މިއަދު ރާއްޖޭގެ ހުރިހާ ސްކޫލްއެއްގެ ކިޔެވުން ފަށާފައިވަނީ ގައުމީ ސަލާމުންނެވެ.
ފުރަތަ ޓާމުގެ ކިޔެވުން ނިމި ޗުއްޓީއިން ދަރިވަރުން އަނބުރާ އައުމުން، ރާއްޖޭގެ ސްކޫލްތަކުން މިއަދު ދެވަނަ ޓާމުގެ ކިޔެވުން ފަށާފައިވެއެވެ. އެގޮތުން، މިއަދު ރާއްޖޭގެ ކޮންމެ ސްކޫލްއެއްގެ ކިޔެވުން ފަށާފައިވަނީ، ގައުމީ ސަލާމުގެ އަޑުންނެވެ.
ފަހަކަށް އައިސް ބައެއް މަދަރުސާތަކުގައި ގައުމީ ސަލާމް ނުޖަހައެވެ. އެކަން ބޮޑަށް ފާހަގަކޮށްލެވެނީ އިންޓަނޭޝަނަލް ތަންތަނުގައެވެ. އެކަމުގެ ސަބަބުން ދަރިވަރުން ގައުމިއްޔަތަށް އޮންން ލޯތްބަށް ހީނަރުކަން އަތުވެދާނެކަމުގެ ބިރު ސަރުކާރުން ފާޅުކޮށްފައިވެއެވެ.
އެގޮތުން، މީގެ ފަހުން ރާއްޖޭގެ ހުރިހާ ސްކޫލްއެއްގެ ކިޔެވުން ފެށުމުގެ ކުރިން ގައުމީ ސަލާމް ދަރިވަރުންނަށް އިއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ނިންމަވާފައިިވެއެވެ. އެމަނިކުފާނު ވިދާޅުވީ، ދަރިވަރުން ކޮންމެ ދުވަހަކު ކިޔަވަން ފެށުމުގެ ކުރިން ގައުމީ ސަލާމް ޖެހުމުން ދަރިވަރުންގެ ހިތްތަކުގައި ގައުމިއްޔަތަށް އޮންނަ ލޯބި އާލާވާނެކަމަށެވެ.
މީގެ ކުރިން ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވީ ގައުމީ ސަލާމް ކިޔުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫންކަމަށެވެ. ނަމަވެސް، އެއީ ދީނާއި ގުޅުން ހުރިކަމެއް ނޫންކަމަށާއި، އެއީ ދިވެހީންގެ އާދަކާދައާއި ގުޅުންހުރި ކަމެއް ކަމަށް ނިންމައި، މިދިޔަ މަހުގެ 19 ވަނަ ދުވަހު ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާއެއް ނެރެފައިވެއެވެ.