އިޖުތިމާއީ ގެދޮރުވެރިކަމުގެ ޕްރޮގުރާމުތަކުގެ ތެރެއިން ދޫކޮށްފައިވާ ފުލެޓުތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ މައާފުކޮށްދީފިއެވެ.
ފުލެޓުތަކަށް ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތައް މައާފުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެ ވައުދުފުޅަކީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ތަންފީޒުކުރައްވަން ނިންމަވާފައިވާ ކަމެކެވެ.
މިއަދު އާބަންކޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތައް 31 ޑިސެންބަރު 2023 ވަނަ ދުވަހާ ހަމައަށް މައާފުކޮށްދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
ޖޫރިމަނާ މައާފުކުރުމާއެކު، ކުލިނުދެއްކި ހުރި ފަރާތްތަކަށް ނުދެއްކި ހުރި ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުުގެ ގޮތުން ނުދެއްކި ހުރި ފައިސާ ބަހާލައިގެން ދެެއްކޭނެ އިންތިޒާމުވެސް އެ ކުންފުނިންވަނީ ހަމަޖައްސާފައެވެ.
ކުލި ނުދެއްކުމާ ގުޅިގެން ޖޫރިމަނާކުރަމުން އައި އުސޫލުތަކަށްވެސް އާބަންކޯއިން ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ފައިސާ ދެއްކުން ލަސްވެގެން ނަގާ ޖޫރިމަނާއަކީ މަހެއްގެ މައްޗަށް ކުލީގެ ގޮތުގައި ދައްކާ އަދަދުގެ %1 ކަމަށް ކަނޑައަޅާފައިވެއެވެ.
މި ބަދަލުގެ ސަބަބުން ދުވަހުން ދުވަހަށް ޖޫރިމަނާ އިތުރުނުވާނެކަމަށާއި، ޖޫރިމަނާ ދައްކަންޖެހޭ ފަރާތަށް ޖޫރިމަނާގެ ގޮތުގައި އަރާނެ ވަރު ކުރިއާލައި އެނގޭނެކަމަށް އާބަންކޯއިން ބުނެއެވެ.
ޖޫރިމަނާގެ ގޮތުގައި ކުރިން އަހަރަކަށް ކުލީގެ %18 އިންސައްތަ ދައްކަންޖެހޭކަން އާބަންކޯއިން ފާހަގަކުރިއެވެ.
ޖޫރިމަނާއަށް ގެނައި ބަދަލާއެކު ދައްކަންޖެހޭ %1 ޖޫރިމަނާ ފައިސާ ނަގައި ބޭނުންކުރާނީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ޞަދަޤާތަށް ހޭދަކުރާ ގޮތަށް ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
މި އުސޫލަށް ކުލީގެ ކަންކަން ބަދަލުކުރަން އެދޭ ފަރާތްތަކަށް އެކަމަށް އެދޭ ފޯމު ފުރުމަށްފަހު އީމެއިލް މެދުވެރިކޮށް އާބަންކޯއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ޖަނަވަރީ 10، 2024 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައި އޮންނާނެއެވެ.