ރޯދަހުގެ ފަހު 10 ބަންދުވުމުން އެކަޑަމިކް ކަލަންޑަރަށް ބަދަލުތަކެއް އަންނާނެކަމަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އެގޮތުން، ރޯދަމަހުގެ ފަހު 10 ބަންދުވުމާއި ގުޅިގެން އެކަޑަމިކް ކަލަންޑަރަށް އަންނަ ބަދަލުތަށް މި ހަފްތާ ނިމުމުގެ ކުރިން ޢިއުލާންކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. އެގޮތުން، މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ވަނީ ނިންމަފާވައެވެ.
ރޯދަ މަސް ފެށެން ބާކީ 63 ދުވަސް އޮތް އިރު ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުމުން ނިންމައި ޗުއްޓީ ދުވަސްތައް ހަމަވުމުން، މަދަރުސާތަކުން 2 ވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވެއެވެ. އެގޮތުން، 2 ވަނަ ޓާމުގެ ކިޔެވުން ފަށާފައިމިވަނީ، ސްކޫލްތަކުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވުމަށްފަހުގައިކަމަށް ވަޒީރު ޑރ. ޝަފީއު ވިދާޅުވެފައިވެއެވެ. އަދި، ވަޒީރު ވިދާޅުވީ، ރަމަޟާން މަހުގެ ފަހު 10 އަކީ ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައެޅުއްވި ކަމުގައިވިއަސް، ސިލަބަސް ކަވަރުކުރުމަކީ ދަތިކަމަކަށް ނުވާނެކަމަށެވެ.
"މިހާރުވެސް ވާނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސްޕަލުންނާއި ބައްދަލުކޮށް ކަލަންޑަރަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައި," މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިދިޔަ ޗުއްޓީގައި ބިދޭސީ މުދައްރިސުންގެ ތެރެއިން ބައެއް ބޭފުޅުން ޗުއްޓީއަށް ދިއުމަށްފަހު ވަޒީފާއިން ކެނޑިފައިވާކަމަށެވެ. ނަމަވެސް، އެކަން ހައްލުކުރުމަށްޓަކައި އެ މަގާމަށް އައު ޓީޗަރުން ހަމަޖައްސާފައިވާނެކަމަށާއި، އެ ޓީޗަރުން ހަފްތާއެއްގެ ތެރޭ ތައުލީމީ ޓީމާއި ގުޅޭނެކަމަށް ވަޒީރު މައުލޫމާތު ދެއްވިއެވެ.