވެރިކަން އޮތުމެވެ. އެ ކަރުދާހުގައި އޭނާ އިތުރަށް ވިދާޅުވެފައިވަނީ 1947 ވަނަ އަހަރު އިނގިރޭސީންގެ އިސްތިއުމާރުން އިންޑިއާ މިނިވަންވުމާއެކު އެ ޤައުމުން ތަންފީޒުކުރަން ފެށި ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސަކީ މި ސަރަހައްދުގެ އެހެނިހެން ޤައުމުތަކުގެ މައްޗަށް ނުފޫޒު ފޯރުވޭ ބާރެއްގެ ގޮތުގައި އިންޑިއާ ޤާއިމުކުރުމާއި، އެގޮތުގައި ދެމިއޮތުމަށް މަގުފަހިކުރުން ކަމަށެވެ.

މި ސިޔާސަތު އެންމެ ރަނގަޅަށް ވިދާޅުވެދެއްވާފައިވަނީ އިންޑިއާގެ ޚާރިޖީ ސިޔާސަތު ތަހުލީލުކުރައްވާ ލިޔުންތެރިޔާ އަދި ސިޔާސީ އިލްމުވެރިޔާ ބަބާނީ ސެން ގުޕްޓާއެވެ. އޭނާ ލިޔުއްވާފައިވެއެވެ. "އިންޑިއާގެ އެތަކީ މީދަލަކަށް ބަދަލުވާނެ އެތެއް ނޫނެވެ. ހަމަނުޖެހުންތަކާއި ބޮޑެތި ބައިބައިވުންތަކުން ސަލާމަތްވާން އެދޭނަމަ 5 ޤައުމުން ބާކީ އޮތް 6 ވަނަ ޤައުމުގެ ބޮޑުކަން ޤަބޫލުކުރަންޖެހޭނެއެވެ. އަދި 6 ވަނަ ޤައުމުކަމަށްވާ އިންޑިއާއިން "ބޮޑަކީ" ރީތިކަމެއްކަން ސާބިތުކޮށްދޭންވާނެއެވެ.،"

ސާދިއާ ލިޔުއްވި ގޮތުގައި އިންޑިއާ އުފެދިގެން އައިއިރު ބޮޑު ވަރުގަދަ ޙަޟާރަތެއްގެ ގޮތުގައި ވަރަށް އޯގާތެރި ހަމަނުޖެހުންތަކާ ދުރު ޤައުމެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މަސްރަހުގައި އިންޑިއާއިން ނަގަހައްޓަމުން އައި އެ ޤައުމުގެ ކުލަވަރު ހަރުކަށި ހިންދުތުވާއިން އެ ޤައުމުގެ ވެރިކަމާ ހަވާލުވުމުން ބަދަލުވިއެވެ. އަދި އަވައްޓެރިންނާމެދު އިންޑިއާއިން ގެންގުޅުނު ސިޔާސަތުތައްވެސް ވަރަށް ބޮޑަށް ބަދަލުވިއެވެ. އަވައްޓެރި އެހިނިހެން ޤައުމުތަކާމެދު ހަމަހަމަ ބައިވެރިން ކަމުގައި ދުށުމަކީ ކުރިންވެސް އިންޑިއާގެ ޚާރިޖީ ސިޔާސަތުގެ ބައެއް ނޫނެވެ. މިހާރު އެހެން ޤައުމުތަކާ އޮންނަ ގުޅުން "ޑޮމިނެންސް" ނުވަތަ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ބޭއްވުމުގެ މައްޗަށް ބިނާކުރަން އިންޑިއާއިން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންކަމަށް ސާދިއާ ލިޔުއްވިއެވެ.

ޔުނިވާސިޓީ އޮފް ވެސްޓާން ސިޑްނީގެ މުޙާޟިރު ބަދުރުލް ޚާން ލިޔުއްވައި އޮސްޓްރޭލިއަން އިންސްޓިޓޫޓް އޮފް ޕޮލިސީ އެންޑް ސަައެންސްއިން ޝާއިއުކުރި India and the making of Hegemon ގައި އޭނާ ލިޔުއްވާފައިވަނީ ފިނި ހަނގުރާމައިގެ ތެރޭގައި އިންޑިއާއިން ގެންގުޅުނު ވަކި އަތަކަށް ބުރަނުވުމުގެ ސިޔާސަތުގެ ސަބަބުން އެ ޤައުމަށް އެއިރު ކުރިމަތިވި ބައެއް ހިތްދަތި ކަންކަމުގެ ސަބަބުން އިންޑިއާގެ ޚާރިޖީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ޗައިނާއާއި އެމެރިކާގެ މެދުގައި އަދި އެ ދެ ޤައުމުން ގެންގުޅޭ ސިޔާސީ ފަލްސަފާތަކުގެ މެދުގައި އުފެދެމުންދާ ވާދަވެރިކަމުގައި އިންޑިއާއިން ބައިވެރިނުވެ އޮތުމަކީ އެ ޤައުމަށް މިހާރު ކުރެވޭނެ ކަމެއް ނޫންކަމަށް އެ ޤައުމުގެ ޚާރިޖީ ސިޔާސީ ތަޖުރިބާކާރުން ޤަބޫލުކުރެއްވި ކަމަށެވެ.

