Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

ދިވެހި ޒުވާނުން ޓޫރިޒަމް އިންޑަސްޓްރީއަށް އިންވެސްޓްކުރަންޖެހޭ: ފައިސަލް

ދިވެހި ޒުވާނުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓުކުރަން ޖެހޭ ކަމަށާއި، ނޫންނަމަ ދިވެހިންގެ އަތުން އެ އިންޑަސްޓްރީ ބީވެގެން ހިނގައިދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ޓީވީއެމް އިން މިއަދު ގެނެސްދިން "ހެއްޔަންބޯ" ޕްރޮގުރާމުގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، މި ސަރުކާރުން އެންމެ އިސްކަމެއް ދޭނެ އެއް ކަމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ތިބި ދިވެހި ޒުވާނުންގެ ހައްގުތައް ކަށަވަރު ކުރުން ކަމަށެވެ.
އެ ދާއިރާގައި ދިވެހިންނަށް ގޮންޖެހުންތަކެއް ވެސް ހުރި ނަމަވެސް މިނިސްޓަރު އިރުޝާދު ދެއްވީ އެ ގޮންޖެހުންތަކާ ދިވެހި ޒުވާނުން ކުރިމަތިލައި، ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ވަނުމަށެވެ.
"ޒުވާނުން ވަރަށް ބޮޑަށް ވިޔަފާރި ތެރެއަށް، ޓޫރިޒަމްގެ ވިޔަފާރި ތެރެއަށް ވަންނަންވީ. އެހެންނޫނީ އަޅުގަނޑުމެންގެ އަތުން މި އިންޑަސްޓްރީ ބީވެގެން ހިނގައިދާނެ،" ފަތުރުވެރިކަމަށް ދިވެހި ޒުވާނުން އިންވެސްޓު ކުރުމަށް ބާރުއަޅުއްވައި މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މި ސަރުކާރުން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވާލަން ރައީސް ޑރ. މުއިއްޒަށް ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް އިންޑަސްޓްރީ އިތުބާރު ކުރައްވައި އަޅުގަނޑު ކަހަލަ ޒުވާނަކަށް ރައީސް ދިނުމަކީ ހާއްސަކޮށް މިކަމުގައި ޒުވާނުން ވަރަށް ޕޮޒިޓިވްކޮށް ވިސްނަންވީ ކަމެއް،" މަސައްކަތް ކޮށްފިނަމަ ކޮންމެ ޒުވާނަކަށް ވެސް އެހިސާބަށް ދެވިދާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ފަތުރުވެރިކަމަށް އޮތް ޕްލޭންތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އެންމެ އިސްކަމެއް ދޭނެ އެއް ކަމަކީ ފަތުރުވެރިކަމަށް ދޫކޮށް، ނުހެދި ގިނަ ދުވަސްވެފައިވާ ރަށްތައް ތަރައްގީކުރުން ކަމަށެވެ. އެގޮތުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ 63 ރަށް އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ޒުވާނުންނާއި އަންހެނުންނަށް ޓޫރިޒަމްގެ ދާއިރާއިން ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން، ސްކޮލަޝިޕްތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުން ފާހަގަކުރެއްވި އެވެ.
މި ލިއުމާއި ގުޅޭ