ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލުގެ އިޚުތިޞާޞުގެ ދަށަށް ބަދަލުކުރެއްވުމަށް ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް، އެ ޚިދުމަތްތައް ކައުންސިލުގެ އިޚުތިޞާޞުގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މާލެ ސިޓީގެ މޭޔަރުކަމުގައި ރައީސް ހުންނެވި އިރުއްސުރެ އެމަނިކުފާނު ގެންދެވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް އާބަންކޯއިން ވަކިކޮށް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ގޮވައިލައްވަމުންނެވެ. އަދި އެކަމަށް އެއިރުގެ ސަރުކާރުގައި އެދިވަޑައިގެން މަސައްކަތްކުރެއްވިއެވެ.
ކުރީ ސަރުކާރުން އެކަން ހަމަޖައްސަން ބުނެފައި އޮތް ނަމަވެސް އެކަން ހަމަނުޖެހި، މާލެ ސިޓީ ކައުންސިލަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ބަދަލުނުކުރެވި އޮތުމުން އެމައްސަލަ ހައްލުކުރައްވަން ރިޔާސީ އިންތިޚާބުގައި ރައީސް ޑރ.މުޢިއްޒު ވައުދުވެވަޑައިގަތެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ޤާނޫނުގައި ބުނެފައިވާ ގޮތަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ޖަނަވަރީ 1، 2024 ވަނަ ދުވަހުން ފެށިގެން ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން މުނިސިޕަލް ޚިދުމަތް ދޭ އޮފީހާއި އެކަމަށް ބޭނުންވާ އާލަތްތަކާއި މެޝިނަރީއާއި މުނިސިޕަލް ބިމާއި މުވައްޒަފުންނާއި އެނޫންވެސް ވަސީލަތްތައް އެއް މަސް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ފޯރުކޮށްދެއްވަން ނިންމަވާފައިވާ ކަމަށެވެ.
އޭގެ އިތުރަށް ރައީސް ވިދާޅުވީ މިހާރު ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތްތައް ދޭ އާބަންކޯގެ މުވައްޒަފުންގެ ތެރެއިން ސިޓީ ކައުންސިލަށް ބަދަލުކުރާ މުވައްޒަފުންނަށް ކުރިން ލިބުނު މުސާރަ އެއް އަހަރު ދުވަހަށް ލިބޭނެ ކަމަށެވެ.
އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރެއްވުމާއެކު، ރައީސް ވިދާޅުވީ މިނިންމުމުގެ އިތުރު ތަފުސީލުތައް ފަހުން އިއުލާނުކުރާނެ ކަމަށެވެ.