އަދި އިންޑިއާގެ ސައިޒާއި، އިޤުތިޞާދީ ބާރުވެރިކަމާއި، އުފެއްދުންތެރިކަމާއި، އެހެނިހެން ބައެއް ސިފަތަކުގެ ސަބަބުން ޒަމާނުއްސުރެ ދެކުނު އޭޝިޔާގައި އިންޑިއާއަށް ލިބިފައި އޮތް "ހެޖެމޮން"ގެ ދައުރު ދޫކޮށްލުމަށް އިންޑިއާއިން ބޭނުންނުވާއިރު ޗައިނާއަކީ އެ ދައުރު ހީނަރުކުރުމުގެ ޤާބިލުކަން އޮތް ބާރެއްކަމަށް އިންޑިއާއިން ޤަބޫލުކުރާކަމަށް ޚާން ލިޔުއްވާފައިވެއެވެ. އެ މަންޒޫރުން ބަލާއިރު ދެކުނު އޭޝިޔާގެ ޤައުމުތަކުން ޗައިނާއާ ގުޅުން ބަދަހިކުރުމަކީ އިންޑިއާއިން ދަމަހައްޓަމުން އައި މަޤާމަށް އުނިކަން ލިބި، އިންޑިއާގެ ޑޮމިނެންސް ގެއްލިދާނެ ސަބަބެއްކަމަށްވެސް އެ ޤައުމުން ދެކެއެވެ.

ޚުލާޞާއަކީ އިންޑިއާއަކީ މި ސަރަހައްދުގައި ޒަމާނުއްސުރެ ދެކުނު އޭޝިޔާގެ އެހެނިހެން ޤައުމުތަކުގެ މައްޗަށް ނުފޫޒު ފޯރުވަމުން އައި ޤައުމެއްކަމެވެ. ލަންކާގެ އަހުލީ ހަނގުރާމައިގައި އިންޑިއާއިން އަދާކުރި ދައުރާއި، ބޫޓާނުގެ އިޤުތިޞާދު އިންޑިއާގެ މައްޗަށް ބަރޯސާކޮށްފައި އޮތުމާއި، ނޭޕާލުގެ ޤާނޫނު އަސާސީ ހެދުމުގެ މައްޗަށް އިންޑިއާއިން ފޯރުވި ނުފޫޒާއި، ޕާކިސްތާނު ދެފަޅިކޮށް ބަންގުލަދޭޝް އުފެއްދުމުގައި އިންޑިއާއިން އަދާކުރި ދައުރަކީ މިދެންނެވި ނުފޫޒުގެ ބައެއް މިސާލެވެ. މިނުފޫޒު ހީނަރުވުމުގެ ބިރު ބޮޑުވާން ފަށާފައިވަނީ ޗައިނާއިން މި ސަރަހައްދުގެ ޤައުމުތަކާއެކު ޤާއިމުކުރަން ފަށާފައިވާ ގުޅުމުން ކަމެވެ. އެހެންކަމުން އިންޑިއާގެ ސަރަހައްދީ ނުފޫޒު ދެމިގެންދިއުމަށް ޗައިނާއާ މި ސަރަހައްދުގެ ޤައުމުތަކާ ގުޅުން ބަދަހިވިޔަނުދީ ހިފަހެއްޓުމަކީ އިންޑިއާގެ މަސްލަހަތު އޮތް ގޮތް ކަމެވެ.

ވާދަވެރިކަމުގެ ތެރެއިން އައު ސަރުކާރުގެ ޕްރޯ މޯލްޑިވްސް ޕޮލިސީ

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އަދި އިންތިޚާބުވެވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތު އިއުލާނުކުރެއްވިއެވެ. "ޕްރޯ މޯލްޑިވްސް" ސިޔާސަތެވެ. އެ ސިޔާސަތުގެ އަސާސް ވަރަށް ޚުލާޞާކޮށް ވިދާޅުވެދެއްވަމުން "ޓައިމްސް އޮފް އިންޑިއާ" ނޫހަށް ޖަނަވަރީ މަހު ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ ރާއްޖެއިން ގެންގުޅެނީ ވަކި ޤައުމަކާ ދެކޮޅުވުން ނުވަތަ އެއްކޮޅުވުމުގެ ސިޔާސަތެއް ނޫން ކަމަށެވެ. ރާއްޖެއިން މަސައްކަތްކުރާނީ ރާއްޖޭގެ އަމިއްލަ މަސްލަހަތުތައް ހާސިލުކުރެވޭނެ ގޮތަށް ކަމަށެވެ.

ޗައިނާއަށް ރައީސް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ރައީސްވަނީ ޗައިނާއާ ރާއްޖޭގެ ގުޅުމުގެ ހަތަރު އަސާސެއް ފާހަގަކުރައްވާފައެވެ. އެއީ އެއް ޤައުމުން އަނެއް ޤައުމަށް އިހުތިރާމުކުރުމާއި، އެއް ޤައުމުން އަނެއް ޤައުމުގެ ސަރަހައްދީ ނަޒާހަތަށާއި ރައްކާތެރިކަމަށް ރިއާޔަތްކުރުމާއި، ދާޚިލީ ކަންކަމަށް ފާޑުކިޔައި އަތް ބާނައި ނުހެދުމާއި، ދެ ޤައުމުގެ ގުޅުން ސިޔާދަތީ ހަމަހަމަކަމުގެ މައްޗަށް ބިނާކުރުމެވެ.

"ޓައިމްސް އޮފް އިންޑިއާ"އަށް ދެއްވި ބަސްދީގަތުމުގައި ރައީސް ވިދާޅުވީ "ޕްރޯ މޯލްޑިވްސް" ސިޔާސަތުގެ މައިގަނޑު އަސާސަކީ ދިވެހިރާއްޖޭގެ މަސްލަހަތުތައް ހިމާޔަތްކުރެވޭނެ މަގަކުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށް، ބައިނަލްއަޤުވާމީ މަސްރަހުގައި މަސައްކަތްކުރުން ކަމަށެވެ. ރާއްޖެއަށް ދެމެހެއްޓެނެވި ޝާމިލު ތަރައްޤީ ހޯދުމާއެކު، ބައިނަލްއަޤުވާމީ އަދި ސަރަހައްދީ ސުލްހަމަސަލަސްކަން އެގޮތުގައި ދެމެހެއްޓުމަކީވެސް އެ ސިޔާސަތުގެ އަމާޒެެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޗައިނާއަށް ކުރެއްވި ޒިޔާރަތަށް ފަހު އެމަނިކުފާނު އިއުލާނުކުރެއްވި ދާޚިލީ ވަރަށް ގިނަ ސިޔާސަތުތައް ބައްޓަންވެފައި އޮތީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމުގެ މައްޗަށެވެ. އިސްތިޤުލާލު ނުވަތަ އެހެން ޤައުމެއްގެ މައްޗަށް މިނަށްވުރެ ބޮޑަށް ބަރޯސާވާވުން ކުޑަކުރުމަށެވެ. އެގޮތުން ކާޑުގެ ބާވަތްތައް ތުރުކީއާއި އެހެނިހެން ޤައުމުތަކުން ރާއްޖެއަށް ގެނައުމާއި، ބޭސް ޔޫރަޕުން ގެންނަން ފެށުމާއި، ބޭސްފަރުވާގެ ޚިދުމަތް އެންމެ ޒަމާނީ ފެންވަރުގެ ޚިދުމަތް ލިބޭ ޤައުމުތަކުން ދިވެހިންނަށް ލިބޭނެ ގޮތް ފަހިކުރުމަކީ މިދެންނެވިހެން ވަކި ޤައުމަކަށް ބަރޯސާވާވުން ކުޑަކުރާނެ ސިޔާސަތުތަކެވެ.

ޗައިނާގެ ޚާރިޖީ ސިޔާސަތު އެމައްޗަށް ބިނާވެފައިވާ ފަލްސަފީ އަސާސްތަކާއި، އިންޑިއާއިން ދެކުނު އޭޝިޔާގައި ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ޙަޤީޤީ އަމަލީ އަމާޒަށް ބަލާއިރު، ރާއްޖެއަށް ފުރިހަމަ މާނާގައި ހިންދެމިލުމަށް ޗައިނާއަކީ މުހިއްމު ބައިވެރިއެކެވެ. މި ސަރަހައްދުގައި އިންޑިއާއިން ޤާއިމުކޮށްފައިވާ ހެޖެމޮނިކް ޑޮމިނެންސް ނުވަތަ އެއް ޤައުމުގެ ފުރިހަމަ ބާރުވެރިކަމުން ބޭރުވެ އަމިއްލައަށް އަމިއްލަ މަސްލަހަތުގައި މަސައްކަތްކުރެވޭނެ ޤައުމަކަށް ރާއްޖެވުމަށް ޗައިނާގެ އެހީތެރިކަން ބޭނުންވާނެއެވެ. އެކަން އިންޑިއާއަށްވެސް އެނގޭނެއެވެ.

ދެން އޮތީ އިންޑިއާގެ ޖީބުން ޗައިނާގެ އުނގަށް ދިއުމުގެ ވާހަކައެވެ. ދާޚިލީ ކަންކަމަށް އަތް ނުބާނައި، ރާއްޖެއިން ބޭނުންވާ ގޮތަށް ރާއްޖެއަށް އެންމެ ބޮޑު މަންފާއެއް ލިބޭނެ ގޮތަށް ބައްޓަންކުރާ ސިޔާސަތުތަކެއް ހިންގުމަށް ޤައުމަކުން އެހީވުމަކީ ރާއްޖެ އެ ޤައުމެއްގެ އުނގަށް ވެއްޓުމެއް ނޫނެވެ. ރާއްޖެ ހަމަ އިސްކޮޅަށް ތެދުވުމަށް އެ ޤައުމެއްގެ އެހީތެރިކަން ހޯދުމެވެ.

މި ލިއުމާއި ގުޅޭ